މިއުނިކް (ޖުލައި 3) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ އަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ފުލްބެކް ލިއޮނާޑޯ ސްޕިނަޒޯލާ ފަޔަށް ސީރިއަސް އަނިޔާއެއްވެ، އޭނާ އަށް މި ފަހަރުގެ ޔޫރޯ ނިމިއްޖެ އެވެ.
ބެލްޖިއަމް އަތުން 2-1 އިން ރޭ އިޓަލީ މޮޅުވި މެޗުގެ 79 ވަނަ މިނިޓްގައި އަރިމަތިން ބޯޅަ ހިފައިގެން ބާރަށް ދުވެފައި ދާން އުޅުނު ވަގުތުގައި ސްޕިނަޒޯލާ ފަޔަށް އަނިޔާވެގެން ހުއްޓުނެވެ. ވަގުތުން ބެންޗަށް އިޝާރާތްކޮށް އޭނާ ބަދަލުކުރަން އެދުނެވެ. ދަނޑު މަތީގައި ކޮންމެ ވެސް ވަރަކަށް ފަރުވާ ދިނުމަށް ފަހު އޭނާ ގެންދިޔައީ ސްޓެޗަރުގަ އެވެ. ގެންދިޔައިރު އޭނާ އަށް ހުރީ ރޮވިފަ އެވެ.
އުމުރުން 28 އަހަރުގެ ސްޕިނަޒޯލާ ވަނީ މި ފަހަރުގެ ޔޫރޯގައި އިޓަލީ ކުޅުނު ފަސް މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި އިޓަލީން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗާއި ނޮކައުޓް ބުރުގައި އޮސްޓްރިއާ ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ސްޕިނަޒޯލާ އެވެ.
އެކަަމަކު، ރޭގެ މެޗުގައި ސްޕިނަޒޯލާގެ ފުންނާބު ކައިރީ ކަށިގަނޑަށް އަނިޔާވެ، އޭނާ އަށް ދެން މި ފަހަރުގެ ޔޫރޯގައި ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. މިއީ އިޓަލީ ޓީމަށް ލިބޭނެ ގެއްލުމެކެވެ. ސެމީ ފައިނަލުގައި އަންގާރަ ދުވަހު އިޓަލީ ކުޅޭނީ ސްޕެއިންއާ އެެވެ.
އެންމެ އަވަހަށް ވެސް ސްޕިނަޒޯލާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ދެ މަސް ފަހުން ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ސްޕިނަޒޯލާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ދުވަހެއް ސީދާކޮށް ބުނަން އެނގޭނީ ކުރިއަށް އޮތް ދެ ދުވަސްތެރޭ ހަދާ ޓެސްޓްތަކަށް ފަހު އެވެ.
ޔުވެންޓަސް އެކެޑަމީން ތަމްރީންވި ސްޕިނަޒޯލާ ވަނީ އެ ޓީމަށް ކުޅުނުއިރު، ލޯން އެއްބަސްވުމެއްގެ ދަށުން އެކި އަހަރު މަތިން އިޓަލީގެ ހަ ޓީމަކަށް ކުޅެފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ ރޯމާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ރޯމާ އިން އޭނާގެ ސޮއި ހޯދީ 30 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.
މި ފަހަރުގެ ޔޫރޯގައި ސްޕިނަޒޯލާ ދައްކަމުން އައި ކުޅުމުގެ ސަބަބުން އޭނާ ހޯދަން އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.












