އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރެވެެނިއު ސްޓޭމްޕް ޖެހުމަށް 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގާނޫނު އުވާލަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.
އެ ބިލުގައި ބުނެފައިވަނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދަށް ބަލާއިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށެވެ.
އަދި ސްޓޭމްޕުން ލިބޭ ފައިސާއަކީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީއާއި އެނޫންވެސް ފައިސާގެ ތެރެއިން ހަމަޖެއްސޭނެ އާމްދަނީ އެއް ކަމަށެވެ.
އެކަމުގެ ސަބަބުން ހިދުމަތްތައް ހޯދައި ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ދައުލަތުގެ އާމްދަނީއަށް އަސަރުކުރާ ބިލެއް ކަމުން އެ ބިލު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ފެންނަ ކަމަށެވެ.
އެއާއެކު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން ފާސްކުރި ބިލު ރައީސް ސޯލިހު މިއަދު ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިއަދުން ފެށިގެން ރެވެނިއު ސްޓޭމްޕް އުވުނީ އެވެ.
ރެވެނިއު ސްޓޭމްޕް އުވާލުމުން ދައުލަތުގެ އާމްދަނީއަށް ކުރާނީ ކޮން އަސަރެއް؟
މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ރެވެނިއު ސްޓޭމްޕްގެ ނިޒާމު އުވާލައިގެން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު ވެސް ހިމަނާފައިވެ އެވެ.
އެގޮތުން، ފާއިތުވި ދެ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ސްޓޭމްޕް ވިއްކައިގެން 2019 ވަނަ އަހަރު ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު އުޅެނީ 3.9 މިލިއަން ރުފިޔާގަ އެވެ.
އަދި މިއަހަރު 3.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ސްޓޭމްޕް ޕްރިންޓުކުރަން 547،228 ރުފިޔާ ހޭދަވި ކަމަށް ބުނެފައިވެ އެވެ.
ގާނޫނު އުވާލާއިރު، މިވަގުތު ޕްރިންޓްކޮށްފައިހުރި ސްޓޭމްޕްގެ އަދަދުތައް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
އެގޮތުން، 10 ލާރީގެ ސްޓޭމްޕުން ފެށިގެން 10،000ރ. އާ ހަމައަށް ރާއްޖޭން ތަފާތު އަގުތަކުގެ ޖުމްލަ 13 ސްޓޭމްޕެއް ޕްރިންޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ގާތްގަނޑަކަށް 460،000 ސްޓެމްޕް ސްޓޮކުގައި އެބަހުއްޓެވެ.
އޭގެ ތެރެއިން މިވަގުތު އެންމެ ގިނައިން ޕްރިންކޮށްފައިހުރީ 100ރ. ގެ 111،641 ސްޓޭމްޕާއި އާއްމުކޮށް އެންމެ ގިނައިން ބޭނުންވާ 10ރ. ގެ 92،652 ސްޓޭމްޕެވެ.













