މިލާން (ޖުލައި 9) - ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ، ދެ މިލިއަން ޑޮލަރުގެ ފީ އަކަށް އިޓަލީގެ ގަދަބާރު އޭސީ މިލާނަށް ބަދަލުވާން ނިންމައިފި އެވެ.
މިދިޔަ ސީޒަން ނިމުނުތަނުން ޗެލްސީން ވަނީ ޖިރޫއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކޮށްފަ އެވެ. ބެލެވޭގޮތުގައި އެއީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޖިރޫ ކްލަބް ބަދަލުކުރުން ހުއްޓުވުމުގެ ގޮތުންނެވެ.
ސްކައި އިޓާލިއާ އިން ރިޕޯޓްކުރާ ގޮތުގައި ޖިރޫ ހޯދަން މިލާނުން ފުރަތަމަ ހަރަދުކުރާނީ އެއް މިލިއަން ޑޮލަރެވެ. އަނެއް އެއް މިލިއަން ޑޮލަރު ދޭނީ ބަހާލައިގެން ކޮންޓްރެކްޓްގެ މުއްދަތުގައި ވަކި ކަންތައްތަކެއް ފުރިހަމަވުމުންނެެވެ. މިލާނާ އެކު ޖިރޫ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ ސީޒަނެއްގެ މައްޗަށް ހަތަރު މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ގޮތަށެެވެ.
އުމުރުން 34 އަހަރުގެ ޖިރޫ ވާނީ ޗެލްސީ ދޫކޮށް މި ފަހަރު މިލާނާ ގުޅޭ ދެ ވަނަ ކުޅުންތެރިއާ އަށެވެ. މީގެ ކުރިން މިލާނުން ވަނީ ޗެލްސީގެ ޒުވާން ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ގަނެފަ އެވެ. މިދިޔަ ސީޒަނުގައި މިލާނަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު އުމުރުން 23 އަހަރުގެ ޓޮމޯރީ ގަންނަން މިލާނުން 30 މިލިއަން ޑޮލަރު ހަރަދުކުރި އެވެ.
މިލާނުން މިދިޔަ އަހަރު ވެސް ޖިރޫ ލިބޭތޯ މަސައްކަތްކުރި އެވެ. އޭރު އޭނާ ކްލަބް ބަދަލުނުކުރި އެންމެ ބޮޑު ސަބަަބަކީ ކޮވިޑް-19ގެ ތެރޭގައި އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންނުވާތީ އެވެ.
ފްރާންސްގެ މޮންޓެޕިއޭއާ އެކު 2012 ވަނަ އަހަރު ފްރެންޗް ލީގު ކާމިޔާބުކުރި ޖިރޫ ދެން ބަދަލުވީ އާސެނަލް އަށެވެ. އާސެން ވެންގާގެ އެދުމަށް އާސެނަލުން ޖިރޫ ގަތީ 14 މިިލިއަން ޑޮލަރު ދީފަ އެެވެ. އެ ޓީމާ އެކު ތިން ފަހަރު އެފްއޭ ކަޕް ކާމިޔާބުކުރި އެވެ.
ޖިރޫ، ޗެލްސީ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެ ޓީމާ ގުޅުނީ ފަސް މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އޭނާ ވަނީ ޗެލްސީއާ އެކު އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގެ އިތުރުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
ޖިރޫ ވަނީ ފްރާންސަށް ކުޅުނު 110 މެޗުން 46 ގޯލު ޖަހައިފަ އެވެ. އަދި އޭނާ އަކީ 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. މި ފަަހަރުގެ ޔޫރޯގައި ޖިރޫ ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.












