ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހުއްޓާލަން ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ދޭން މައިލޯ ޕެކެޓުތަކުގައި ބޭނުންކުރަމުން އައި ޕްލާސްޓިކް ހޮޅި ކަރުދާހަށް ބަދަލުކޮށްފި އެވެ.
ރާއްޖެއަށް މައިލޯ އެތެރެކުރާ ލިލީ ކުންފުނިން ބުނި ގޮތުގައި މިއީ ޕްލާސްޓިކާ ދުރުވާން ކުރާ ދަތުރުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ. މައިލޯއަކީ ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ކަރުދާސް ހޮޅި އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ބާވަތެވެ.
މި ކެމްޕެއިންގެ ސަބަބުން ރާއްޖެއިން އަހަރަކު ހަ މިލިއަން ޕްލާސްޓިކް ހޮޅި ސަލާމަތްކުރެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
މައިލޯއިން ވަނީ އެ ބްރޭންޑުގެ އުފެއްދުންތައް ތިމާވެއްޓާ ރައްޓެހި ކުރަން ހާއްސަ ކެމްޕެއިނެއް ފަށާފަ އެވެ.
"ލެޓްސް ޕްރޮޓެކްޓް އާތު، އަވާ އޮންލީ ޕްލޭގްރައުންޑް" ކެމްޕެއިނުގެ އަމާޒަކީ ތިމާވެއްޓަށް ގެއްލުންދޭ ޒާތުގެ ޕްލާސްޓިކް ހޮޅި މައިލޯގެ ޕްރޮޑަކްޓްތަކުގައި ބޭނުންކުރުން ހުއްޓާލުމެވެ.

މައިލޯ
މި ކެމްޕެއިންގެ ތެރެއިން ލަންކާއިން އެކަނި ވެސް އަހަރަކު 90 މިލިއަން އަދި މެލޭޝިއާއިން 200 މިލިއަން ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލެވިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މައިލޯގެ އަމާޒަކީ 2030 ގެ ކުރިން އެ ބްރޭންޑުގެ ދަށުން އުފައްދާ ހުރިހާ ޕްރޮޑަކްޓްތަކެއްގެ އިތުރުން، މައިލޯގެ ކާރުހާނާތަކުގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ނުވަތަ ނެގެޓިވް އެންވަޔަރަމެންޓަލް އިމްޕެކްޓްސް ސުމަކަށް ކުޑަކުރުމެވެ.
މި މަސައްކަތުގެ ތެރެއިން މައިލޯގެ ކާރުހާނާތައް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާ ޕްލާސްޓިކް ކުނީގެ ގޮތުގައި އުކާލާ ޒާތުގެ އެއްޗެހި އެއްކޮށް ބޭނުންކުރުން ހުއްޓާލުމެވެ.










