ވެންކޫވާ، ކެނެޑާ (ޖޫން 30) - ކެނެޑާ އާއި އެމެރިކާއަށް ރިކޯޑް މިންވަރަށް ހޫނުގަދަވެފައިވާ މި ދަނޑިވަޅުގައި ވެންކޫވާ ސަރަހައްދުން 69 މީހަކު މަރުވެއްޖެ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި އެންމެންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނެވެ. އެ މީހުން މަރުވީ ހީޓް ސްޓްރޯކް ފަދަ ކަންކަން ދިމާވުމުންނެވެ.
މޫސުމީ ބަދަލުގެ ސަބަބުން ބައެއް ގައުމުތަކަށް ފަހަކަށް އައިސް ދަނީ ރިކޯޑް މިންވަރަށް ހޫނުވަމުންނެވެ. ދުނިޔޭގައި މިހާތަނަށް ރިކޯޑު ކުރި އެންމެ ހޫނު ގަދަ ފަސް އަހަރަކީ ފާއިތުވި ފަސް އަހަރެވެ.
ކެނެޑާގެ ހޫނުމިން ރިކޯޑް މިންވަރަށް މައްޗަށް ޖެހިފައިވަނީ 47.9 ޑިގްރީ ސެލްސިއަސް އަށެވެ. އެމެރިކާގެ ހުޅަނގު އުތުރުގެ ސިޓީތަކަށް ވަނީ ދަނީ އާދަޔާ ހިލާފަށް ހޫނުވަމުންނެވެ.
އެންވާރަމަންޓް ކެނެޑާއިން ވަނީ އެ ގައުމުގެ ބައެއް ހިސާބުތަކަށް މުޅި މި ހަފްތާއަށް އެލާޓް ނެރިފަ އެވެ. އެމެރިކާގެ ނޭޝަނަލް ވެދާ ސާވިސްއިން ވެސް ވަނީ އެފަދަ އެލާޓްތައް ނެރިފަ އެވެ.
އެލާޓްތަކުގައި ލަފާދީފައިވަނީ އިމާރާތްތައް އެއާކޮންޑިޝަން ކުރުމަށާއި، ގިނައިން ފެން ބޮއެ ހެދުން ފަދަ ކަންކަން ކުރުމަށެވެ.
ކެނެޑާ އާއި އެމެރިކާގެ ހުޅަނގުގެ ސިޓީތަކުގައި ވަނީ އެމެޖެންސީ ކޫލިން ސެންޓަރުތައް ހުޅުވާފަ އެވެ. އެ ތަންތަނުން ދަނީ ބޭރުގައި އުޅޭ މީހުންނަށް ފެނާއި ތޮފި ފަދަ ތަކެތި ފޯރުކޮށްދެމުންނެވެ.
ހޫނުގަދަވުމާއެކު ވާރޭ ނުވެހި ގިނަ ދުވަސްވުމުން ފާއިތުވި ހަފްތާ ބަންދުގައި ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތައް ވެސް ހިނގާފައި ވެ އެވެ.










