މއ. މޯނިންވިއުގޭގައި އޭޕްރީލް މަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް ދައުލަތުން އެހީތެރިވުމުގެ ގޮތުން ދޭން ނިންމި ފައިސާގެ ތެރެއިން 147،000 ރުފިޔާ މިހާރު ދޫކޮށްފައިވާ ކަމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން، "އަދަދު" އަށް ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާގައި އެ ފައިސާ ދޫކޮށްފައިވަނީ އެ ގެ މަރާމާތު ކުރުމަށް ދާ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް އެ ގޭގައި ދިރިއުޅުނު ދެ އާއިލާއަކަށެވެ.
މޯނިންވިއު ގޭގައި ހިނގި އަލިފާންގެ ހާދިސާއާ ގުޅިގެން ހެދި އެސެސްމަންޓުން އެނގޭ ގޮތުގައި އެގޭގެ އިތުރުން އެގޭގެ ހުޅަނގު ފަރާތުގައި ހުރި ދެ އިމާރާތެއްގެ ބޭރަށް ވެސް ގެއްލުންތަކެއް ލިބިފައި ވެ އެވެ. އެ ގެތަކުގެ އިމާރާތަށް ލިބިފައިވާ ގެއްލުން އެއް މިލިއަން ތިރީސް ހާސް ތިން ސަތޭކަ ރުފިޔާއަށް އަރަ އެވެ.

އެ ގެއްލުމަށް ސަރުކާރުން ދޭ އެހީގެ ގޮތުގައި އެ ގޭބިސީތަކަށް ހަ ލައްކަ ފަންސާސް އަށް ހާސް ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.
ސްޓްރަކްޗަރަލް އެސެސްމަންޓަށް ފަހު ބަދަލު ދިނުމުގައި ގެންގުޅޭ އުސޫލަކީ ލިބުނު ގެއްލުން އެއްލައްކަ ފަންސާސް ހާސް ރުފިޔާއަށް ވުރެން މަތި ނުވާނަމަ އެ ގެއްލުމުގެ އަދަދު ދިނުމެވެ. އެ އަދަދަށް ވުރެން ލިބުނު ގެއްލުން ބޮޑުނަމަ ދެނީ އެއްލައްކަ ފަންސާސް ހާސް ރުފިޔާ އެވެ.
އެއަށް ގޭބިސީގެ ހިފާފެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ދެ ލައްކަ ތިރީސް ތިންހާސް ރުފިޔާއަށް އަރަ އެވެ. އެ ގެއްލުމަށް ސަރުކާރުން ދޭ އެހީގެ ގޮތުގައި ސާޅީސް ހަ ހާސް ހަސަތޭކަ ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.
ޒަރޫރީ, ހިފާގެންގުޅޭ އެއްޗިއްސަށް ބަދަލު ދިނުމުގައި ބަލަނީ ގެއްލުމުގެ 20 ޕަސެންޓް އެހީތެރި ކަމުގެ ގޮތުގައި ދިނުމަށެވެ.
ހިސާން ވިދާޅުވީ ގޭބިސީތަކުގެ ސްޓްރަކްޗާއަށް ލިބުނު ގެއްލުމާއި ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދޭން ނިންމާފައިވާ ފައިސާ ވެސް ވަރަށް އަވަހަށް ދޫކުރާނެ ކަމަށެވެ.
މޯނިންވިއުގޭގެ ހާދިސާއާ ގުޅިގެން ރިލީފް އެހީގެ ގޮތުގައި މިހާތަނަށް ޖުމުލަ ތިން ލައްކަ ސާޅީސް ދެހާސް ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.













