ރިޕޯޓުޔޫތު ވިންގުގެ ރައީސްކަމުން ވަޒީރުކަމަށް: ކުރިއަށް ނެރުއްވަނީ ޖަޒީރާވަންތަ ސިޔާސަތުގެ އަޑު

ޔޫތު ވިންގުގެ ރައީސްކަމުން ވަޒީރުކަމަށް: ކުރިއަށް ނެރުއްވަނީ ޖަޒީރާވަންތަ ސިޔާސަތުގެ އަޑު

އޭނާ ގަބޫލުކުރައްވާ ގޮތުގައި ތިމާވެށީގެ ކަންކަން ހައްލުކުރުމުގައި ސިޔާސީ ކަންކަމާއި އިގްތިސާދީ ކަންކަން ހިމެނެ އެވެ. އެ ތިން ދާއިރާ ހިމެނޭގޮތުން ކިޔަވާ ވިދާޅުވީ އެ އަމާޒުތަކަކަށް ވާސިލްވުމުގެ ވިސްނުން މާ ކުރިން ވެސް ގެންގުޅުއްވުމުންނެވެ.

މިނިސްޓަރު ޝައުނާ "އަދަދު"އާ ވާހަކަ ދައްކަވަނީ: ތިމާވެށި ހިމާޔަތްކުރެއްވުމުގައި އިސްކަންދެއްވާނީ ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒުކުރައްވަން ކަަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
މިނިސްޓަރު ޝައުނާ "އަދަދު"އާ ވާހަކަ ދައްކަވަނީ: ތިމާވެށި ހިމާޔަތްކުރެއްވުމުގައި އިސްކަންދެއްވާނީ ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒުކުރައްވަން ކަަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒު ކުރައްވަން އޭނާ އަބަދުވެސް ޝައުގުވެރިވެވަޑައިގަންނަވަ އެވެ. މިކަމުގައި ލިބިވަޑައިގަތް އެއްވެސް ފުރުސަތެއް ދުލެއް ނުކުރައްވަ އެވެ. އެންމެ ފުރަތަމަ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ އިއްތިހާދު ސަރުކާރުގަ އެވެ. އެއީ އުނދަގޫ ތަޖުރިބާ އެކެވެ. އެކަމަށް 13 އަހަރު ފުރުނުއިރު، މިހާރު އެ ހުންނެވީ ޒުވާން އުމުރުގައި ވަޒީރުކަމުގަ އެވެ.

"އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖަކީ އަބަދުވެސް ހިދުމަތްކުރަން ބޭނުންވި ދާއިރާ. މިއީ، އަޅުގަނޑުގެ ޕާސަނަލް އިންޓްރެސްޓާ ގުޅިފައި އޮތް ވަރަށް ބައިވަރު މަސައްކަތް (ހިމެނޭ ދާއިރާއެއް)،" މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ކަމުގައި ދެއްވި ފުރަތަމަ އިންޓަވިއުގައި އައިމިނަތު ޝައުނާ "އަދަދު"އަށް ވިދާޅުވި އެވެ.

"މިނިވަން" ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވުމަށް ފަހު، 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސް އޮފީހުގައި މަސައްކަތް ކުރައްވަން ރައީސް އެދިވަޑައިގަތުމުން ޝަރުތެއް ވެސް ކުރެއްވި އެވެ.

މިނިސްޓަރު ޝައުނާ "އަދަދު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އަޅުގަނޑުގެ ޝަރުތަކަށް ވީ އެތަނުގައި ހަފުތާއެއް މަސައްކަތް ކުރުމަށް ފަހު ބޭނުން ނުވާ ނަމަ އަޅުގަނޑު ބަދަލުކޮށްދެއްވަން. ހަފުތާއެއް ވީ ދުވަހު ގޮސް ރައީސް އަރިހު ދެންނެވިން ޕޮލިސީ އޮފީހަށް އަޅުގަނޑު ބަދަލުކޮށްދެއްވަން، -- ޝައުނާ

"އަޅުގަނޑު ބޭނުން ވަނީ ވެސް ކްލައިމެޓް ޗޭންޖް އެންޑް އެންވާރަމެންޓަލް ޕޯޓްފޯލިއޯއޭ ވެސް ދެންނެވިން."

އެ ދައުރުގައި ޕޮލިސީ އޮފީހުގައި, މޫސުމަށް އަންނަ ބަދަލުތަކާއި ކާބަން ނިއުޓްރަލް ސިޔާސަތު އެކުލަވާލުމާއި ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލްގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމުގައި ވެސް އުޅުއްވި އެވެ.

ގިނަ މަސައްކަތްތަކަކަށް ފަހު މި ވެރިކަމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތަކުގައި ވެސް މިނިސްޓަރު ޝައުނާ އަދާކުރެއްވި ދައުރު ބޮޑެވެ. ސަރުކާރުގެ ވައުދު ފުއްދެވުން ހަލުވިކުރަން ކެބިނެޓަށް ފަހުން ގެންނެވި ބަދަލުތަކުގައި، ރައީސްގެ ހުށަހެޅުއްވުން ގަބޫލުކުރެއްވީ ތިމާވެށީގެ ދާއިރާއިން ކުރަން ހުރި މަސައްކަތްތަކުގެ ނާޒުކު ކަމާއި މުހިއްމު ކަމުންނެވެ.

އަންނަން އޮތް ޖީލުތަކަށް ތިމާވެށި ހިމާޔަތްކޮށްދިނުމުގައި، މި ވެރިކަމުގައި ދައުރުގެ ބާކީ އޮތް ދެ އަހަރާއި ބައިގެ މުއްދަތުގައި ޝައުނާގެ އެޖެންޑާގައި ހުރި ކަންކަން ގިނަ އެވެ. ތިމާވެށީގެ ދާއިރާ އިން ރާއްޖެ، ލީޑަރަކަށް ހައްދަވަން ރައީސް ސޯލިހް އިއުލާންކުރައްވާފައިވާ ވައުދުގެ ދަށުން ހަވާލުކުރެއްވި ޒިންމާތައް ވެސް އެހާމެ ބޮޑެވެ. ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރަށް ޓެކްނޮލޮޖީ ވެސް އެ ވަނީ އެ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ހިމަނުއްވައިފަ އެވެ.

މީގެ ތެރެއިން އިސްކަންދެއްވާ ތަރުތީބުން ޝައުނާ ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.

ކެބިނެޓާ ހަމައަށް، މަސައްކަތްތައް ކުރުކޮށް

ރަނގަޅު ސިޔާސަތުތައް ތަންފީޒު ކުރެއްވޭނީ ސިޔާސީ ކަންކަމުގައި އުޅެގެންނެވެ؛ ސިޔާސީ ކަންކަން ކުރައްވާ ބޭފުޅުންނާ މަޝްވަރާކުރެއްވި އެ ބޭފުޅުންގެ ނިންމެވުންތަކަށް ގޮތް ކިޔުމުގެ ފުރުސަތު ވެސް އޮވެގެންނެވެ.

ސިޔާސީ ދާއިރާއަށް ޝައުނާގެ ފުރަތަމަ ފިޔަވަޅަކީ ސަރުކާރުގެ ސިޔާސަތުތައް އޭރު ތަންފީޒުވެފައި ހުރި މިންވަރު އެމްޑީޕީގެ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ މެމްބަރުންނަށް ކިޔައި ދެއްވުމެވެ. އެ ކޮންގްރެސްގައި ޔޫތު ވިންގެއް އުފައްދަން ނިންމުމާ އެކު ވާދަކުރައްވަން ނިންމައި ރަށްރަށަށް ދަތުރުކޮށްގެން ބޮޑު ކެމްޕޭން ކުރެއްވި އެވެ.

އެފަހަރު ޔޫތު ވިންގުގެ ރައީސްކަން ކާމިޔާބު ވެސް ކުރައްވައި ޕާޓީގެ ހުރިހާ ކަމެއްގައި އުޅުއްވި އެވެ. އެއީ، ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއްގައި އަދި ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީއަކީ އެންމެ އަސާސީ ތަނބުކަމަށް ގަބޫލުކުރައްވާތީ އެވެ.

"އެންމެ ފުރަތަމަ ވެސް އަޅުގަނޑުގެ އިންވޯލްމަންޓް ފެށުނީ ސިޔާސަތުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި އިވޭލުއޭޝަން އާއި ކެމްޕޭންތައް ފަދަ ކަންކަމުގައި،" ޝައުނާ ވިދާޅުވި އެވެ.

މިކަމަށް ހުސްވެ އުޅުއްވަނިކޮށް، 2012 ގައި ކުރިމަތިލައްވަން ޖެހިވަޑައިގަތީ މިހާރު ވެސް ފަހަތަށް ބަލާލައިފި ނަމަ އެމްޑީޕީގެ ހަޔާތުގައި އެންމެ ހިތްދަތި، އުނދަގޫ، ހާލަތާ އެވެ. އެމްޑީޕީގެ ވެރިކަން ނިމި، 2012-2018 އަށް އެންމެ ދުވަހެއް ވެސް ޕާޓީގެ ކޮންމެވެސް ކަމެއްގައި ގިނަ ބަޔަކާ އެކު ނޫޅެއްވޭ ދުވަހެއް ޝައުނާގެ ހަނދާނަކަށް ނާދެ އެވެ.

އެމްޑީޕީން ބޭނުންވާ އިސްލާހީ ބަދަލާ ހަމައަށް ވާސިލްވާން ކުރި މަސައްކަތުގެ ތެރެއިން މުޒާހަރާތަކުގައި ފަހަތަށް ޖެހެން ދެކޮޅު ހެދުމުން ދެ ފަހަރަށް ޖަލަށް ވެސް ލި އެވެ.

"އުނދަގުލަށް ވުރެ އޮތީ އޭރު ބިރުވެރިކަމެއް، އެކަމަކު ކަންކަން ކުރަން އެމްޑީޕީގައި އަމާޒެއް އޮތް،" ޝައުނާ ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ އެކު މިނިސްޓަރު ޝައުނާ: އަބަދުވެސް މަސައްކަތް ކުރައްވަން ބޭނުންވީ ތިމާވެށީގެ ދާއިރާގައި.

އޭގެތެރޭގައި ސިޔާސީ ހަރަކާތްތަކުގައި ނުފޮރުޅާ އެންމެ ގަލެއް ނެތް އިރު، ސިޔާސަތުތައް ރޭވުމާއި ހިންގުމާއި އިންޓަނޭޝަނަލް އެޑްވޮކަސީ ކެމްޕޭންތަކާއި ދޮރުން ދޮރަށް ހިނގުން ފަދަ ކަންކަމުގައި އޭނާއަށް ލިބިވަޑައިގަތީ މުހިއްމު ތަޖުރިބާތަކެކެވެ.

މި ވެރިކަމުގައި މެނިފެސްޓޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލައި މިނިސްޓްރީތަކުން ކުރާނެ މަސައްކަތްތައް ކަނޑައަޅައި އެ މަސައްކަތްތައް ތަންފީޒުވާނެ މިންވަރު ބެލޭނެ ގޮތްތައް ވެސް ހަމަޖެއްސެވި އެވެ. ސަރުކާރުގެ އަމާޒަކީ ކޮބައިކަން އެ އޮފީހުގެ މަސައްކަތުން ސާފުކޮށް ކަނޑައެޅި، އެކަންކަން ހަރުދަނާ ޓީމެއްގެ ބެލުމުގެ ދަށުން ބާރަށް ހިނގަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހާ އެކު ގިނަ ދަތުރުފުޅުތަކެއްގައި ބައިވެރިވެވަޑައިގެން، ރައްޔިތުން އެދޭ ހައްލުތައް މިނިސްޓްރީތަކާއި މުއައްސަސާތަކަށް ހުށަހަޅައި ސަރުކާރުގެ ހުރިހާ މަޝްރޫއުތަކެއް ރައްޔިތުންނަށް ފަސޭހައިން ފެންނަ ގޮތަށް ހެދުމަކީ ވެސް ކުރެއްވުނު މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަ އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ތިމާވެށީގެ ކަންކަން ހައްލުކުރުމުގައި ސިޔާސީ ކަންކަމާއި އިގްތިސާދީ ކަންކަން ހިމެނެ އެވެ. އެ ތިން ދާއިރާ ހިމެނޭގޮތުން ކިޔަވާ ވިދާޅުވީ އެ އަމާޒުތަކަކަށް ވާސިލްވުމުގެ ވިސްނުން މާ ކުރިން ވެސް ގެންގުޅުއްވުމުންނެވެ.

"ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުގެ ޝައުގުވެރިކަމާ ގުޅިފައި އޮތް ދާއިރާއެއްވީމަ އަޅުގަނޑާ ހަވާލުކުރައްވަން ނިންމެވީމަ ރައީސަށް ދެންނެވީ ކެބިނެޓުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތަކީ ވަރަށް ބޮޑު ޝަރަފަކަށޭ ވާނީ،" ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރު ޝައުނާގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިިކޮށްދެވި އަންނަން އޮތް ޖީލުތަކާ ހަމައަށް ގެންދެވޭނެ ގޮތްތަކަށް ސިޔާސަތުތައް ބައްޓަންކުރެވިފައި އޮތުމެވެ. އިގްތިސާދީ ނަފާ ދުޅަހެޔޮކޮށް ލިބެން އޮތީ ތިމާވެށި ހިމާޔަތްކޮށްގެން ކަން ފާހަަގަކުރެއްވި އެވެ.

އެ ހިސާބަށް ވާސިލްވާން، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ކަންކަން ބަދަލުކުރަން އެބަހުއްޓެވެ.

"އެނގިވަޑައިގަންނަވާނެ މިދިޔަ ހަފުތާގައި އަޅުގަނޑުމެން މި ފާހަގަކުރީ 2010 ވަނަ އަހަރު އަޅުގަނޑުމެން ނިންމި ނިންމުމެއްގެ މައްޗަށް ރާއްޖޭގައި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާ [އެޗްސީއެފްސީ] ބޭނުންކުރުން ހުއްޓާލަން،" ޝައުނާ ވިދާޅުވި އެވެ.

މި ކަހަލަ ނިންމުންތަކަށް ވަގުތު ނެގިއަސް ހަގީގީ ފައިދާއަށް މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވުމަކީ އޭނާގެ އަޒުމެވެ.

އެޖެންޑާގައި ހައްލު ހޯދަން އިސްކަންދެއްވާނެ މުހިއްމު ބައެއް ކަންކަން

- އެންމެ ބޮޑީ ކުނީގެ މައްސަލަ: މީގެ ސަބަބުން ތިމާވެށީގެ އިތުރުން ސިއްހީ މައްސަލަތަކާއި އިގްތިސާދީ ނަފާއަށް ހުރަސްއެޅޭ ގޮތަށް ދިވެހިން ވަށާލާފައި އޮތް އޮތުމަށް ހައްލުތަކަކަށް މަސައްކަތްތަކެއް ރޭވި ހިނގަމުން އަންނަ ކަމަށް ވިދާޅުވި.

- އޭޑީބީ އާއި ލޯނުދޭ އެހެން ވެސް ފަރާތްތަކުގެ އެހީއާ އެކު ކުންޏަށް ހައްލު ހޯދަން ތިލަފުށީގައި ގާއިމްކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު މަޝްރޫއުގެ މަސައްކަތް މި ދައުރުގައި ނިންމަން ބާރުއެޅުން.

- ރ. ވަންދޫގެ ވޭސްޓް މެނޭޖްމަންޓު ސެންޓަރު އެކަށީގެންވާ މިންވަރަކަށް ބޭނުންކުރަން ފެށުން.

- ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އަމާޒުކޮށްފައިވާ ކުނީގެ މަޝްރޫއުތައް ކޮޅެއްގައި ޖެއްސުން.

- ނެޓް ޒީރޯ އެމިޝަންސް ޓާގެޓަށް ވާސިލްވުން. ކަނޑު އަދި ފަޅު ބޭނުންކޮށްގެން ފްލޯޓިން ސޯލާ ގާއިމްކުރަން. މި ދައުރުގައި، އިޔާދަކުރަނިވި ހަަކަތައަށް ބަދަލުވާން ގިނަ ކަންކަން ރާވާފައި އެބަހުރި.

- މޫސުމަށް އަންނަ ބަދަލުތަކުގައި ރާއްޖޭގެ އަޑު ދުނިޔޭގެ އެކި ފޯރަމްތަކުގައި ފަނޑުވެފައި އޮތް އޮތުން ނިންމައި އަލުން، ކްލައިމެޓް ޗޭންޖް ލީޑަޝިޕް ފުޅާކުރުން.

- ކްލައިމެޓް ޗޭންޖް އެންވޯއީއެއް ކަނޑައަޅުއްވައި މިނިސްޓްރީގެ ނަން ކްލައިމެޓް ޗޭންޖަށް ބަދަލުކުރެވުމަކީ މުހިއްމު އިސްކަންދޭނެ ހެއްކެއް.

- ޕްލާސްޓިކާ ދެކޮޅު ކެމްޕޭންގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ބޮޑު ނަތީޖާއެއް ނެރެދިނުން.

- އިންޓަނެޓުގެ އަގު ހެޔޮކުރަން މި ފެށި ބަދަލު އިތުރަށް، ލުއި ފަސޭހަކުރެވޭނެ ގޮތްތަކެއް ހޯދުން.

- ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭތޯ ކޭމް އިން މޮނިޓާކޮށް ރައްޔިތުންނާ ހަމައަށް އެ މައުލޫމާތު ފޯރުކޮށްދިނުން.

- ފޯމެއް ނުވަތަ މައުލޫމާތެއް ހޯދަން ރައްޔިތުން އުފުލާ ތަކުލީފު ނިމުމަކަށް ގެނައުން. ސަރުކާރުން ރައްޔިތުންނަށް މި ދޭ ހިދުމަތްތަކާއި ޑިޖިޓަލައިޒްކޮށް އޮންލައިންކޮށް ދެވޭނެ ގޮތްތަކެއް ހަމަޖެއްސުން.

- ޑޭޓާ ސެކިއުރިޓީ އާއި ސައިބަ ސެކިއުރިޓީގެ ބިލެއް މަޖިލީހަށް ހުށަހެޅުން.

- ރާއްޖޭގެ އިގްތިސާދު ޑިޖިޓަލް އިކޮނޮމީއަށް ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތްތައް ނިންމުން.

އިންޓަނެޓުގެ އަގަކީ ފެށުމެއް، އަދި ހެޔޮވާނެ

ވަޒީރުކަމާ ހަވާލުވެވަޑައިގަތް އިރު އެންމެންގެ ކަންބޮޑުވުމަކަށް އޮތީ އިންޓަނެޓުގެ އަގު ހެޔޮނުކޮށް ލަސްވުމެވެ. އެކަމަކު އިންޓަނެޓުގެ އަގަށް މި މަހުން ފެށިގެން ސަތުކާރުން މިވަނީ ބަދަލު ގެނެސްފަ އެވެ.

ރައްޔިތުން ބޭނުންވަނީ އިންޓަނެޓުގެ އަގު ހެޔޮކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށްވާ އިރު މިނިސްޓަރު ޝައުނާ ދެކެވަޑައިގަންނަވާ ގޮތުގައި ފަށައިގަތުމަށް މި ގެނެވުނީ ރަނގަޅު ބަދަލެކެވެ.

"މިއީކީ ނިމުމެއް ނޫން، ފެށުމެއް. ކުރިއަށް އޮތް ތަނުގައި މިއަށް ވުރެން އަގު ހެޔޮވާނެ. ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ވެސް ސަރުކާރުން ބާރުއަޅާނެ، އައިއެސްޕީސްތަކާ ސަރުކާރުން މަޝްވަރާ ވެސް ކުރާނެ،" ޝައުނާ ވިދާޅުވި އެވެ.

"ދެ އަހަރުން ބޮޑު ބަދަލެއް ފެންނާނެ"

ލިސްޓުގައި ހުރި ކަންކަމަކީ އެންމެ އަވަހަށް ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި މިނިސްޓަރު ޝައުނާ އިސްކަންދެއްވިއަސް އިތުރު ކަންކަން ކުރިއަށް އޮތް ދެ އަހަރަށް ނިންމަން މަސައްކަތް ފައްޓަވައިފި އެވެ.

ޝައުނާ "އަދަދު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ދިވެހިންގެ ދިރިއުޅުމަށް އައި ބަދަލާ އެކު ކުނި އިތުރުވެ ފަނާ ނުވާ ޕްލާސްޓިކުގެ ބާވަތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަމުގެ ހައްލަކަށް ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭނަކާ އެކު ގާނޫނުތަކަށް ބަދަލު ގެނެސް ރާއްޖޭގައި އުފައްދާ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ބިލެއް ވެސް އޮތީ މަޖިލީހަށް ވައްދައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބިލާ އެކު ރާއްޖޭގެ ރީތި ގޮނޑުދޮށްތަކަށް ކުނިން ސަލާމަތްވެވޭނެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރުގެ ތެރޭގައި މަގުމަތިން ވެސް މި ބަދަލު ފެންނާނެ،" ޝައުނާ ވިދާޅުވި އެވެ.

ރާއްޖެ ލީޑަރަކަށް ހެދުމުގެ ދައުރު ފުޅާކުރުން

މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ރޮނގުން ރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި އިސް ދައުރެއް އަދާކުރެ އެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް ކުރާ އެއް ގައުމަކީ ވެސް ރާއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި އަދި ޓެކްނޮލޮޖީގެ ކަންކަމުގައި ވެސް މިނިސްޓަރު އިސްކަން ދެއްވަނީ މަޝްވަރާ އިން ހައްލުތަކެއް ނެރުއްވުމަށެވެ. އެންމެ ބޮޑަށް ބައްލަވާނެ ކަމަކީ ވަގުތީ ހައްލުތަކެއްގެ ބަދަލުގައި، އެކަމެއް ކުރަން އެންމެ ރަނގަޅު އަދި ދިގު މުއްދަތަކަށް ފައިދާވާނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވި އެވެ.

"ކަންކަން ވަރަށް އަވަހަށް ވެސް ނިންމިދާނެ އިނގޭތޯ، އެކަމަކު އެއާއެކު އެ ނިންމުމެއް ރަނގަޅަށް ހިންގޭނެ ގޮތްތަކެއް، ތަންފީޒުކުރެވޭނެ ގޮތްތަކެއް ވެސް އޮންނަންވާނެ. އަޅުގަނޑު މިއަދު ނިންމާ ނިންމުމަކުން މުސްތަގުބަލް ނުވަތަ އަންނަން އޮތް ޖީލުތަކަށް ވާސިލްނުވެވޭނެ ގޮތަށް އަނެއްކާ އަންނަ ސަރުކާރަކުން އެ ބަދަލުކުރަންޏާ މައްސަލައެއް. -- ޝައުނާ

އެ ހިތި ނަތީޖާ ތަހައްމަލުކުރަން ޖެހެނީ ރައްޔިތުންކަން ފާހަގަކުރެއްވި އެވެ.

"ކަންކަން ކުރަން ޖެހޭ ހަމަތަކެއް ހުންނާނެ، އުސޫލްތަކެއް ހުންނާނެ. އޭގެތެރެއިން ދެފުށްފެންނަ ގޮތަށް އަޅުގަނޑު ކުރިއަށް ގެންދާނީ."

މިނިސްޓަރަށް މުހިއްމީ ޖަޒީރާ ގައުމަކަށް ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒުކުރުމާއި ރާއްޖޭގެ އަޑު، ބޭރު ދުނިޔޭގައި ގަދަކުރުމެވެ؛ އެއީ އަބަދުވެސް އިސްކަން ދެއްވި، ޝައުގުވެރިކަމާއި ލޯތްބާއި ގުޅިފައިވާ ދާއިރާ އެވެ.

ފަޒީނާ އަހުމަދު

އެޑިޓަރ

ދެ ހާސް ހަ ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު ފަޒީނާ އަހުމަދަކީ ސިޔާސީ ދާއިރާ އާއި އިޖްތިމާއީ ދާއިރާ އަދި ކޮރަޕްޝަނުގެ މައްސަލަތައް ކަވަރުކުރުމުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމު ތިން ފަހަރު ހާސިލްކޮށްފަ އެވެ. ކުރިން މަސައްކަތްކުރީ "ހާމަ"، "ހަވީރު" އަދި "މިހާރު" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox