ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި އައްޔަން ކުރެވޭނެ ކަމަށް، ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކީ އެ ކައުންސިލެއްގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިންނެވެ.
ހުރިހާ ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުރުސަތު ހުޅުވާލުމުން 511 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެއީ ރަށު ކައުންސިލްތަކަށް ކުރިމަތިލި 371 މީހަކާއި އަތޮޅު ކައުންސިލްތަކަށް ކުރިމަތިލި 86 މީހެއްގެ އިތުރުން ސިޓީ ކައުންސިލްތަކަށް ކުރިމަތިލި 54 މީހެކެވެ.
ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު، "އަދަދު" އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ކުރިމަތިލައިފައިވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކަމަށެވެ. އިންޓަވިއު ކުރުމާއި އިމްތިހާން ދިނުމުގެ އިތުރުން ޕްރެޒެންޓޭޝަންތައް ދޭން ޖައްސަން ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ގިނަ އެޕްލިކޭޝަންސްތައް. ކުރިއަށް ބޮޑު ބަންދެއް ވެސް އޮތުމުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" ސައީދު ވިދާޅުވި އެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 18،170 ރުފިޔާ ލިބެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 21،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 35،500 ރުފިޔާ ލިބޭނެ އެވެ.
ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.













