އިދިކޮޅު ޕާޓީ، ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމުގެ "މަވެސް ޕީޕީއެމް" ކެމްޕޭން އަލުން ފަށައިފި އެވެ.
ކޮވިޑް-19އަށް މެދުކަނޑާލުމަށް ފަހު، ކެމްޕޭން އަލުން މި ފެށީ ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުން އިސްނަގައިގެންނެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު ފެށި ކެމްޕޭނުގެ އަމާޒަކީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެ ޕާޓީއަށް އިތުރު 10،000 މެމްބަރުން ހަމަކުރުން ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި މެމްބަރުން އިތުރުކުރުމުގެ ކެމްޕޭން މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ކުރިއަށް ދާނެ އެވެ.
"މި ހަރަކާތަކީ އަޅުގަނޑުމެންގެ ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ރިޔާސަތަށް ގެނައުމަށްޓަކައި އަޅުގަނޑުމެން ކުރާ މައްސައްކަތްތަކަށް އިތުރު ފޯރިޔަކާ އިތުރު ޖޯޝެއް ގެނައުމަށް އަންހެނުންގެ ހަރަކާތުގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ކަމެއް." ހީނާ ވިދާޅުވި އެވެ.

މީގެ ކުރިންވެސް ޕީޕީއެމުން ވަނީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކު ހަރަކާތްތައް ހިންގައިފަ އެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި ރަށު ގޮފިތައް ހެދުމާއި އަވަށު ގޮފިތައް ހަދާ ރަޖިސްޓްރީ ކުރުންފަދަ ހަރަކާތްތައް އެ ޕާޓީގެ ފަރާތުން ވަނީ ހިންގައިފަ އެވެ.
އޮގަސްޓް 17، 2011 ގައި އުފެއްދި ޕީޕީއެމްގައި މިވަގުތު 38،020 މެމްބަރުން ރަޖިސްޓްރީ ވެފައި އެބަ ތިއްބެވެ. އެ ކޯލިޝަންގެ ޕީއެންސީ ޕާޓީގެ އަދަަދަކީ 3084 މެމްބަރުންނެވެ.













