އިޓަލީ އިން ބަލަނީ ސްޕެއިން ކުޅޭ ސްޓައިލަކަށް ނޫން، ފޯކަސް އޮތީ މޮޅަކަށް

Jul 6, 2021, 4:59 AM
އިޓަލީ އިން ބަލަނީ ސްޕެއިން ކުޅޭ ސްޓައިލަކަށް ނޫން، ފޯކަސް އޮތީ މޮޅަކަށް

ލަންޑަން (ޖުލައި 6) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ސްޕެއިނާ ދެކޮޅަށް ކުޅޭއިރު، އެ ޓީމު ކުޅޭ ސްޓައިލަށް ބެލުމަކީ ގޯހެއް ކަމަށާއި މީގެ ފޯކަސް ކުރަންވީ އިޓަލީ މޮޅުވާން ކުރެވޭނެ މަސައްކަތަށް ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް އިޓަލީ ވަނީ މޮޅުވެފަ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 32 މެޗުން ވެސް ބަލިވެފައި ނުވެ އެވެ. އިޓަލީގެ ކޯޗުކަމާ މަންޗިނީ ހަވާލުވި ފަހުން ކުޅުނު 37 މެޗުގެ ތެެރެއިން 28 މެޗުން މޮޅުވިއިރު، 90 ގޯލު ވަނީ ޖަހައިފަ އެވެ. އިޓަލީ ކޮޅަށް ވަނީ 16 ގޯލެވެ.

މިރޭ ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، އިޓަލީން ބަލަން ޖެހޭނީ އަމިއްލަ ގޭމް ކުޅުމަށް ކަމަށް މަންޗިނީ ގަބޫލުކުރެ އެވެ.

"އަހަންނަށް ހިއެއްނުވޭ ދެ ޓީމަށް ވެސް ބޭނުންވާ ވަރަށް ޑޮމިނޭޓް ކޮށްގެން ކުޅެވިދާނެ މެޗެއް ހެން މިއީ. މިދިޔަ ވިއްސަކަށް އަހަރު ސްޕެއިނުން ދުނިޔޭގެ ފުޓްބޯޅަ އެކި ފަހަރު މަތިން ޑޮމިނޭޓްކޮށްފައި ހުރީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ޕާސިން ފުޓްބޯޅައިން. އެހެންވީމަ އަހަންނަށް ހިއެއްނުވޭ މި މެޗަށް އެ މީހުން ސްޓައިލް ބަދަލުކުރާނެ ހެން. މުހިއްމީ ސްޓައިލެއް ނޫން. މުހިއްމީ އިޓަލީގެ ގޭމް ކުޅެގެން ނަތީޖާ ނެރުން. އަހަރެމެންނަށް ކުއްލިއަކަށް ސްޕެއިންގެ ސްޓައިލަކަށް ބަދަލެއް ވެސް ނުވެވޭނެ،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަންޗިނީ ބުންޏެވެ.

އޭނާ ބުނީ ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ އަކީ ކާމިޔާބު ކޯޗެއް ކަމަށް ބަލަން ޖެހެނީ ހަމައެކަނި އޭނާ ބާސެލޯނާއާ އެކު ހޯދި ކާމިޔާބީތަކުގެ ސަބަބުން ނޫން ކަމަށާއި ސްޕެއިނުގައި ވެސް އޭނާ ރަނގަޅު ކަންތައްތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި އިޓަލީ އަކީ ފޭވަރިޓުންގެ ގޮތުގައި ސަޕޯޓަރުންނާއި މީޑިއާ އިން ދެކުނު ކަމުގައި ވިޔަސް އިޓަލީ ޓީމުން އެ ކަމަށް މާ ބޮޑަށް ނުވިސްނާނެ ކަމަށާއި އެ ޓީމުން ފޯކަސް ކުރާނީ ކުރިމަތީގައި އޮތް ޗެލެންޖަށް ކަމަށެވެ.

"އެއީ (މެޗުގެ ކުރިން މޮޅުވާނެ ކަމަށް ގަބޫލުކުރުމަކީ) ހެދޭނެ ގޯހެއް. އަހަރެމެން ކޮންމެ މެޗަަކަށް ވެސް ތައްޔާރުވަނީ ޗެލެންޖެއްގެ ގޮތުގައި ނަގައިގެން،" މަންޗިނީ ބުންޏެވެ.

އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން އިޓަލީ އަށް ސްޕެއިން ބަލިކުރެވުނީ ދެ ފަހަރު އެވެ. އެއީ 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗަކުންނާއި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުންނެވެ.

މި މެޗަށް ނުކުންނައިރު، އިޓަލީ އާއި ސްޕެއިނަށް ވެސް ޑިސެޑްވާންޓޭޖެއް އެބައޮތް ކަމަށް މަންޗިނީ ގަބޫލުކުރެ އެވެ. އެއީ މެޗު ކުޅޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމަށް ކަރަންޓީނަކާ ނުލައި އިޓަލީ އާއި ސްޕެއިން ސަޕޯޓަރުންނަށް ވަދެވޭނެ ގޮތެއް ނެތުމުންނެވެ. ހާއްސަކޮށް މެޗަށް ދަތުރުކުރާ ސަޕޯޓަރުންނަށް ވެސް ދަނޑަށް ވަދެވޭނީ މަދުވެގެން ފަސް ވަރަކަށް ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށްފަ އެވެ.

ޔުއެފާ އާއި އިނގިރޭސި ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ކަރަންޓީނު ވުމެއްނެތި ސެމީ ފައިނަލާއި ފައިނަލް މެޗަށް ދަނޑަށް ވަދެވޭނީ ހަމައެކަނި ވީއައިޕީގެ ގޮތުގައި ފުރުސަތު ދީފައިވާ 2500 މީހުންނަށެވެ.

ސެމީ ފައިނަލާއި ފައިނަލް މެޗު ބަލަން ވެމްބްލީ ސްޓޭޑިއަމަށް 60،000 ވުރެ ގިނަ ސަޕޯޓަރުން ވަންނަން ހަމަޖެހިފައިވާއިރު، ދަނޑުގައި ގިނަވާނީ ސްޕެއިނާއި އިޓަލީގެ މީހުންނަށް ވުރެ އިނގިރޭސި ސަޕޯޓަރުންނެވެ.

"މިއީ ވަރަށް ނާއިންސާފުން ދާ ކަމެއް. މެޗު ކުޅޭ ދެ ޓީމުގެ ގައުމަށް ނިސްބަތްވާ ސަޕޯޓަރުންނަށް ވުރެ އެހެން ގައުމެއްގެ ސަޕޯޓަރުންނަށް ފުރުސަތު ބޮޑުވާ ގޮތަށް އުސޫލުތައް މި ހުރީ. އަހަރެން މި މެޗު ކުޅެން ބޭނުމީ ދަނޑުގެ އެއް ފަޅީގައި އިޓަލީ ސަޕޯޓަރުން އަނެއް ފަޅީގައި ސްޕެއިން ސަޕޯޓަރުން ތިބޭ ކަހަލަ ގޮތަކަށް. އެކަމަކު އެ ފުރުސަތެއް ނެތް،" މަންޗިނީ ބުންޏެވެ.

އިޓަލީން ވަނީ މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލް މެޗު އެ ގައުމަށް ބަދަލުކުރަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު ލަންޑަނުން އެހެން ސަރަހައްދަކަށް މެޗުތައް ބަދަލުކުރަން ޔުއެފާ އިން ބޭނުމެއް ނުވި އެވެ.

ފައިނަލް މެޗަށް ތައްޔާރުވާއިރު، އިޓަލީ އަށް އޮތް އެންމެ ބޮޑު ގެއްލުމަކީ އެ ޓީމުގެ ފުލްބެކް ލިއޮނާޑޯ ސްޕިނަޒޯލާ އަށް އަނިޔާވެ މި ފަހަރުގެ ޔޫރޯގައި އޭނާ އަށް ދެން ނުކުޅެވުމެވެ. އޭނާ ވަނީ އިޓަލީ ކުޅުނު ފަސް މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅެ، ދެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. ސްޕިނަޒޯލާގެ މަގާމަށް ކުޅޭނީ އިނގިރޭސި ކްލަބް ޗެލްސީ އަށް ކުޅޭ ވާތުބެކް އެމަސަން ޕަލްމިއޭރީ އެވެ.

މިއީ ޔޫރޯ ތާރީހުގައި އިޓަލީ އާއި ސްޕެއިންގެ ހަތް ވަނަ ކުރިމަތިލުމެވެ. މިރޭގެ ސެމީ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox