އަންނަ އަހަރުގެ އޮގަސްޓު މަހުގެ ބާރަ ވަނަ ދުވަހު، 18 އަހަރު ފުރޭ ދަރިފުޅު، ސަބަސްޓިއަން ގެ އުފަންދުވަހުގެ ހަފްލާއަށް، އއ ރަސްދޫ، ގުލޭސީމުގެ މުހައްމަދު ސައީދު ކޮންމެހެން ބައިވެރިކުރަން ބޭނުންވާތީ އޭނާ ހޯދުމަށް، ޖަރުމަނުގެ އާއިލާ އެއްގެ އެދުމަށް "ރިސޯޓް ވޯކާޒް މޯލްޑިވްސް"ގެ ފޭސްބުކް ޕޭޖުގައި އިއްޔެ ޝެއާ ކުރި ޕޯސްޓުން ދިރުވައިދިނީ އެތައް އިހުސާސެކެވެ. އަހަރު ތަކެއް ވާންދެން ރިސޯޓުގައި ގެސްޓުންނަށް ހިދުމަތްކުރުމަށްފަހު ރިޓަޔާވެ، މިހާރު އަމިއްލަ ކަންނެލި ދޯންޏެއް ދުއްވަމުން އަންނަ 43 އަހަރުގެ ސައީދަށް، އެ ޕޯސްޓު ފެނުމުން އާވެގެން އައީ އޭނާގެ ޒުވާން ދައުރުގެ އެންމެ އުފާވެރި ހަނދާންތަކެވެ.
އާއިލާތަކާއި ދުރުގައި ގެސްޓުންނަށް ހިދުމަތްކުރުމުގައި ރިސޯޓުތަކުގައި ދެމިތިބި މަސައްކަތްތެރިންނަށް، އެއީ، އެތައް ގުރުބާނީއަކާ އެކު އެމީހުން ދެމުން އަންނަ ހިދުމަތުގެ ގަދަރާއި މުހިއްމުކަން ތަސައްވަރުވެ ފަހުރުން އިސްއުފުލުވައިލި ހިތްގައިމު ޕޯސްޓެކެވެ.
މިއީ ސައިދު އާއި ސަބަސްޓިއަންގެ ވާހަކަ އަކަސް، "ހިތްހެޔޮ" ދިވެހި ހޮސްޕިޓަލިޓީ ދާއިރާގެ އެތެރެ ހޯދައިލުމުން މިކަހަލަ ކިތަންމެ "ލޯބި" ވާހަކަ އެއް ތިލަވެގެން އަންނާނެ އެވެ. އެހެންވީމާ، މި ވާހަކަ ދިވެހި ރިސޯޓު މުވައްޒަފުންގެ ހިތްހެޔޮ ކަމާއި އެމީހުންގެ ހިފަހައްޓާ އަބުރުވެރި މެހުމާންދާރީގެ ނަމުގަ އެވެ.

ސަބަސްޓިއަން

ސަބަސްޓިއަން އަކީ 2003 އާއި 2006 ދެމެދު ކޮންމެ އަހަރެއްގެ އޮގަސްޓު މަހު ވެލިދު އައިލެންޑް ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން އައި ޖަރުމަނު ދެމަފިރިއެއްގެ ހުރި 17 އަހަރުގެ ފިރިހެން ދަރިފުޅެވެ. އޮގަސްޓު މަހުގައި އުފަން ދުވަސް އަންނަ ސަބަސްޓިއަން އާއި އެކު އެ އާއިލާ ރާއްޖެ އަންނަމުންދިޔައީ ދެ ބޭނުމެއްގަ އެވެ. އެއް ބޭނުމަކީ ދަރިފުޅުގެ އުފަންދުވަސް ހާއްސަކޮށްލުމެވެ. ދެވަނަ ބޭނުމަކީ، އެ ދެމަފިރިންނަކީ ޑައިވަރުންނަށް ވާތީ ރާއްޖޭގެ ރީތި ފަރު ތަކާއި މޫދު އަޑީގެ ބަގީޗާތަކު ތެރޭގައި ފީނުމެވެ.
"ފުރަތަމަ ދަތުރުގައި ދެ ހަފްތާ ހޭދަކުރި. އޭގެ ފަހުން ގިނަ ދަތުރު ތަކުގައި ތިން ހަފްތާ ނުވަތަ އެކާވީސް ދުވަހަށް ރިސޯޓުގައި މަޑުކުރޭ،"
އެ ދުވަސްވަރު މުހައްމަދު ސައީދު މަސައްކަތްކުރަމުން އައީ ވެލިދު އައިލެންޑް ރިސޯޓުގެ ރެންޓޯރަންޓުގެ ހެޑް ވެއިޓަރުގެ ގޮތުގަ އެވެ. އޭނާ އަކީ ސްޓާފުންގެ ތެރެއިން ޖަރުމަނު ބަސް ފުދޭވަރަކަށް އެނގި ހުރި މީހެކެވެ. މި އާއިލާ އާއި ސައީދު ބައްދަލުވެ، ސަބަސްޓިއަން އާއި ސައީދުވެ މި ވާހަކައެއް ފެށިގެން އައި ގޮތަކީ އެއީ އެވެ.
"އެ ދެމަފިރިން ދާނެ ހެނދުނު ހައެއް ޖަހާއިރު ފްރީޑައިވިން އަށް. ދާއިރު ދާނީ މެންދުރުގެ ކޮއްތު ހިފައިގެން މުޅިން ނިންމާފައި ހަވީރު އަންނަ ގޮތަށް. އޭރު އެމީހުންގެ ދަރިފުޅަށް ދެ އަހަރު. ކުޑަ ކުއްޖެއް ވީމާ އިނގިރޭސި އެއް ނޭނގެ. އަހަންނަށް ކޮންމެވެސް ވަރަކަށް ޖަރުމަނު ބަސް އެނގޭތީ، ކުއްޖާގެ މަންމަ އެދުނީ އެމީހުން ދަތުރު ދާ ދުވަސްތަކުގައި ދަރިފުޅު ބަލައިދޭން،" ސައީދު އޭނާގެ އުމުރުން ސައްބީހަކަށް އަހަރުގައި ސަބަސްޓިއަންގެ އާއިލާ އާއި ގުޅުނު ގޮތް ކިޔައިދިނެވެ.
ހަފްތާގެ ތިނެއް ނުވަތަ ހަތަރު ދުވަހު އެ ދެމަފިރިން ޑައިވް ދަތުރު އަޅާނެ އެވެ. އެހެންވީމާ ހެނދުނުން ފެށިގެން ރޭނގަނޑާ ހަމައަށް ކުޑަ ކުޑަ ސަބަސްޓިއަން ބެލުމާއި ގެންގުޅުމާއި ކާންދީ ފެންވަރުވައި ނިންދެވުމަށް ދަންދެން ބެލެހެއްޓީ ސައީދު އަމިއްލަ އަށެވެ.
"އަހަރެންގެ ޑިއުޓީ ފެށޭނީ އޭރު ނުވައެއް ޖަހާއިރު. އެހެންވެ ހަދާގޮތަކީ އެންމެ ހެނދުނު ދަރިފުޅު ގޮވައިގެން މޫދަށް ގޮސްލާފަ އައިސް ތިން ސްޓާފުންނާއެކު އަހަރެން ޝެއާކުރާ ރޫމަށް ގެނެސް ފެންވަރުވައި ރީތިކޮށްލައިގެން އެއްޗެއް ކާންދީފައި އަހަރެން ނިދާ އެނދުގައި ދަރިފުޅު ނިންދަވާލަނީ. ދެން ގަޑި ޖެހެން ކައިރިވީމަ ތެދުކޮށްލައިގެން އެކުގައި ރެސްޓޯރަށް ގެންގޮސް ކައިރީގައި ބައިންދަނީ،" ސައީދު ކިޔައިދިނެވެ.
އެގޮތުގައި ޗުއްޓީ ނިމެން ކައިރިވާއިރު ކުޑަ ކުޑަ ސަބަސްޓިއަން ހުންނަނީ އޭނާ ދޫކޮށްފައި ދާ ހިތަކު ނޫނެވެ. ކޮންމެ ފަހަރަކު ދަރިފުޅާއެކު އެ ދެމަފިރިން ފުރައިގެން ދާ ވަގުތުކޮޅަކީ ހިތްދަތި ވަކިވެލުމެކެވެ.
"ޑިއުޓީ ނިންމާލާފައި ސަބަސްޓިއަން އުރާލައިގެން އަހަރެން ދާނީ ރިސޯޓުގެ ދިގު ފާލަންކޮޅަށް. ގޮސް އެތަނަށް އެރިގެން މަސްތަކަށް ކާންދޭނީ. އަޅުގަނޑު ކައިރި ރަށަކަށް ޝޮޕިންކޮށްލަން ދާން ޖެހުނަސް އަންނަން ބޭނުންވާނެ. ދެން ގޮވައިގެން ދަނީ. ފަހުން ފަހުން އައިސް ރޭގަނޑު ނިދަން އޮންނަން ބޭނުންވާނީ އަހަރެން ކައިރީގަ. ލޯބިކޮށް ބައްދާލައިގެން އޮވެ ނިދާނެ،" ސައީދު ބުންޏެވެ.
ސަބަސްޓިއަންގެ ފަސް ވަނަ އުފަން ދުވަސް ރިސޯޓުގައި ފާހަގަކުރި ފަހަރަކީ އެ އާއިލާ އާއި އެކު އޭނާ ހިއްސާކުރި އެންމެ އުފާވެރި އެއް ހަނދާން ކަމަށް ސައީދު ބުންޏެވެ. އެ ހަފްލާގެ ހުރިހާ ކަމެއް ކުރީ އޭނާ އިސްވެ ހުރެގެންނެވެ. އޭނާގެ އަމިއްލަ ދެއަތުންނެވެ.
ސައީދު ބުނީ ދަރިފުޅަށް ކޮށްދޭ ކަންކަމަށް އާއިލާ އިން އަބަދުވެސް ޝުކުރު އަދާކުރާ ކަމަށެވެ. ކޮންމެ އަހަރަކު ރާއްޖެއަށް އަންނަ އިރު އޭނާގެ ދަރިފުޅަށް ވެސް ހަދިޔާ އާއި ތަކެތި ގެނެސްދޭ ކަމަށެވެ.
"އެމީހުން ރިސޯޓަށް އައުން ހުއްޓައިލީ ސަބަސްޓިއަން އަށް ހަތް ވަނަ އަށް ވީ އަހަރު. އެހެންވީމަ ދަރިފުޅު ވަރަށް ބޮޑަށް ހަނދާން ހުރޭ އަހަރެން. އަނެއްކާ ދިޔަ ފަހުން ވެސް ގުޅުން ދަމަހައްޓަމުން އައީ،" ސައީދު ބުންޏެވެ.
އެހެން ހުއްޓައި ސައީދުގެ ފޯނު ބަދަލުވެގެން ނަންބަރު ގެއްލިގެން ދެ އާއިލާ ބައްދަލު ނުވެ ދުވަސްތަކެއް ވެފައި ވަނިކޮށް، އެ އާއިލާއިން އަނެއްކާ ވެސް ސައީދު އާއި ބައްދަލުކޮށްލުމަށް މީގެ ދެތިން އަހަރު ކުރިން ރާއްޖެއަށް އައެވެ. އެކަމަކު އެ ފަހަރު ކަންނެލި ދޯނީގައި ކަނޑުމައްޗަށް ނިކުމެ އުޅުނު ސައީދު އާއި ދިމާވާ ގޮތް ނުވުމުން ދެ ހަފްތާއަށް ހަދައިގެން އައި ޗުއްޓީ ކުރުކޮށްލުމަށްފަހު އާއިލާއިން އެނބުރި ގައުމަށް ފުރި އެވެ.
އޭގެ ފަހުން ދެން އައީ އިއްޔެގެ ޕޯސްޓެވެ. އެ ޕޯސްޓު ފެނުމާއެކު އާއިލާ އަށް ސައީދު ގުޅި އެވެ. ވިއްސަކަށް މިނިޓް ވަންދެން ޖަރުމަނަށް ގުޅައިގެން ސަބަސްޓިއަން އާއި އާއިލާ އާއި އެކު ހޭދަކުރި ވަގުތު ތަކަކީ އުފަލުން ރޮއްވައިލި ވަގުތު ކޮޅެއް ކަމަށް ސައީދު ބުންޏެވެ.

"ސަބަސްޓިއަން މިހާރު ވަރަށް ބޮޑު. އަހަރެންގެ ދަރިފުޅު ބޮޑުވެފައި ހުއްޓާ ކުއްލިއަކަށް ފެނުނީއޭ ހީވީ. ސަބަސްޓިއަންގެ މަންމަ އާއި ބައްޕަ ވެސް ތިބީ ފެންކަޅިވެފައި،" ސައީދު ބުންޏެވެ.
އޭނާ ބުނީ، ޝަރުތެއް ނެތި، ކުޑަ ކުޑަ ސަބަސްޓިއަން އަށް އޭނާ ދިން ލޯތްބާއި އަޅައިލުމުގެ ސަބަބުން އަގުނުކުރެވޭ ހިތްހަމަޖެހުމާއި އިތުރު އާއިލާއެއް ލޯބި އޭނާ އަށް ލިބިއްޖެ ކަމަށެވެ. ފަތުރުވެރި ކަމުގެ ދާއިރާގައި ކޮށްދިން އިހުލާސްތެރި މަސައްކަތުން އޭނާއަށް ލިބުނު އަގުހުރި "ހަދިޔާ" އާއި މެދު ޝުކުރުން ފުރިފައި ހުރެ ސައީދު މިހާރު ތައްޔާރުވަމުން ދަނީ މި އަހަރުގެ ތެރޭގައި ވެލިދޫ އިން އާއިލާ އާއި ބައްދަލުވެލުމަށެވެ. އެއީ އަންނަ އަހަރު އޮތް އުފަންދުވަހުގެ ކުރިންނެވެ. އެކަމަކު އެންމެ ހާއްސަ ވާނީ ސަބަސްޓިއަން އާއި އެކު އަންނަ އަހަރު އޭނާ ހޭދަކުރާނެ ހަފްލާ އެވެ.







