ގާހިރާ، މިސްރު (ޖުލައި 5) - މި މަހު ފަށާ ޓޯކިޔޯ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ މިސްރު ޓީމަށް މުހައްމަދު ސަލާހު ނެގި ނަމަވެސް އޭނާ އަށް ރިލީސް ދޭން ލިވަޕޫލުން ދެކޮޅު ހެދުމުން އެކަން ނުކުރެވި މިސްރުގެ ނުރުހުން ލިވަޕޫލަށް އަމާޒުވެއްޖެ އެވެ.
އޮލިމްޕިކްސް އަކީ ފީފާގެ ރަސްމީ މުބާރާތަކަށް ނުވާތީ އެ އިވެންޓުގައި ބައިވެރިވާން ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރުމުގެ އިހުތިޔާރު އޮންނަނީ ކްލަބަށް ދޫކޮށްލައިފަ އެވެ. ސަލާހުގެ އިތުރުން ލިވަޕޫލުން ވަނީ އެ ޓީމަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އާއި ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ ވެސް މި ފަހަރުގެ އޮލިމްޕިކްސް އަށް ދޫކުރަން ދެކޮޅު ހަަދައިފަ އެވެ.
މިސްރުގެ ކޯޗު ޝައުކީ ގާރިބް އެ ގައުމުގެ މީޑިއާ އަށް ބުނީ ސަލާހު ނުލައި ސްކޮޑު ފައިނަލް ކުރަން ޖެހުނީ އޭނާގެ ރިލީސް ހޯދަން ލިވަޕޫލާ އެކު ކުރި މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ކަމަށެވެ. އަދި ސަލާހު ވެސް ބޭނުންވެގެން އޭނާ ލައްވައި އޮލިމްޕިކްސްގައި ކުޅުވަން މިސްރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި އެކަމަކު އެކަން އެގޮތަށް ނުވީ ލިވަޕޫލުން ހުރަސް އެޅުމުން ކަމަށެވެ.
ލިވަޕޫލުން ސަލާހު ދޫނުކުރީ އޮލިމްޕިކްސް އަށް ގޮސްފިނަަމަ އޭނާ އަށް ލިވަޕޫލްގެ ޕްރީ ސީޒަނާއި އަންނަ ސީޒަނުގެ ފުރަތަމަ މެޗުތައް ގެއްލިދާނެތީ އާއި އެއް ސީޒަނެއްގެ ތެރޭގައި ސަލާހަށް ދެ ފަހަރެއްގެ މަތިން ރިލީސްދީގެން ގިނަ މެޗުތަކެއް އޭނާ ނުލާ ކުޅެން ޖެހޭނެތީ އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން ފަށަން ނިންމާފައިވަނީ އޮގަސްޓް 14 ގަ އެވެ. އޮލިމްޕިކްސް ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 23 އިން އޮގަސްޓް އަށަކަށެވެ. އަންނަ ޖެނުއަރީ މަހު އެފްރިކަން ކަޕް އޮފް ނޭޝަންސް އޮންނައިރު، އެ މުބާރާތަށް ސަލާހު ދޫކުރަން ލިވަޕޫލަށް މަޖުބޫރުވާނެ އެވެ. ދެ މުބާރާތަށް ސަލާހު ދޫކޮށްފިނަމަ އޭނާ ނުލައި 15 އަށް ވުރެ ގިނަ މެޗު ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
އޮލިމްޕިކްސްގައި ވާދަކުރަނީ 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އެ މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން 23 އަހަރުން މަތީ ތިން ކުޅުންތެރިންނަށް ކުޅެވެ އެވެ. ސަލާހުގެ ނަން މިސްރު ޓީމުގައި ހިމަނަން ނިންމީ ދޮށީ ކުޅުންތެރިންނަށް ލިބޭ ޖާގައިގެ ތެރެެއިންނެވެ.
ދޮށީ އުމުރުގެ ކުޅުންތެރިންނަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން މަޝްހޫރު ކުޅުންތެރިން ވެސް ވަނީ އޮލިމްޕިކްސްގައި ކުޅެފަ އެވެ. އެ ގޮތުން 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސްގައި ބްރެޒިލަށް އޮލިމްޕިކްގެ ފުޓްބޯޅައިން ރަން މެޑަލް ހޯދައިދިން ޓީމުގައި ނޭމާ ހިމެނެ އެވެ.












