ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާރޭ އިޓަލީއާ ދެކޮޅަށް ނުކުންނައިރު ސްޕެއިނުގެ ކޯޗު ލުއިސް އެންރިކޭ އަށް މިއީ ހަނދާންތަކެއް އާވާނެ މެޗެކެވެ. މިއީ، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން އިޓަލީ އަތުން 2-1 އިން ސްޕެއިން ބަލިވި ފަހުން، އޭރު ކުޅުންތެރިއަކަށް ހުރި އެންރިކޭ އިޓަލީއާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗެވެ.
އެ މެޗުގައި އިޓަލީގެ ޑިފެންޑަރު މައުރޯ ޓަސޮއްޓީ އުޅަބޮށިން ޖަހައި އެންރިކޭގެ ނޭފަތް މަތި ފަޅާލި އެވެ. ނޭފަތުން އޮހޮރެމުން ދިޔަ ލޭތަކާ އެކު، އެންރިކޭ ރެފްރީ ގާތަށް ގޮސް ބުނީ އެއީ ޓަސޮއްޓީ ގަސްދުގައި ކުރި ކަމެއް ކަމަށެވެ. އެކަމަކު ރެފްރީ އަށް އެ މަންޒަރު ނުފެންނާތީ ޓަސޮއްޓީ އަށް ކާޑެއް ނުދައްކަ އެވެ.
އޭރު ސްޕެއިންގެ ކޯޗަކަށް ހުރި ހަވިއޭ ކްލެމެންޓޭ ބުނީ އެންރީކޭ އަށް ހަމަލާ ދިނުމުން ވެސް ޓަސޮއްޓީ އަށް ރަތް ކާޑެއް ދައްކައި ޕެނަލްޓީއެއް ދޭން އެ މެޗުގެ ރެފްރީ އަކަށް ހުރި ހަންގޭރީގެ ސަންދްރޯ ފަސްޖެހުނީ ދަނޑުގައި އިޓަލީގެ ސަޕޯޓަރު ގިނަވުމުން އެކަމާ ޖެހިލުންވެގެން ކަމަށެވެ.

ނޭފަތް ފަޅައިގެން ދިޔަ މައްސަލައިގައި އެންރީކޭ (ވ) އާއި ޓަސޮއްޓީ ކުރިމަތިލަނީ.
ސްޕެއިން ޓީމުގެ އޭރުގެ ފިޒިއޯތެރަޕިސްޓް ސެނޮން ކޯޓެހޯސޯ ބުނީ އެކަމާ އެންރީކޭ ހުރީ ވަރަށް ރުޅިގަދަވެފައި ކަމަށާއި އޭނާ ބޭނުންވެފައި ހުރީ ރެފްރީ އާއި ޓަސޮއްޓީ މަރާލަން ކަމަށެވެ. މެޗަށް ފަހު ޗޭންޖިން ރޫމުގައި ވެސް އޭރު އުމުރުން 24 އަހަރުގެ އެންރީކޭ ހުރީ ވަރަށް ރުޅިގަދަވެފައި ކަމަށާއި ޓީމުގެ ކުޅުންތެރިއަކާ ވެސް ވާހަކަ ނުދައްކާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ފެނާންޑޯ ހިއެެރޯއާ އެކު ވަގުތު ކޮޅެއް ހޭދަކުރި ފަހުން އެންރިކޭގެ ރުޅި މަޑުވި އެވެ.
ފަހުން ފީފާ އިން އެ މައްސަލަ ބަލައި ޓަސޮއްޓީ އަށް މެޗަށް ސަސްޕެންޑްކުރި އެވެ. އެއީ އެހާތަނަށް ވޯލްޑް ކަޕެއްގައި ދިން އެންމެ ބޮޑު އަދަބެވެ.
އެ ހާދިސާ އަށް 17 އަހަރުވީ ފަހުން އެންރީކޭ އާއި ޓަސޮއްޓީ ވަނީ ސުލަހްވެފަ އެވެ. އެއީ އެންރީކޭ އިޓަލީގެ ރޯމާގެ ކޯޗަކަށް ހުރިއިރު، އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިންނެވެ. މިލާނުގެ އެސިސްޓަންޓް ކޯޗަކަށް 2011 ވަނަ އަހަރު ޓަސޮއްޓީ ހުއްޓައި އެންރީކޭގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އެ ދެ މީހުން ވަނީ ސަލާމްކޮށްފަ އެވެ. އެންރީކޭ ވަނީ މެޗަށް ފަހު އެކަމާ ބެހޭގޮތުން އިޓަލީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

2011 ވަަނަ އަހަރު ޓަސޮއްޓީ (ކ) އާއި އެންރީކޭ ސަލާމްކުރަނީ.
"އެކަމެއް ހިނގި ފަހުން މިހާރު 17 އަހަރު. މިހާރު އޭނގެ މާނަ އަކީ އަހަރެމެންނަށް ވެސް އިތުރު 17 އަހަރު ފުރިފައޭ މިހުރީ. އަހަރެންގެ އެއްވެސް ބުރަ ހިތެއް ނެތް އޭނަ (ޓަސޮއްޓީ) އަށް. މިހާރު އެ ހިނގާދިޔަ ކަންކަމުގެ ވާހަކަތަކަށް ފަސް އަޅައިފިން. ދަނޑުމަތީގައި ހިނގި ކަމެއް ދަނޑު މަތީގައި ނިމިފައި އޮންނާނީ،" އިޓަލީގެ މީޑިއާ އަށް އޭރު އެންރީކޭ ބުންޏެވެ.
ޓަސޮއްޓީ މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ޔޫކްރެއިން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭނާ އެ މަގާމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އެއީ ޔޫކްރެއިންގެ ކޯޗު އަދި މިލާންގެ ކުރީގެ ފޯވާޑް އަންދްރޭ ޝެވްޗެންކޯގެ އެދުމަށެވެ.
އިޓަލީ އާއި ސްޕެއިނަކީ ފުޓްބޯޅައިގައި ތާރީހީ މެޗުތަކެއް ކުޅެފައިވާ ދެ ގައުމެވެ. ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ބައްދަލުކޮށްފައިވެ އެވެ.
ފާއިތުވި 27 އަހަރެއްހާ ދުވަސް ތެރޭ ސްޕެއިނާއި އިޓަލީން ވަނީ 14 ފަހަރު ބައްދަލުކޮށްފަ އެވެ. ފަސް މެޗުން ސްޕެއިން މޮޅުވިއިރު، އިޓަލީ ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އަދި ހަތް މެޗު ވަނީ އެއްވަރުވެފަ އެވެ. މީގެ ފަސް އަހަރު ކުރިން 2016 ވަަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އިން ސްޕެއިން ކެޓީ އިޓަލީ އަތުންނެވެ.













