ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އަދި އެއްވެސް ލުޔުއް ދޭން ނިންމާފައިނުވާކަން މިއަދު ސަރުކާރުން ހާމަކޮށްފި އެވެ.
އޭގެ ބަދަލުގައި ލުއި ދޭން ނިންމާފައިވަނީ ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރެއްވި ގޮތުގައި، ކޮވިޑް ޖެހި ރަނގަޅުވުމަށްފަހު 60 ދުވަސް ވެފައިނުވާ މީހުންނަށް ކަރަންޓީނާ ނުލާ ދަތުރުކުރެވޭނެ އެވެ.
މިއީ، މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ކުރިން ވެސް އަމަލުކުރަމުން ދިޔަ އުސޫލެކެވެ.
އެ އުސޫލުގެ އިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެ ހަފުތާވެފައިވާ މީހުންނަށް ކަރަންޓީނުވުމެއް ނެތި ދަތުރު ކުރެވޭނެ އުސޫލެއް ވެސް މީގެކުރިން އާންމުކުރި އެވެ.
ނަމަވެސް، މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުން ސަސްޕެންޑްކުރި އެ އުސޫލަށް ދޫދިނުމަށް އަދިވެސް ނިންމާފައިނުވާ ކަމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި އެވެ.

ދެ ޑޯޒު ޖަހާ މީހުންނަށް އެހެން ގައުމުތަކުގައި ވެސް އަންނަނީ ލުއިތައް ދެމުންނެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި، ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ރާއްޖޭގައި އަދި ލުއި ދެވެން ނެތީ ބޭނުންވާ މިންވަރަށް މިހާތަނަށް ވެކްސިން އާބާދީގެ ނިސްބަތުން ދެވިފައިނުވާތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާބާދީގެ 75 ޕަސެންޓަށް ވެކްސިން ދެ ޑޯޒް ޖަހާފައިވާނަމަ ލުއި ދެވުނީހެވެ.
ރާއްޖޭގައި މިހާތަނަށް ދެ ޑޯޒު ޖަހާފައިވަނީ އާބާދީގެ 38 ޕަސެންޓް މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަސީމް ވިދާޅުވި ގޮތުގައި ޖުލައި މަހުގެ ތެރޭގައި ދެ ޑޯޒު ހަމަކުރެވުމުން، ލުއިތައް ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ލުއިދިނުމާ ގުޅޭ ގޮތުން މެޑިކަލް ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން އޮތްކަން ވެސް މިނިސްޓަރު ހާމަ ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ދެ ޑޯޒު ޖެހި މީހުންނަށް ލުއިިދިނުމާ ގުޅޭ ގޮތުން ރޭ ވެސް މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް، ސަރުކާރަށް ލަފާދޭ ފަންނީ ބޭފުޅުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމުން އެކަން އިއުލާން ނުކުރެވުނީ ކަމަށެވެ.
އެކަށީގެންވާ އަދަދަކަށް ވެކްސިން އަންނަ މަހު ލިބޭނެ
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެކްސިން ޖަހަން ފަށައި ގިނަ ބަޔަަކަށް ދިނީ ކޮވިޝީލްޑެވެ. ވަކި ހިސާބަކުން ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވެ، އާއްމުކޮށް ވެކްސިން ޖެހުން މިހާރު އޮތީ މެދުކެނޑިފަ އެވެ. ފުރަތަމަ ޑޯޒު ޖެހި ގިނަ ބަޔަކު ދެ ވަނަ ޑޯޒު ނުޖެހި ތިބިއިރު އެކަމަށް އޮތް ހުރަހަކީ ރާއްޖެ އިން ގަތް ވެކްސިން ވެސް ނުލިބުމެވެ.
ސިންގަޕޫރުގެ އެސްޓްރާޒެނިކާ އިން ގަތް 700،000 ޑޯޒު ލިބޭނެ ކަމަށް އެކި ތާރީހްތައް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު އެއިން އެއްވެސް ތާރީހެއްގައި ވެކްސިނެއް ނުލިބެ އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ މި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދަކަށް ކޮވިޑު ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް ދައްކަނީ ޖުލައި މަހުގެ 12-20 ވަނަ ދުވަހާ ދެމެދު އަޅުގަނޑުމެންނަށް އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެ ކަަމަށް،" ނަސީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެމެރިކާ އިން ވެސް ރާއްޖެ އަށް ވެކްސިން ލިބޭނެ އެވެ. އެކަމަކު ކޮން ދުވަހެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ރަޝިއާ އިން ސްޕަޓްނިކް ވެކްސިން ހޯދަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.
މީގެ ތެރެއިން ރާއްޖެއަށް ލިބުނީ އިންޑިއާއަށް ފައިސާ ދެއްކި ވެކްސިންގެ ތެރެއިން 100،000 ޑޯޒެވެ. ބާކީ 200،000 އިންޑިއާ އިން ވެސް ލިބޭނެ ދުވަހެއް ނޭނގެ އެވެ.
ސަރުކާރުން އުއްމީދުކުރި ގޮތަށް ވެކްސިން ލިބުމުގައި ތާށިވީ، އިންޑިއާއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރައި ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއެކު އެހެން ގައުމުތަކަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދިނުމަށް ނުކުޅެދުމުންނެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓަކަށް ފުރަތަމަ ޑޯޒު ދީފައިވާ ކަން ފާހަގަކޮށް ސަރުކާރުން ބުނެފައި ވަނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ގިނަ ބަޔަކަށް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައި ނިމޭނެ ކަމަށެވެ.












