ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް

Jul 6, 2021, 9:44 PM
ޕެނަލްޓީން މޮޅުވުމަށް ފަހު އިޓަލީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީން މޮޅުވުމަށް ފަހު އިޓަލީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖުލައި 7) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން 4-2 އިން ސްޕެއިން ބަލިކޮށް އިޓަލީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި އިޓަލީ މޮޅުވީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މިއީ އިޓަލީން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖެހިޖެހިގެން ސްޕެއިން ކަޓުވާލި ދެ ވަަނަ ފަހަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރުގެ މުބާރާތުގައި އިޓަލީން ސްޕެއިން ކަޓުވާލީ ދެ ވަނަ ބުރުގަ އެވެ. އެކަމަކު ކުއާޓާގައި ޕެނަލްޓީ ޖަހައިގެން އިޓަލީ ވަނީ ޖަރުމަނު އަތުން ބަލިވެފަ އެވެ.

މި މެޗުން މޮޅުވެ، އިޓަލީން ވަނީ އެ ޓީމުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑް އިތުރަށް ފުރިހަމަކޮށްފަ އެވެ. އިޓަލީ އެންމެ ފަހުން ކުޅުނު 33 މެޗުން ވެސް ބަލިވެފައިނުވެ އެވެ. މި ފަަހަރުގެ ފައިނަލުގައި އިޓަލީ ކުޅޭނީ މާދަމާރޭ ދެ ވަނަ ސެމީގައި ޑެންމާކާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އިޓަލީ އެންމެ ފަހުން ޔޫރޯ ފައިނަލުގައި ކުޅުނީ 2012 ވަނަ އަހަރު އެވެ.

މި މެޗަށް ނުކުތްއިރު އިޓަލީގެ ވާތު ބެކް ލިއޮނާޑޯ ސްޕިނަޒޯލާ އަށް އަނިޔާވެގެން މުބާރާތް ނިމިފައިވާއިރު، އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅުނީ އެމަސަން ޕަލްމިއެރީ އެވެ. ސްޕެއިނުން ފޯވާޑް އަލްވާރޯ މޮރާޓާގެ ބަދަލުގައި ކުރިއަށް ބޭނުންކުރީ މިކޭލް އޮޔާޒަބާލް އެވެ. ފުރަތަމަ ފަސް މެޗުގައި އޮޔާޒަބާލް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ސްޕެއިނުން ބޯޅަ ހިފަަހައްޓައިގެން އިޓަލީ ހާފުގެ ތެރޭގައި ކުޅެމުން ދިޔަ އެވެ. އަދި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރި އެވެ. ސްޕެއިނަށް ލިބުނު ފުރަތަމަ ހުސް ފުރުސަތުގައި ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅަ އޮޔާޒަބާލް އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ.

އޭގެ ފަހުން ސްޕެއިންގެ ފެރާން ޓޮރޭޒް އޭރިއާބޭރުން ޖެހި ބޯޅައެއް ދަނޑި ކައިރިން ބޭރަށްދިޔައިރު، ފުރަތަމަ ހާފުގައި ސްޕެއިނުގެ އެންމެ ހުސް ފުރުސަތެއް ލިބުނީ ޑެނީ އޮލްމޯ އަށެވެ. އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީން ފުރަތަމަ ހާފުގެ ފަހު ދިހަ މިނިޓް ތެރޭގައި ކުޅުން ރަނގަޅުކުރި އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހަން ހަމަލާއެއް ފޮނުވާލި އެވެ. ލޮރެންޒޯ އިންސީނިއޭ ދިން ބޯޅައަކުން އޭރިއާތެރެއިން އެމަސަން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ކިއޭސާ ސްޕެއިންގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ދެ ޓީމުން ވެސް ރަނގަޅު ދެ ޝޮޓެއް ފޮނުވާލި އެެވެ. ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އިޓަލީގެ ފެޑެރީކޯ ކިއޭސާ ޖެހި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ.

ސްޕެއިނުން އިޓަލީ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް އިޓަލީން ވަނީ ކައުންޓަ އެޓޭކުގައި ލަނޑު ޖަހައިފަ އެވެ. އިޓަލީ އަށް ލީޑުނަގައިދިން ގޯލު ޖެހީ 60 ވަނަ މިނިޓްގައި ކިއޭސާ އެވެ. އިންސީނިއޭ ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ފޯވާޑް ޗީރޯ އިމޯބިލޭ އަށް ލިބުމުގެ ކުރިން ސްޕެއިނުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ޓެކަލްކުރި ބޯޅަ އޭރިއާތެރެއިން ހޯދައި ކިއޭސާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަންއިރު ކީޕަރު ސިމޯން ހުރީ ރަނގަޅަށް ހަރަކާތް ވެސް ނުކޮށެވެ.

އޭގެ ހަތަރު މިނިޓް ފަހުން ނަތީޖާ ހަމަހަމަކުރަން ސްޕެއިނުގެ އޮޔާޒަބާލަށް ލިބުނު ފުރުސަތުގައި އޭނާ ގޯލަށް ފޮނުވާލަން މަަސައްކަތްކުރި ބޯޅަ ބޮލުގައި ލައްވާލާގޮތެއް ނުވުމުން ފުރުސަތުގެ ބޭނުން ނުހިފުނީ އެވެ. އަދި ފަހުން އޮލްމޯ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިޓަލީގެ ޑޮމެނިކޯ ބެރާޑީ އެ ޓީމުގެ ލީޑުފުޅާކުރަން ޖެހި ބޯޅަ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެެވެ.

ސްޕެއިނުން ވަނީ ނަތީޖާ ހަމަހަމަކުރަން ބަދަލު ކުޅުންތެރިންގެ ގޮތުގައި މޮރާޓާ އާއި ޖެރާޑް މޮރޭނޯ އާއި ރޮޑްރީ ކުޅެން އަރުވައިފަ އެވެ.

ސްޕެއިނަށް އެއްވަރުކޮށްދިން ގޯލު ޖެހީ މޮރާޓާ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި އޮލްމޯ އާއި މޮރާޓާގެ ކޮމްބިނޭޝަނުން އުފެއްދި މި އެޓޭކުގައި އޭރިއާތެރެއިން މޮރާޓާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މި ގޯލާ އެކު މޮރާޓާ އަކީ ޔޫރޯ ތާރީހުގައި ސްޕެއިނަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2016 އާއި މި ފަހަރުގެ ޔޫރޯއާ އެކު ޖުމްލަ ހަ ގޯލު ޖަހައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު މޮރާޓާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ވަނީ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. ސްޕެއިނުން ވަނީ މި ފަހަރުގެ ޔޫރޯގެ ނޮކައުޓް ބުރުގައި އެ ޓީމު ކުޅުނު ތިން މެޗުގައި ވެސް އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފް ފެށިގެން ސްޕެއިނުގެ އޮލްމޯ ޖެހި ހިލޭ ޖެހުމެއް ކީޕަރު ޑޮންނަރުންމާ އަތުގައި ޖެހިފައި ލިބުމުން މޮރާޓާ ފޮނުވާލި ބޯޅަ އިޓަލީ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ. ދެ ވަނަ ހާފްގައި އިޓަލީގެ ބެރާޑީ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ރެފްރީ ވަނީ އެ ގޯލު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، ވެސް ދެ ޓީމަށް އިތުރު ގޯލެއް ނުޖެހޭތީ ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަަަހައިފަ އެވެ.

ޕެނަލްޓީގައި ފުރަތަމަ އިޓަލީގެ މެނުއަލް ލޮކަޓެލީ ފޮނުވާލުމުން ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ. ސްޕެއިނަށް ޕެނަލްޓީގައި ލީޑުނަގައިދޭން އޮލްމޯ ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން އިޓަލީން ވަނީ އަންދްރެއާ ބެލޮޓީ އާއި ބޮނޫޗީގެ އިތުރުން ފެޑެރީކޯ ބާނަޑެޝްކީގެ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އަދި ސްޕެއިނުން މޮރޭނޯ އާއި ތިއާގޯ އަލްކަންޓާރާގެ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް މޮރާޓާ ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮންނަރުންމާ މަތަކުރުމުން އިޓަލީ އަށް މޮޅުވާން ފުރުސަތު ލިބުނީ އެވެ. އިޓަލީ މޮޅުކޮށްދިން ޕެނަލްޓީ ވައްދާލީ ޖޯޖީނިއޯ އެވެ.

ސްޕެއިން މި ފަހަރުގެ މުބާރާތުގެ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް ބަލިކުރުމަށް ފަހު އެވެ. މިރޭ ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، ޔޫރޯ ތާރީހުގައި އެއްވެސް ޓީމަކަށް އެއް މުބާރާތެއްގައި ޕެނަލްޓީ ޖަހައިގެން ދެ މެޗުން މޮޅެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox