މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ވަނީ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. ކުޅުންތެރިންގެ އިތުރުން ރެފްރީންނާއި މެޗު އޮފިޝަލުން ވެސް ވަނީ ޔޫރަޕްގެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ތާރީހުން ޖާގަ ހޯދައިފަ އެވެ. އެގޮތުން އާޖެންޓީނާގެ ރެފްރީ ފެނާންޑޯ ރަޕަލީނީ އަކީ ޔޫރޯގެ މެޗަކުން ފެނުނު ދެކުނު އެމެރިކާގެ ފުރަތަމަ ރެފްރީ އެެވެ. އަދި ފްރާންސްގެ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓްވެފައިވަނީ ޔޫރޯ ތާރީހުގައި މުބާރާތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ އަންހެން ރެފްރީ އަށެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލް އާއި ޔުއެފާ އިން ކުރިއަށްގެންދާ އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ގިނަ ކަންތައްތަކެއް ވަނީ ރާވައިފަ އެވެ. އޭގެ ފެށުމެއްގެ ގޮތުން މި ފަހަރު ޔޫރޯގައި ވަނީ ދެކުނު އެމެރިކާގެ ރެފްރީ ރަޕަލީނީ އަށް ފުރުސަތު ދީފަ އެވެ. ބަދަލުގައި ޔުއެފާ އިން ވަނީ ޔޫރަޕްގެ ރެފްރީ އެއް ކަމަށްވާ ސްޕެއިނުގެ ހެސޫސް ހިލް މަންޒާނޯ މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާގައި އިންސާފުކުރަން ފޮނުވައިފަ އެވެ. އެއީ މެޗު އޮފިޝަލުންގެ ޓީމަކާ އެކު އެވެ.
ފީފާ ރެފްރީ ރަޕަލީނީ ވަނީ މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ހަތަރު މެޗެއްގައި ރެފްރީކަން ކޮށްފަ އެވެ. އޭނާގެ އެންމެ ހާއްސަ މެޗަކީ ދެ ވަނަ ބުރުގައި ސްވިޒަލެންޑުން ފްރާންސް ބަލިކުރި މެޗެވެ. އެ މެޗުގައި ރަޕަލީނީ ވަނީ ތަފާތު ދައްކައިފަ އެވެ. އޭނާގެ ނިންމުންތަކަށް މެޗުގެ ކޮމެންޓޭޓަރު ވެސް ވަނީ ތައުރީފުކޮށްފަ އެވެ.
ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ޔުއެފާ އާއި ކޮންމެބޯލްގެ ރެފްރީންނަށް މި ލިބުނު ފުރުސަތުގެ ސަބަބުން މުސްތަގުބަލުގައި އެ ރެފްރީންނަށް ކުރިއަށްދާން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މިއީ އެ ރެފްރީންނަށް ލިބޭ މުހިއްމު ތަޖުރިބާތަކެއް ކަމަށެވެ.
ކޮންމެބޯލްގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް ވިދާޅުވީ އެގްސްޗޭންޖް ޕްރޮގްރާމްގެ ތެރެއިން އެންމެ ފުރަތަމަ ރެފްރީންނަށް މި ފުރުސަތު ލިބިގެންދިއުމަކީ އޭގެ ސަބަބުން ސީދާ މެޗުތަކަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އޭނާގެ ވިސްނުމަކީ މުސްތަގުބަލުގައި ޔޫރަޕްގެ ފުޓްބޯޅައިގައި އެ ގެންގުޅޭ ތަހުޒީބީ ވިސްނުންތައް ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތްތަކުން ވެސް ފެނުން ކަމަށް ޑޮމިންގޭޒް ވިދާޅުވި އެވެ.
ރަޕަލީނީ އާއި ފްރަޕާޓްގެ ކެރިއަރަށް ކަޅިއެއް
އުމުރުން 43 އަހަރުގެ ރަޕަލީނީ އަކީ 2014 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކޮށްފައިވާ ރެފްރީ އެކެވެ. އޭނާ ވަނީ މިހާތަނަށް ދެކުނު އެމެރިކާގެ ބޮޑެތި ހުރިހާ މުބާރާތްތަކުގެ އިތުރުން ފީފާ އާއި ދެކުނު އެމެރިކާގެ އުމުރުފުރާ މުބާރާތްތަކުގައި ވެސް އިންސާފުކޮށްފަ އެވެ.

ނޯތު މެސެޑޯނިއާ ތިން ކުޅުންތެރިން ރެފްރީ ރަޕަލީނީ ވަށާލައިގެން ފައުލެއް ހޯދަން އެޕީލްކުރަނީ.-- ފޮޓޯ: އޭއެފްޕީ
އަންހެން ރެފްރީ ފްރަޕާޓް ވަނީ ޔޫރަޕްގެ ގިނަ ރެކޯޑްތަކެއް މިހާތަނަށް ވެސް މުގުރާލައިފަ އެވެ. މި ފަހަރުގެ ޔޫރޯގައި ފްރަޕާޓަށް ގިނައިން ލިބެނީ ހަތަރު ވަނަ ރެފްރީގެ މަގާމެވެ. ރިޕޯޓްތައް ބުނާގޮތުން އުމުރުން 37 އަހަރުގެ ފްރަޕާޓަށް މި ފަހަރުގެ ޔޫރޯ އަކީ ތަޖުރިބާގެ މުބާރާތެކެވެ. ފުރުސަތު ލިބިއްޖެނަމަ މެޗެއްގެ ފުރަތަމަ ރެފްރީކަން ކުރަން ވެސް ފްރަޕާޓަށް ދޭން ޔުއެފާ އިން ވިސްނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްރަޕާޓް އަކީ ޔުއެފާ ސުޕަ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީ އެވެ. ފްރާންސް ފުރަތަމަ ޑިވިޝަން މެޗުތަކުގައި ވެސް ރެފްރީކަން ކުރަމުން އަންނަ ފްރަޕާޓް ފިރިހެން ގައުމީ ޓީމެއްގެ މެޗެއްގައި ފުރަތަމަ ފަހަރަށް ރެފްރީކަން ކުރީ މިދިޔަ މާޗް މަހު ވޯލްޑް ކަޕް ކޮލިފައިންގައި ލެޓްވިއާ އަތުން 2-0 އިން ނެދަލެންޑްސް މޮޅުވި މެޗުގަ އެވެ.
ޔުއެފާ އިން އެންމެ ފުރަތަމަ ފިރިހެން މެޗަކަށް އަންހެން ރެފްރީ އަކު ހަމަޖެއްސީ 2004 ވަނަ އަހަރު އެވެ. އެ ގޮތުން ސްވިޒަލެންޑުގެ އަންހެން ރެފްރީ ނިކޯލް ޕެޓީނިޔާޓް ވަނީ 2004 އިން 2009 އަށް ޔުއެފާ ކަޕް (ޔޫރޮޕާ ލީގު)ގެ ތިން ކޮލިފައިން މެޗެއްގައި އިންސާފުކޮށްފަ އެވެ. ފަހަކަށް އައިސް އަންހެން އޮފިޝަލުން އިތުރު ކުރުމުގެ ވިސްނުމުގައި ޔުއެފާ އިން ވަނީ ގިނަ ގައުމުތަކެއްގައި އަންހެން ރެފްރީން ޓްރެއިން ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ.












