ބަގްދާދް، އިރާގް (ޖުލައި 6) - އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީ ހަތިޔާރާއެކު އުދުހެމުން ދިޔަ ޑްރޯނެއް ވައްޓާލައިފި އެވެ.
އެމްބަސީ ކައިރިން ޑްރޯން ވައްޓާލުމުގެ ކުޑައިރުކޮޅެއް ކުރިން އިރާގުގެ ހުޅަނގުގައި އެމެރިކާ ސިފައިން ތިބީ މަރުކަޒަކަށް ރޮކެޓު ހަމަލާއެއް ވެސް ދީފައި ވެ އެވެ.
އޭއެފްޕީން ރިޕޯޓު ކުރާ ގޮތުގައި ޑްރޯން ވައްޓާލީ އެމެރިކާގެ ޑިފެންސް ސިސްޓަމުން ވައިގެ ތެރެއަށް ފޮނުވި ރޮކެޓުތަކެއްގެ އެހީގަ އެވެ.
މި އަހަރުގެ ތެރޭގައި މިހާތަނަށް އިރާގުގައި އެމެރިކާއަށް އަމާޒުކޮށް 47 ހަމަލާ ދީފައި ވެ އެވެ. އިރާގުގައި 2،500 އެއްހާ އެމެރިކާ ސިފައިން ތިބީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ.
މި އަހަރު ދިން 47 ހަމަލާގެ ތެރެއިން ހަ ހަމަލާ ދިނީ ޑްރޯން ބޭނުންކޮށްގެންނެވެ. ޑްރޯންއަކީ ވައިގެ ޑިފެންސް ސިސްޓަމްތަކަށް ނުފެނި ހަމަލާ ދިނުމުގެ ބާރު ލިބިފައިވާ ޓެކްނޮލޮޖީއަކަށް ވާތީ، އެމެރިކާއިން އެކަމާ ވަރަށް ކަންބޮޑުވެ އެވެ.
އެމެރިކާއިން ދާދި ފަހުން ވަނީ އިރާގުގައި އެ ގައުމާ ދެކޮޅަށް ރާވާ ހަމަލާތަކުގެ މައުލޫމާތު ދޭ ފަރާތްތަކަށް ތިން މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.










