ޑޮންނަރުންމާ: ޕްރެޝަރުގެ ތެރެއިން ތަފާތު ދައްކައި އުހަށް!

Jun 26, 2021, 9:33 AM
އިޓަލީގެ ގޯލްކީޕަރު ޑޮންނަރުންމާ: އިޓަލީގެ މުހިއްމު ކުޅުންތެރިއެއް.

އިޓަލީގެ ގޯލްކީޕަރު ޑޮންނަރުންމާ: އިޓަލީގެ މުހިއްމު ކުޅުންތެރިއެއް.

އިޓަލީން މިދިޔަ ފަސް އަހަރުތެރޭގައި ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ފުޓްބޯޅައިގައި ފަހަތަށް ވެއްޓުމުގެ ތަޖުރިބާ ކުރި އެވެ. އަދި އަލުން ފުޓްބޯޅައިގެ ކުރީ ސަފަށް ޖެހުމަށް އިޓަލީން ކުރި ދަތުރުގައި މިދިޔަ ތިން އަހަރު ކާމިޔާބީގެ ސޮފުހާތަކެއް ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ލިޔެފަ އެވެ. މި ކަމުގެ ތެރޭގައި އެ ގައުމުގެ ފުޓްބޯޅަ އަށް ހައްގު ހިސާބަށް ގެންގޮސްދިނުމުގައި ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އިޓަލީން 2015 ވަނަ އަހަރު ޔޫރޯ 17 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރިއިރު، އެ ޓީމުގެ އެއް ވަނަ ގޯލްކީޕަރަކަށް ހުރީ ޑޮންނަރުންމާ އެވެ. އޭގެ އެއް އަހަރު ފަހުން އޭނާ ވަނީ އިޓަލީ 21 އަހަރުން ދަށުގެ ޓީމުގެ ގޯލުގައި ކުޅެފަ އެވެ.

އިޓަލީން އެންމެ ފަހުން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނުއިރު، އޭރު އުމުރުން 17 އަހަރުގެ ޑޮންނަރުންމާ އަށް ޓީމުން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް އެންޓޯނިއޯ ކޮންޓޭ ނެގި އިޓަލީ ސްކޮޑުން ޑޮންނަރުންމާ އަކަށް ފުރުސަތެއް ނުލިބެ އެވެ. އެކަމަކު އޭނަގެ އަޒުމަކަށް ބަދަލެއް ނާދެ އެވެ.

ކޮންޓޭ އަށް ފަހު އިޓަލީގެ ކޯޗުކަމާ ހަވާލުވި ޖިއަން ޕިއޭރޯ ވެންޗޫރާ ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީ ކުޅުނު ފުރަތަމަ މެޗަށް ޑޮންނަރުންމާ ޓީމުގައި ހިމަނައިފަ އެވެ. އަދި އެ ފަހަރު ޑޮންނަރުންމާ ޓީމުގައި ހިމެނުނުއިރު، އޭނާ އަކީ 1911 ވަނަ އަހަރަށް ފަހު އިޓަލީ ސްކޮޑުން ފުރުސަތު ލިބުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ޑޮންނަރުންމާ ޓީމުގައި ހިމެނުނުއިރު، އޭނާގެ އުމުުރަކީ 17 އަހަރާއި ހަ މަހެވެ.

އިޓަލީގެ މެޗެއްގެ ތެރެއިން ޑޮންނަރުންމާ.

އޭނާ ފުރަތަމަ އިޓަލީ ޓީމަށް ކުޅުނީ އެ އަހަރު ސެޕްޓެމްބަރު އެއް ވަނަ ދުވަހު ފްރާންސާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޖިއަންލުއިޖީ ބުފޮންގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ މެޗާ އެކު އޭނާ ވެފައިވަނީ އިޓަލީގެ ފުޓްބޯޅަ ތާރީހުގައި ގައުމީ ޓީމަށް މެޗެއް ކުޅެދިން އެންމެ ޒުވާން ގޯލްކީޕަރަށެވެ. ޑޮންނަރުންމާ އަށް އެ މެޗު ހާއްސަވަނީ އޭނާގެ އައިޑަލް ބުފޮންއާ އެކު އެ މެޗުގައި ތަޖުރިބާތަކެއް ކުރެވުމެވެ.

ގައުމީ ޓީމަށް މެޗެއް ކުޅެދިން ނަމަވެސް، ވޯލްޑް ކަޕް ކޮލިފައިންގައި އެ ފަހަރު ޑޮންނަރުންމާ އަށް ގައުމީ ޓީމުން މާ ބޮޑު ފުރުސަތުތަކެއް ދެން ނުލިބެ އެވެ. ޑޮންނަރުންމާ އަށް ޓީމުން ބޮޑަށް ފުރުސަތު ލިބެން ފެށީ 2018 ވަނަ އަހަރު އިޓަލީގެ ކޯޗުކަމާ މިހާރު އެ މަގާމުގައި ހުރި ރޮބާޓޯ މަންޗިނީ ހަވާލުވި ފަހުންނެވެ. ޑޮންނަރުންމާ އަކީ މަންޗިނީ ޕްލޭނުގެ މުހިއްމު ކުޅުންތެރިއެއް ކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފާހަގަވާން ފެށި އެވެ. ޑިފެންސިވް ސެޓަޕަކުން ޕްރެސިން ފުޓްބޯޅަ އަށް އިޓަލީ އަހުލުވެރިކުރުވިއިރު، ޑޮންނަރުންމާ އަކީ އެ ސިސްޓަމަށް އިތުބާރު ހޯދައިދޭން އިދިކޮޅުން ފޮނުވާލި ބާރު ޝޮޓްތައް ހުއްޓުވި ކީޕަރެވެ.

އިޓަލީ ޓީމު ކޮޅަށް އެންމެ ފަހުން ކުޅުނު 11 މެޗުގައި ގޯލެއް ވަދެފައިނުވާއިރު، މި ފަހަރުގެ މުބާރާތުގައި އިޓަލީން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ބޮޑުބައި ކުޅުނީ ޑޮންނަރުންމާ ގޯލުގައި ބަހައްޓައިގެންނެވެ. ހަމައެކަނި ޑޮންނަރުންމާ ނެތީ ގްރޫޕް ސްޓޭޖުގެ ފަހު ފަސް ވަރަކަށް މިނިޓްގަ އެވެ. އެއީ ޑޮންނަރުންމާ ބަދަލުކޮށް ސަލްވަޓޯ ސިރިގޫ އަށް ކުޅުމުގެ ފުރުސަތެއް ދޭން ކޯޗު މަންޗިނީ ނިންމުމުންނެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް އިޓަލީ ކުޅޭ ސްޓައިލްގެ ސަބަބުން ޑޮންނަރުންމާ އަށް މާ ބޮޑު ނުރައްކަލެއް އަދި ކުރިމަތިނުވެ އެވެ. އެންމެ ދެ ސޭވް މި ފަހަރުގެ މުބާރާތުގައި ކުރަން ޖެހުނުއިރު، އިޓަލީގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ ސިފަކުރާގޮތުގައި ޑޮންރުންމާގެ މުހިއްމުކަން ފެންނަން އޮތީ ހަމައެކަނި ކުރާ ސޭވްތަކުންނެއް ނޫނެވެ. ޑިފެންޑަރުން ރަނގަޅު މަގާމުގައި ބެހެއްޓުމާއި ޑިފެންސްކުރުމުގައި ސަމާލުވާން ޖެހޭ ވަގުތު އިޝާރާތުން ވިޔަސް ކިޔައިދީ ޑިފެންޑަރުންގެ ޒިންމާ އަދާކުރުވުމުގައި ވެސް ޑޮންނަރުންމާ މުހިއްމު ރޯލެއް ކުޅެ އެވެ.

"ކީޕަރެއްގެ ހުރިހާ ކޮލިޓީ އެބަފެނޭ. އުމުރުން 22 އަހަރު ވިޔަސް ޑޮންނަރުންމާ ފެންނަނީ ތަޖުރިބާގެ ގޮތުން ވެސް ސިކުނޑި ތަނަވަސްކޮށް. ވެދާނެ ކްލަބާއި ގައުމުގައި ނެގި ޒިންމާތަކުން އޭނަ އެ ހިސާބަށް އާދެވުނީ ކަމަށް،" ބޮނޫޗީ ބުންޏެވެ.

ބޮޑު ރިސްކުތައް ނަގައި ފުރުސަތު ތަނަވަސްކޮށްދިނީ މިލާނުން

ޑޮންނަރުންމާގެ ފުޓްބޯޅަ ކެރިއަރުގައި ކުރިއަށް ދާން މަގު ކޮށައިދިނީ އޭނާ އަށް ހުރިހާ ފުރުސަތެއް ހުޅުވާލައިދިން ކްލަބް އޭސީ މިލާނުންނެވެ. މިލާންގެ އެކެޑަމީ އަށް ޒުވާން އުމުރުގައި ގަނެ، ޑޮންރުންމާ އަށް ސީނިއާ ޓީމުގައި ހިމެނެން މެޗެއްގައި ފުރުސަތު ދިނީ 2015 ވަަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާގެ 16 ވަނަ އުފަން ދުވަހުގެ ތިން ދުވަސް ކުރިންނެވެ. އެ ދުވަހުގެ މެޗުގައި ނުކުޅުނު ނަމަވެސް ޑޮންނަރުންމާ ބެންޗަށް ގެނެވުނީ ވެސް ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އެއީ އޭނާ ޕްރޮފެޝަނަލް މެޗަކަށް ނުކުންނަ ވަރަށް ވުރެ ޅަ ކުޅުންތެރިއަކަށް ވުމުންނެވެ.

އޭގެ ހަ ވަރަކަށް މަސް ފަހުން ޑޮންނަރުންމާ ވަނީ އިޓާލިއަން ލީގުގެ މެޗެއްގައި މިލާންގެ ގޯލު ބަލަހައްޓައިފަ އެވެ. މިލާން ގޯލުގައި 25 އޮކްޓޫބަރު 2015، ވަނަ ދުވަހު ކުޅުނު މެޗާ އެކު ޑޮންނަރުންމާ ވެފައިވަނީ އިޓަލީގެ ފުޓްބޯޅަ ތާރީހުގައި ލީގުގެ މެޗެއްގައި ކުޅުނު ދެ ވަނަ އަށް އެންމެ ޒުވާން ގޯލްކީޕަރަށެވެ. އެ މެޗުގައި ކުޅުނުއިރު، ޑޮންނަރުންމާގެ އުމުރަކީ 16 އަހަރާއި 242 ދުވަހެވެ. އެންމެ ޒުވާން އުމުރުގައި ކުޅުނު ގޯލްކީޕަަރު ޖިއުސިޕޭ ސާޗީ އާއި ޑޮންނަރުންމާގެ ދެމެދު ފުރަތަމަ މެޗު ކުޅުނުއިރު އުޅެނީ 13 ދުވަހުގެ ފަރަގެކެވެ. ފުރަތަމަ ފުރުސަތު ދިންތާ މާގިނަ ދުވަހެއް ނުވެ ޑޮންނަރުންމާ ވަނީ މިލާންގެ އެއް ވަނަ ކީޕަރަކަށް ޕްރޮމޯޓްކޮށްފަ އެވެ.

ޑޮންނަރުންމާ މިލާންގެ މެޗެއްގެ ތެރެއިން ބޯޅައެއް މަތަކުރަނީ.

ގިނަ ރިސްކުތަކެއް ނަގައި މިލާނުން ޑޮންނަރުންމާ އަށް އެ ފުރުސަތު ދިނީ ވަރަށް ބޮޑަށް މުސްތަގުބަލަށް ވިސްނަިފަ އެވެ. އެކަމަކު ފަހުން ކަންތައްތައް އެކި ގޮތްގޮތަށް ބަދަލުވެ، މިލާނުގެ ބައެއް ސަޕޯޓަރުންގެ ނުރުހުން ވެސް ޑޮންނަރުންމާ އަށް އަމާޒުވި އެވެ.

މިލާނުގައި ޑޮންނަރުންމާ ވަނީ އެކި ތަޖުރިބާތަކެއް ކޮށްފަ އެވެ. އެ ގޮތުން ކުރަން ޖެހުނު އެންމެ ހިތި ތަޖުރިބާ އަކީ 2017 ވަނަ އަހަރު ޑޮންނަރުންމާ މިލާނުގެ ކޮންޓްރެކްޓް އާ ކުރަން ދެކޮޅު ހެދި މައްސަލައިގައި މިލާންގެ އަލްޓްރާސް (ނުފޫޒުގަދަ ސްޕޯޓަރުންގެ ގްރޫޕް) އިން މެޗެއްގެ ކުރިން ދަނޑުގައި ބެނާއެއް ދަަމައި މިލާން ދޫކޮށް ދިއުމަށް ޑޮންނަރުންމާ އަށް ގޮވާލުމުންނެވެ. އެ މެޗުގައި މިލާން ޗޭންޖިން ރޫމްގައި ޑޮންނަރުންމާ ރުއިމުގައި ވަގުތު ކޮޅެއް ހޭދަކުރިއިރު އެހީތެރިވެދިނީ ބޮނޫޗީ އެވެ.

އެ އުނދަގޫ ވަގުތުގައި އަހަންނަށް އެހީވެ. އެކަންކަމާ އެހާ ބޮޑަށް ނުވިސްނައި ކެރިއަރަށް ފޯކަސް ކުރަން އެހީވީ ބޮނޫޗީ. އޭނަ އަކީ އަހަރެންގެ ބޭބެ އެއް ފަދަ މީހެއް،" ޑޮންނަރުންމާ

ޑޮންނަރުންމާގެ އޭޖެންޓަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އޭޖެންޓްކަން ކުރަމުން އަންނަ މިނޯ ރައިއޯލާ އެވެ. ރައިއޯލާ މަޝްހޫރުވެފައިވަނީ ކުޅުންތެރިން ނުއަގުގައި ވިއްކައި އޭޖެންޓް ފީގެ ގޮތުގައި ބޮޑު އަދަދުން ފައިސާ ހޯދާ އޭޖެންޓެއްގެ ގޮތުގަ އެވެ. ޑޮންނަރުންމާ ލައްވައި ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ރައިއޯލާ ކުރާ ޕްރެޝަރުތަކުގެ ސަބަބުން ޑޮންނަރުންމާ އަށް ގޯސް ނިންމުންތަކެއް ވެސް ނިންމިފައި އެބަހުއްޓެވެ.

އެކަމާ ހެދި ކުރަން ޖެހުނު އެއް ތަޖުރިބާއަކީ އިޓަލީގެ ޒުވާން ގައުމީ ޓީމަށް 2017 އަހަަރުގެ 21 އަހަރުން ދަށުގެ ޔޫރޯގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން އިޓަލީގެ ސަޕޯޓަރުން ޑޮންނަރުންމާއާ ދިމާލަށް ފޭކް ބޭންކް ނޯޓުތައް އުކަން ފެށުމުންނެވެ.

ހިލޭ ޓްރާންސްފާއެއްގައި މި ފަހަރުގެ ސީޒަން ނިމުމުން މިލާން ދޫކޮށްލަން ޑޮންނަރުންމާ ނިންމާފައިވާއިރު، ދާދި ފަހުން އޭނާ ވަނީ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކުރަން މެޑިކަލް ފުރިހަމަކޮށްފަ އެވެ. އެ ހަބަރާ އެކު ވެސް ޑޮންނަރުންމާ އަށް ވަނީ ބައެއް ސަޕޯޓަރުންގެ ހިތްހަމަނުޖެހުން އަމާޒުވެފަ އެވެ. އެ ގޮތުން މި ފަހަރުގެ ޔޫރޯގައި އިޓަލީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ވޭލްސްއާ ދެކޮޅަށް ޑޮންނަރުންމާ ބަދަލުކުރި ވަގުތު ސަޕޯޓަރުން ވަނީ އަޑުގަދަކޮށްފަ އެވެ.

ކެރިއަރުގައި މިހާތަނަށް ކުރަން ޖެހުނު ތަޖުރިބާތަކަށް ބަލައި ޑޮންނަރުންމާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ފޯކަސް ކޮށްގެން ހުރީ މި ފަހަރުގެ ޔޫރޯ އަށެވެ. މި ފަހަރުގެ ޔޫރޯގައި އިޓަލީ ރަނގަޅު ހިސާބަކަށް ގެންދިއުމާއި ރެކޯޑްތައް ވެސް ކުރިއަށް ގެންދިއުމަށެވެ.

އެންމެ ފަހުން ކުޅުނު 30 މެޗުން އިޓަލީ ބަލިވެފައިނުވާއިރު، އެ ޓީމު ކޮޅަށް އެންމެ ފަހުން 11 މެޗުގައި ގޯލެއް ނުވަދެ ނިންމާލިއިރު، ދެ މެޗު ފިޔަވައި ހުރިހާ މެޗެއް ކުޅުނީ ޑޮންނަރުންމާ އެވެ. ގެއްލުނު ދެ މެޗަކީ އޭނާގެ ފިޓްނަސް މައްސަލައެއްގެ ސަބަބުން ނުކުޅެ ދިޔަ ދެ މެޗެވެ.

ޑޮންނަރުންމާ މިލާނުގެ މެޗެއްގެ ތެރެއިން ކެޕްޓަން ބޭންޑް އަޅައިގެން.

އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޑީނޯ ޒޮފް އަތުގައި ޔޫރޯ ކޮލިފައިން އާއި ޔޫރޯގައި ލަނޑެއް ނުވައްދައި އެންމެ ގިނަ މެޗު ފުރިހަމަ ކުރުމުގެ ރެކޯޑް އޮތްއިރު، ޑޮންނަރުންމާ އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު އެބައޮތެވެ. ޒޮފް ވަނީ ކޮލިފައިން އާއި މުބާރާތާއި އެކު ޖުމްލަ އަށް މެޗުގައި ލަނޑެއް ނުވަދެ ނިންމާލައިފަ އެވެ. އެ ރެކޯޑް މުގުރާލަން ބޭނުންނަމަ ޑޮންނަރުންމާ އަދި ތިން މެޗު ބައިކޮޅަށް ގޯލެއް ނުވަދެ ނިންލަން ޖެހޭނެ އެވެ.

"އަހަންނަށް ވަރަށް ރަނގަޅު ޑޮންނަރުންމާ އެ ރެކޯޑް މުގުރާލައިފިނަމަ. އޭނަ (ޑޮންނަރުންމާ) އެ ރެކޯޑް މުގުރާލައިފިނަމަ އޭގެ މާނަ އަކީ އިޓަލީ އޮންނާނީ ޔޫރޯގެ ފައިނަލުގައޭ." އިޓަލީގެ މީޑިއާ އަށް މި ހަފްތާގައި ޒޮފް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ޑޮންނަރުންމާ އަށް މުބާރާތުގެ މިހާތަނަށް ނުރައްކާތެރި މާ ގިނަ ހަމަލާތަކަކާ ކުރިމަތިލާން ޖެހިފައިނުވި ނަމަވެސް ނޮކައުޓް ބުރުގައި އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

މިރޭ ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި އިޓަލީ ކުޅޭނީ އޮސްޓްރިއާއާ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ ކުއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމާއި ޕޯޗުގަލް ތެރެއިން މޮޅުވާ ޓީމަކާ އެވެ. ކުއާޓާ ފައިނަލުން މޮޅުވެއްޖެނަމަ ފައިނަލުގައި ސްޕެއިން، ފްރާންސް، ކްރޮއޭޝިއާ އަދި ސްވިޒަލެންޑްގެ ތެރެއިން ޓީމަކާ ބައްދަލުކުރަން ޖެހޭނެ އެވެ.

އިޓަލީން ފައިނަލުގެ ޖާގައެއް ހޯދާނަމަ އޭގެ ކުރިން ޑޮންނަރުންމާ އަށް ފެންވަރު ސާބިތުކޮށްދޭން ޖެހޭ ޓެސްޓްތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox