މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމަށް އަންނަ ހަފްތާ ސައުދީ ސަރުކާރުގެ ވަފުދެއް ރާއްޖެ އަންނަ ގޮތައް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަލްމާން މިސްކިތުގެ މަސައްކަތް މިދިޔަ އަހަރު ކުރީކޮޅު ނިންމައި ސަރުކާރާ ހަވާލު ކުރި ނަމަވެސް، އަދިވެސް އެ މިސްކިތް ވަނީ ނުހުޅުވި އެވެ. މިދިޔަ ރޯދަ މަހު ވަގުތީ ގޮތުން ވެސް މިސްކިތް ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ބުނެފައިވަނީ ރޯދަ އަށް ވެސް ތަން ހުޅުވެން ނެތް ކަމަށެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ އިބްރާހިމް ހޫދު "އަދަދު"އަށް ވިދާޅުވި ގޮތުގައި މިސްކިތް ހުޅުވާނެ ތާރީހެއް މިހާތަނަށް ކަނޑައެޅިފައި ނެތެވެ.
ނަމަވެސް، އަންނަ ހަފްތާގެ ތެރޭގައި ސައުދީގެ ވަފުދެއް (އެޑްވާންސް ޓީމެއް) ރާއްޖެ އަންނަ ގޮތައް ހަމަޖެހިފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.
ސައުދީން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ތިން މީހުންގެ ވަފުދެކެވެ.

ސައުދީން އަންނަ ޓީމުން މިސްކިތް ހުޅުވުމަށް ކުރަން ޖެހޭ ކަންކަމާ މަޝްވަރާ ކުރުމަށްފަހު ނިންމާނީ މިސްކިތް ހުޅުވާނެ ތާރީހެއް." ހޫދު ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ރަސްގެފާނުގެ އެހީގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ.
އެ މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017ގަ އެވެ.
އެ މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެ އެވެ.











