އޮޑިޓާ ޖެނެރަލް މަގާމަށް އައްޔަނުކުރަން އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒީގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމު ހުސްވެފައިވާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ.
އެ މަގާމަށް އައްޔަނުކުރަން ރައީސް ހުށަހަޅުއްވާފައިވާ ނިޔާޒީ އަކީ 2011 ވަނަ އަހަރު އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވުނު ބޭފުޅެކެވެ.
އޮޑިޓު ދާއިރާގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނިޔާޒީ މިވަގުތު ހުންނެވީ އޮޑިޓު އޮފީހުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަނުގެ ހިންގެވުމާ ހަވާލުވެ އެވެ.
އޮޑިޓާ ޖެނެރަލުކަމަށް ނިޔާޒީ އައްޔަނުކުރާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ މައްސަލަ މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒިޔަތު އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ މަންފާ ލިބުނުކަމަށް ތުހުމަތާވާ ލިސްޓުގައި އޭނާގެ ނަން ހިމެނުމާ ގުޅިގެންނެވެ.
ނަމަވެސް، ޒިޔަތު ވިދާޅުވެފައިވަނީ އެ ފައިސާއަކީ 2014 ގައި މަޖިލިސް އިންތިހާބުގައި ހުޅުހެންވޭރުދާއިރާއަށް ވާދަކުރެއްވިއިރު ޕީޕީއެމުން އޭނާގެ ކެމްޕޭން ހަރަދުތަކެއް ދެ ފަހަރެއްގެ މަތިން ހަމަޖައްސައިދިނުމަށް ދިން ފައިސާ ކަމަށެވެ.
އެކަމަކު އެއީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި ފައިސާއެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ފައިސާ ދިނީ ޕީޕީއެމުން ކަމަށް ވިދާޅުވި އެވެ.
ޒިޔަތު އައްޔަނުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރިކަމުގައި ނޮވެމްބަރު 24، 2014 ގަ އެވެ.
މި ހިޔާނާތުގައި ޒިޔަތުގެ ކޮއްކޮ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު ޒިޔަތުގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދެ އެވެ.












