މައުލޫމާތުގެ ހައްގު ނުލިބި އިތުރަށް ދިގުލަނީ

އިންފޮމޭޝަން ކޮމިޝަނަރުކަމަށް 2019 ވަނަ އަހަރު އައްޔަނުކުރެއްވި ފިޔާޒާ ރައީސް ސޯލިހު ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުކަމަށް 2019 ވަނަ އަހަރު އައްޔަނުކުރެއްވި ފިޔާޒާ ރައީސް ސޯލިހު ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ކުއްލި ގޮތަކަށް އިންފޮމޭޝަން ކޮމިޝަނަރުކަމުން ހުސެއިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހެވެ.

މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އާއްމުކޮށް އިއުލާނުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަދުވެގެން އެއް ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެން ފާސްކުރުން ލާޒިމެވެ.

އެކަމަކު މިހާތަނަށް ރައީސް އޮފީހުންނާއި މަޖިލީހުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ރައްޔިތުންނަށް ލިބިދީފައިވާ މުހިއްމު ހައްގަކަށް ފާޅުގައި ހުރަސްއަޅަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ކުރުމަށް ޖާގަ ލިބެ އެވެ.

ފިޔާޒް އިސްތިއުފާ ދެއްވުމާއެކު، ރައީސް އޮފީހުން ވަނީ ގާނޫނު ބުނާ އިޖުރާއަތްތަކުގެ ދަށުން ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ތިން ނަމެއް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މަޖިލީހަށް ފޮނުވައިފަ އެވެ.

ހަމަ އެ ދުވަހު އެކަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރިޔާސަތުން ފޮނުވި އެވެ.

އެ ކޮމިޓީން އެ ތިން ބޭފުޅުންނާ އިންޓަވިއުކޮށް، މައުލޫމާތު ހޯދައި، ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ފެންނަ ތަރުތީބެއް ކަނޑައަޅަން ވޯޓަށް އެހޭވަރުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ.

އެކަމަކު މަޖިލީހުގެ ގަވައިދުގައި އިންނަ ބޮޑު ބާގަނޑެއްގެ ތެރެއިން، ކޮމިޓީގެ ބައެއް މެމްބަރުން ވަކި ބޭފުޅަކު ނަގަން މަސައްކަތް ކުރި ކަމުގެ ތުހުމަތާއެކު، އެއްވެސް ނަމެއް ތަޅުމާ ހަމައަށް ގެންދެވޭ ކަމަކަށް ނުވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ކޮމިޓީއަށް ހުށަހެޅޭ ނަމެއް ތަޅުމަށް ފޮނުވޭނީ ކޮމިޓީގައި ތިއްބަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ދެއްވައިފި ނަމަ އެވެ.

ގާނޫނުގައި މުޅި މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރަންޖެހޭ ގޮތަށް އޮންނަ އިރު، މަޖިލީހުގެ ގަވައިދު އުޅެނީ އެއަށް ވުރެ އެއް ދަރަޖަ ކުރީގަ އެވެ.

އޭގެ މާނައަކީ ނަމެއް ތަޅުމަށް ފޮނުވަން ޖުމްލަ 12 މެމްބަރުން ތިއްބަވާ ކޮމިޓީގެ އަށް މެމްބަރުންގެ ވޯޓު ލިބެންޖެހެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ތަޅުމަށް ފޮނުވާނެ ނަންތަކެއް ފާސްކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވަނީ 10 މެމްބަރުންނެވެ.

އެ ދުވަހު ނެގުނު ވޯޓުގައި މަރިޔަމް އަލީމަށް ލިބިވަޑައިގެންނެވީ ފަސް ވޯޓެވެ. ދެން ތިއްބެވި އަހުމަދު އާހިދު ރަޝީދާއި ޝިހާމް މުހައްމަދު ވަހީދު އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.

ގަވައިދުގައި އެ ބުނާ ތިން ބައި ކުޅަ ދެ ބައި ހަމަވާ އަށް ވޯޓު އެއްވެސް ބޭފުޅަކަށް ނުލިބޭތީ ކޮމިޓީން ރިޕޯޓު ނިންމީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަނުކުރެވޭނެ ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ބޭފުޅަކު ރައީސަށް ހުށަނޭޅުއްވޭ ކަމަށެވެ.

ދެވަނަ ފަހަރަށް ހުޅުވާލުމުން ތަރުހީބު ކުޑަ

މަޖިލީހުން ހިންގި ސަކަރާތަށްފަހު، އެ މަގާމަށް ރައީސް އޮފީހުން ދެވަނަ ފަހަރަށް ހުޅުވައިލީ މިދިޔަ މަހުގެ ދެވަނަ ދުވަހެވެ.

އެ މުއްދަތު ހަމަވި ފަހުން، މަގާމަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ހޯދަން، ރައީސް އޮފީހުގައި ތަކުރާރުކޮށް އެދިގެން އަލިމަގެއް ނުފެނިގެން އުޅެނިކޮށް، މިއަދު އެ މަގާމަށް މީހަކު ހޯދަން ތިން ވަނަ ފަހަރަށް ވަނީ ހުޅުވާލައިފަ އެވެ.

ތިންވަނަ ފަހަރަށް އިއުލާނުކުރަންޖެހުނީ، ފަހުން ކުރި އިއުލާނަށް އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައި ނުވާތީ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، "އަދަދު"އަށް އެނގިފައިވާ ގޮތުގައި ދެވަނަ ބުރަށް ހުޅުވާލުމުން، މަޖިލީހުން ނަން ފާސް ނުކުރި ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން ކުރިމަތިލެއްވި އެވެ.

އެކަމަކު މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތަފްސީލް ހާމަނުކުރާ ކަމަށް ރައީސް އޮފީހުން ބުނާތީ، ދެވަނަ ބުރު ކުރިމަތިލި ފަރާތްތަކުގެ ސީދާ އަދަދެއް ނޭނގެ އެވެ.

ނަމަވެސް، ރައީސް އޮފީހުން ހުޅުވާލާ މަގާމުތަކަށް މަދުވެގެން ކުރިމަތިލާންޖެހޭ އަދަދެއް ކަނޑައަޅާފައި ނޯންނަ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވި އެވެ.

ހަމައެކަނި ވިދާޅުވީ ކުރިން ރައީސް ހުށަހެޅުއްވި ނަންތައް މަޖިލީހުން ބޭރުކޮށްފައިވާ ކަމަށެވެ.

"އިންފޮމޭޝަން ކޮމިޝަނަރަކީ ވަރަށް މުހިއްމު މަގާމެއް ކަމުން ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަންތައްތަކެއް ހުރޭ. ގާނޫނުގައި ވެސް 60 ދުވަސް ދީފައި އޮންނާނީ އެކަމަށް ރިއާއަތްކޮށް، ވަގުތު ބޭނުންވާނެތީ،" މަބްރޫކު ވިދާޅުވި އެވެ.

ނަމަވެސް، "މުހިއްމު"ކަމަށް މަބްރޫކު އެ ވިދާޅުވާ ވާހަކަ ދެކޮޅު ޖެއްސޭނެ ގޮތެއް ނެތެވެ.

ސަބަބަކީ، އައިކޮމް އަކީ ދައުލަތުގެ އެފަދަ އެހެން މުއައްސަސާތަކާ ތަފާތު ތަނަކަށްވާތީ އެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާ ބުނާ ގޮތުން، ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއް އާއްމުކޮށް ގިނަ ވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ހޯދަން އެދުނު ފަރާތަކަށް ފޯރުކޮށްދޭންޖެހެ އެވެ.

އެކަމަކު އެފަދަ މައުލޫމާތެއް ދޫނުކުރެވޭ ކަމަށް ބުނެ އުފެދޭ ހިލާފަކާ މެދު ގޮތް ނިންމާނީ ސީދާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ އެ މަގާމުގައި މީހަކު ނެތުމުން މުޅި ގާނޫނު ހުއްޓޭ ސަބަބެވެ.

އައިކޮމްއިން ދީފއިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮމިޝަނަރުކަމުގައި ފިޔާޒު ހުންނެވިއިރު ނުނިމި އޮތް ހަ މައްސަލައަކާއެކު ގޮތެއް ނުނިންމި ޖުމްލަ 11 މައްސަލަ މިހާރު ވެސް އެބައޮތެވެ.

އެ މައްސަލަތަކާއެކު ރައްޔިތުންގެ އަސާސީ ހައްގެއް ހުއްޓިފައި އޮންނަތާ މިހާރު ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެކަމަކު އާ ނަމެއް ހުށަނާޅައި، އެ މަގާމަށް އަނެއްކާ ވެސް ހުޅުވާލުމުން، އެ ހައްގު ހިފެހެއްޓިފައި އޮންނަ މުއްދަތު އިތުރަށް ދިގުލައިގެންދާނެ އެވެ.

ސަބަބަކީ، ޖުލައި 13 އާ ހަމައަށް ކުރިމަތިލާން މުއްދަތު ދީފައިވާއިރު، މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު ނިންމައި، ޖުލައި 8 ގައި މަޖިލިސް ޗުއްޓީއަށްދާތީ އެވެ.

ތިން ވަނަ ދައުރާއެކު މަޖިލިސް ދެން އެނބުރި ފަށާނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައިގެން މެނުވީ، އެހާ ތަނަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްކޮށް އޮންނަތާ 100 ދުވަހަށް ވުރެ އިތުރުވާނެ އެވެ.

"ސަރުކާރަށް ޔަގީންކަން އެބައޮތް އެ މަގާމަށް ވީއެންމެ އަވަހަކަށް ބޭފުޅަކު އައްޔަނުކުރަން މަޖިލީހަށް ކުރެވެންއޮތް ހުރިހާ ކަމެއް ކުރާނެކަން،" އެފަދަ ބޮޑު ލަސްވުމަކާ ގުޅޭގޮތުން ސުވާލު ކުރުމުން މަބުރޫކު ދެއްވީ އެ ޖަވާބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox