ކޮވިޑާ ގުޅިގެން އިގުތިސޯދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން ވިޔަފާރިތަކަށް ޓެކްސް ދެއްކުމަށް ދަތިވެފައިވާތީ ޓެކްސް ދެއްކުމުގައި ބޮޑެތި ލުއިތަކެއް ދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފި އެވެ.
މިއަދު މީރާއިން ވިޔަފާރިތަކަށް ދިން ލުއިތަކުގެ ތެރޭގައި ޓެކްސް އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކުމަށާއި ޓެކްސް މުއްދަތުތައް ފަހަނައަޅާ ދިޔުމުން އަރާ ޖޫރިމަނާތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ހިމެނެ އެވެ.
އިންސްޓޯލްމަންޓުން ދައްކަން ކޮމިޓްމަންޓް ޕޭމަންޓް ލުޔެއް
އެއް ފަހަރާ ޓެކްސް ދައްކަން ދަތިވާ ފަރާތްތަކަށް މީރާއިން އަބަދުވެސް އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު އޮވެ އެވެ.
މިގޮތަށް ޓެކްސް ދައްކަން ހުށައަޅާ ފަރާތްތަކުން އިންސްޓޯލްމަންޓަށް ފައިސާ ދައްކާ އެއްބަސްވުމުގެ ދަށުން ކޮމިޓްމަންޓް ޕޭމަންޓަށް 50 ޕަސެންޓު ދައްކަން ޖެހެ އެވެ. މިހާރު މީރާއިން ދީފައިވާ ލުއިތަކާއި ގުޅިގެން ދެން ކޮމިޓްމަންޓް ޕޭމަންޓަށް ދައްކަން ޖެހޭނީ އެ މީހަކު ދައްކަން ޖެހޭ ޓެކްސް ފައިސާގެ 5 ޕަސެންޓާއި 10 ޕަސެންޓާ ދޭތެރޭގެ އަދަދެކެވެ.
ކޮމިޓްމަންޓް ފައިސާގެ އިތުރުން މީރާއިން ވަނީ އިންސްޓޯލްމަންޓަށް ބަހާލައިގެން ޓެކްސް ދެއްކޭ މުއްދަތު އިތުރުކޮށްފަ އެވެ. މިހާރު ދެ މަހާއި 26 މަހާ ދޭތެރޭގެ މުއްދަތަކަށް އިންސްޓޯލްމަންޓްތައް ދައްކަން ހުށައެޅޭނެ އެވެ.
އަދި، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެއްބަސްވުންތަކަށް ފައިސާ ދެއްކުން ރީޝެޑިއުލް ކުރުމާއި، އިންސްޓޯލްމަންޓް އެއްބަސްވުމެއް އޮތް ނަމަވެސް، އެ އެއްބަސްވުމުގައި ނުހިމެނޭ ފައިސާ ދައްކަން އިތުރު އިންސްޓޯލްމަންޓް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް މީރާއިން ބުނެ އެވެ.
މީރާއިން ބުނި ގޮތުގައި މި ލުއިތައް ހަމަޖައްސައި ދޭނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރީގެ ފަންތި އާއި، އެ ވިޔަފާރިއަކުން 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލު އައިސްފައިވާ މިންވަރަށް ރިއާޔަތްކޮށެވެ.
ފައިސާ ދެއްކުމުން ޖޫރިމަނާތައް މާފު ވާނެ
މީރާއިން ވަނީ ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ވެސް ލުއި ގޮތްތަކެއް ހަދައިދީފަ އެވެ. އޭގޮތުން އެ ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކްސް ފައިސާ ދެއްކުމުން އެ ނުދައްކަގައިގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފު ކުރާނެ ކަަމަށް މީރާއިން ބުންޏެވެ.
އަދި އިންސްޓޯލްމަންޓު އެއްބަސްވުމަކަށް އާދެވޭ ހިސާބުން އެ އެއްބަސްވުމުގައި ހުންނަ ޓެކުހާ ގުޅިގެން އަރާފައިވާ ޖޫރިމަނާ މާފުކުރާނެ ކަމަށާއި ޓެކްސް ކްލިއަރެންސް ލިޔުން ދޫކުރާނެ ކަމަށް ވެސް މީރާއިން ބުންޏެވެ.
މި ލުއިތައް ދިނުމުގައި އެންމެ ބޮޑަށް ފަސޭހަ ކުރީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އެހެން ނަމަވެސް, މިއީ ހުރިހާ ވިޔަފާރިއަކަށް ހުޅުވާލެވިފައި އޮތް ފުރުސަތެއް ކަމަށް މީރާއިން ބުންޏެވެ.










