ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަން ޖެހޭ ތިން މެންބަރަކު އައްޔަނުކުރުމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
މިއަދުގެ ޖަލްސާގައި ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭގެ ބޯޑަށް ރައީސް ހުށަހަޅުއްވާ ބޭފުޅުންގެ ނަންތައް ވަނީ އިއްވައިފަ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ވެސް ހިމެނެން ޖެހެ އެވެ.
ރައީސް ހުށަހެޅުއްވި ނަންތައް
- އަޒްހާ ޒަމީރު / މ. ލިލީޒް
- އައިމިނަތު އަލީ / ދަފްތަރު
- ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ
- ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން
- އައިޝަތު ޝީޒާ / ޝާޒީބިން ބ. ކެންދޫ
އޭގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ތިބޭނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި އަތޮޅު ރައީސުންގެ ތެރެއިން މެންބަރަކާއި، ފިނޭންސް މިނިސްޓްރީން މިނިސްޓަރު ކަނޑައަޅާ މުވައްޒަފެކެވެ.

ފަސް އަހަރުގެ ދައުރެއް ކަނޑައަޅާފައިވާ ބޯޑުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް ވަނީ އައްޔަން ކުރައްވާފަ އެވެ.
އަދި އެލްޖީއޭގެ ބޯޑަށް ލޯކަލް ކައުންސިލްތަކުގެ ފަރާތުން އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.











