މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން މީގެ މަހެއްހާ ދުވަސްކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އަންނަ ބުރާސްފަތިދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން އިއުލާންކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގަ އެވެ.

ރައީސް މިއަދު އިއުލާންކުރެއްވި ލުއިތައް: އިންފޯގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު
ޖުލައިި 1 އިން ފެށިގެން ދޭން ނިންމި ލުއިތައް:
ކާފިއު ލުއިކޮށް، ރޭގަނޑު 8 އިން ފަތިހު 4 އަށް ހަމަޖެއްސުން.

ވިޔަފާރިތައް ހުޅުވާލުން.
މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ފެށުން.
ކާފިއު ނޫން ގަޑީގައި ފާހަކާ ނުލައި ބޭރަށް ނުކުމެވޭނެ ގޮތް ހެދުން.
ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއިންބުއިމުގެ ހިދުމަތް ހުޅުވާލުން.
މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި ކޮވިޑު ޖެހި ރަނގަޅުވެފައިވާ މީހުންނަށް ދަތުރުކުރުމުގައި ލުއިތަކެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ. އެ ގޮތުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ އެވެ.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ކޭސްތައް ވަރަށް ބޮޑަށް ދަށްވީ އެޅި ފިޔަވަޅުތަކަށް ރައްޔިތުން ބޯލެނބުމާއި ސިއްހީ ދާއިރާގެ މަސައްކަތުންނެވެ.
ކޮވިޑުގެ ފިޔަވަޅުތައް ހަރުކަށިކުރީ މިދިޔަ މަހުގެ 26 އިން ފެށިގެންނެވެ. އޭގެތެރޭގައި ކާފިއު ނޫން ގަޑިތަކުގައި ފާސް އޮވެގެން ނޫން ގޮތަކަށް ބޭރަށް ނުކުތުން މަނަލެވެ. ކޮންމެ ގޭބީސީއަކަށް ދޫކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާހެވެ. އަދި ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާކުރުމާއި ޑެލިވަރީ ހިދުމަތް ހެނދުނު 6:00 އިން ދަންވަރު 12:00 އަށް ހަމަޖެއްސުން ހިމެނެ އެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅަކާ އެކު ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ބޭއްވި އިންތިހާބާ ދިމާކޮށް އިމެއް ނެތި ލުއިތަކެއް ދިނުމުންނެވެ. އެ ތަޖުރިބާ އިން ފިލާވަޅެއް ލިބިފައިވާތީވެ، ބަލި ފެތުރުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދޭނީ، ލުއި ދިނުމުން ނުކުމެދާނެ ނަތީޖާތަކަށް ވިސްނައިގެން ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.












