ކޮމިޓީއެއް އެކުލަވާލައި 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ކުރެވޭ މަސައްކަތުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަން ފުޓްބޯޅަ ކޯޗު މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިރޭ "އަދަދު" އަށް ވިދާޅުވީ މުހައްމަދު އަކީ ކުރިން އަތޮޅު ފުޓްބޯޅަ މުބާރާތް ހިންގުުމުގައި ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެއް ކަމަށް ވާތީ ލީގު މުޅި ރާއްޖެ އަށް ފުޅާކުރާއިރު، އޭނާގެ ފަރާތުން މީިގެ ޓެކްނިކަލީ ކުރަން ޖެހޭ ކަންކަމުގައި އެހީތެރިކަން ހޯދަން އެފްއޭއެމް އިން ބޭނުންވީ ކަމަށެވެ.
"މީގެ ލީގު ކޮމިޓީއާ ގުޅިގެން މުހައްމަދުގެ މަސައްކަތްތައް ކުރިއަށްދާނީ. މުހައްމަދަކީ އަތޮޅު ފުޓްބޯޅަ މުބާރާތް (މިނިވަން ޗެމްޕިއަންޝިޕް) ހިންގެވުމުގައި ބޮޑު މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެއް ވީމަ މީގެ ޓެކްނިކަލީ ކުރަން ޖެހޭ ކަންކަމުގައި ކޮންސަލްޓް ކޮށްދޭން ބައިވެރިވީ ހަމަ،" ޖަވާ ވިދާޅުވި އެވެ.
މުހައްމަދު އަންނަނީ ލީގު ކޮމިޓީގެ މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ.
މިދިޔަ މެއި މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދަދު" އަށް ވިދާޅުވީ ވިސްނުމަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރުގެ ޕްރިމިއާ ލީގު ފުޅާވެގެންދާއިރުގައި އެކަން ވީ އެންމެ ފުރިހަމަކޮށް ކުރުމަށެވެ. އެ ގޮތުން ލީގަށް އެކުލަވާލެވޭ ވަކި ހާއްސަ ބޯޑެއް ވެސް އޮންނާނެ ކަމަށާއި އެ ބޯޑުގެ ފަރާތުން މުބާރާތުގެ ހުރިހާ ކަމެއް އިންތިޒާމް ކުރެވިގެންދާނެ ކަމަށެވެ. ބައްސާމް އޭރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ލީގުގެ ފޯމެޓް ފައިނަލްކުރުމުގެ މަސައްކަތް ކަމަށެވެ.
މުޅި ރާއްޖެ އަށް ލީގު ފުޅާކުރުމުގެ ޕްލޭން އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެފްއޭއެމްގެ ސީނިއާ ނައިބް ރައީސް އަލީ އުމަރާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ކަމަށް މިދިޔަ އަހަރު ބައްސާމް ވިދާޅުވި އެވެ.
މީގެ ކުރިން ލެގޫންސާއި ވިކްޓަރީ އަށް ފުޓްބޯޅަ ކުޅެފައިވާ މުހައްމަދު ވަނީ އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓްގެ އިސް ފަރާތެއްގެގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރައިފަ އެވެ. ސްރީ ލަންކާގެ ބައެއް ފުޓްބޯޅަ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ.
ކުޅިވަރުގައި މުހައްމަދު ކޮށްފައިވާ އެހެން މަސައްކަތްތަކަށް ބަަލާއިރު، އޭނާ ވަނީ މުހައްމަދު ލަތީފްގެ ދައުރުގައި ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ވެސް ހަވާލުވެފަ އެވެ. އަދި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުގައި ވެސް މީގެ ކުރިން މުހައްމަދު ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.
ސްރީލަންކާގެ ޓީމުތަކަށް ވެސް ކޯޗުކޮށްދިން މުހައްމަދު ވަނީ ދިވެހި ޕްރިމިއާ ލީގުގައި ދެ ޓީމަކަށް އިރުޝާދުދީފަ އެވެ. ކޯޗެއްގެ ގޮތުގައި މުހައްމަދު ވަނީ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ އާއި ޔުނައިޓެޑް ވިކްޓްރީން ފެނިފަ އެެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން މުހައްމަދު ވަކިވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.












