އެރިކްސަންގެ ސަބަބުން ޔޫރޯގައި ޑެންމާކްގެ ސަޕޯޓަރުން ގިނަވުމާ މެދު ވޭލްސް އިން ނުވިސްނާނެ

Jun 26, 2021, 3:49 AM
2018 ވަނަ އަހަރުގެ ނޭޝަންސް ލީގުގައި ވޭލްސް އާއި ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ބޭލް (ކ) އާއި އެރިކްސަން ސަލާމްކުރަނީ.

2018 ވަނަ އަހަރުގެ ނޭޝަންސް ލީގުގައި ވޭލްސް އާއި ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ބޭލް (ކ) އާއި އެރިކްސަން ސަލާމްކުރަނީ.

އަމްސްޓެޑަމް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުގެ ފުރަަތަަމަ މެޗުގައި މިރޭ ޑެންމާކާ ދެކޮޅަށް ނުކުންނައިރު، ވޭލްސް އަށް އޮތް އެންމެ ބޮޑު އެެއް ކަންބޮޑުވުމަކީ މި ފަހަރުގެ މުބާރާތުގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ކަންތައްތަކަށް ފަހު އެ ޓީމަށް ސަޕޯޓްކުރާ މީހުން ގިނަވުމެވެ. ވޭލްސް އިން މިރޭގެ މެޗަށް ނުކުންނާނީ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

ގްރޫޕް ސްޓޭޖުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އެރިކްސަން ހިތްހުއްޓިގެން ވެއްޓުމުން އޭނާ އަށް ފަރުދޭން ހޮސްޕިޓަލަށް ގެންގޮސް މިހާރު ވަނީ އޮޕަރޭޝަނެއް ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. އެރިކްސަނަށްޓަކައި ވަރުގަދަ ރޫހެއްގައި ނުކުމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ރަޝިއާ ބަލިކޮށް ޑެންމާކް ވަނީ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފަ އެވެ. ޑެންމާކަކީ ގްރޫޕް ސްޓޭޖު ފުރަަތަމަ ދެ މެޗުން ބަލިވެ، ފަހު މެޗުން މޮޅުވެގެން ނޮކައުޓް ބުރުން ފުރުސަތު ހޯދި ހަމައެކަނި ޓީމެވެ.

މިރޭގެ މެޗަކީ ޑެންމާކުން މި ފަހަރުގެ ޔޫރޯގައި އަމިއްލަ ގައުމުން ބޭރުގައި ކުޅޭ ފުރަތަމަ މެޗެވެ. އެކަަމަކު، ޑެންމާކަށް އޮތް ހިތްހަމަޖެހުމަކީ އެރިކްސަން، އޭނާގެ ކްލަބް ކެރިއަރުގައި ޒުވާން އުމުރު ހޭދަކޮށް މުހިއްމު މެޗުތަކެއް ކުޅުނު އަޔަކްސް ޓީމުގެ ދަނޑުގައި މިރޭގެ މެޗު ކުޅުމެވެ. އަޔަކްސްގެ ގިނަ ސަޕޯޓަރުން އެރިކްސަން އަށް ޓަަކައި މިރޭ ޑެންމާކަށް ސަޕޯޓްކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

"އަހަންނަށް އެނގޭ ހާލަތު އޮތްގޮތުން އެރިކްސަން އަށް ދިމާވި ކަންތައްތަކުގެ ސަބަަބުން ގިނަ ބަޔަކު އިމޯޝަނަލީ (ޖަޒުބާތުގައި ޖެހިގެން) މި ވަގުތު ޑެންމާކަށް ސަޕޯޓްކުރާނެ. އަހަރެމެން ވެސް އެރިކްސަންއާ އެކު މި ތިބީ. އެކަމަކު މި މެޗުގެ މުހިއްމުކަން ވެސް ބޮޑު. އަހަރެމެންނަށް އެނގޭ ދުނިޔޭގެ އެކި ހިސާބުތަކުން ޑެންމާކަށް ހެޔޮއެދޭ މީހުން ތިބިކަން. އެކަމަކު ދަނޑު މައްޗަށް އަރާއިރު ހުރިހާ ކަމެއް އޮންނާނީ ކުޅުންތެރިންގެ އަތްމަތީގައި،" މިރޭގެ މެޗުގެ ކުރިން ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގެ މެޗެއްގެ ތެރެއިން ބޭލް އެ ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު.

ބޭލް ބުނީ ގްރޫޕް ސްޓޭޖުގައި ތުރުކީއާ ދެކޮޅަށް އަޒަރުބައިޖާނުގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗަށް 18،000 ސަޕޯޓަރުން ވަންއިރު، އޭގެއިން ގިނައީ ތުރުކީ ސަޕޯޓަރުން ކަމަށާއި އެކަމަކު އޭގެ ސަބަބުން މާ ބޮޑު ތަފާތެއް ދެ ޓީމުން ދަނޑުމަތީގައި ކުރި މަސައްކަތުން ނުފެންނަ ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުން އިޓަލީ އަތުން ވޭލްސް ބަލިވިއިރު، އެންމެ ފަހުން އެ ޓީމު ޖެހިޖެހިގެން ދެ މެޗުން ބަލިވީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ.

ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖް ބުނީ ޑެންމާކާ ދެކޮޅަށް ކުޅެން މި ޖެހޭ މެޗަކީ އޭނާގެ ނަޒަރުގައި ފުޓްބޯޅަ ދަނޑެއްގެ މަތީ ކުރާ ވަރުގަދަ ހަނގުރާމައެއް ކަމަށެވެ. އަދި ވޭލްސް އިން ތިބެން ޖެހޭނީ ހުރިހާ ހާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށް ޕޭޖް ބުންޏެވެ.

"މިހާރު ދެން މި އޮތީ ހުރިހާ ކަމެއް ފެށިފައި. އަންގި ބާލައިގެން އަހަރެމެން މަސައްކަތަށް ނުކުންނަންވީ، މި ތިބީ ނޮކައުޓް ބުރުގައި،" ޕޭޖް ބުންޏެވެ.

ބްރެޒިލް އަތުން 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބަލިވި ފަހުން ވޭލްސް އިން ބޮޑު މުބާރާތުގެ ނޮކައުޓް ބުރުގައި ކުޅުނީ އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ވޭލްސް ބަލިވީ ޕޯޗުގަލް އަތުންނެވެ.

ޑެންމާކަށް ނެދަލެންޑްސްގެ އިން އޮތް ލޯބި ފެންނާނެ މެޗެއް

ޑެންމާކްގެ ކޯޗު ކެސްޕާ ޖޮލްމަންޑްގެ ނަޒަރުގައި ޑެންމާކުގެ ބޯޑަރުން ބޭރުގައި އެ ގައުމުގެ ފުޓްބޯޅަ އަށް ހެޔޮ އެދޭ އެންމެ ގިނަ ބަޔަކު ތިބޭނެ ގައުމަކީ މިރޭގެ މެޗު ކުޅޭ ނެދަލެންޑްސް އެވެ. މިރޭގެ މެޗު ކުރިއަށްދާނެ ނެދަލެންޑްސްގެ އާމްސްޓެޑަމްގެ ޔޯހަން ކްރައިފް އޭރީނާ އަަކީ ޑެންމާކުގެ ގިނަ ޒުވާނުންނަކަށް ފުޓްބޯޅައިން ކުރިއަށްދާން މަގުކޮށައިދިން މަޝްހޫރު ކްލަބް ކަމަށްވާ އަޔަކްސްގެ ހޯމް ސްޓޭޑިއަމެވެ.

"(އަޔަކްސް) އަމްސްޓެޑަމް އާއި ޑެންމާކް އަދި ނެދަލެންޑްސް ވަރަށް ގުޅުން ބޮޑުވާނެ. އެރިކްސަން އޭނަގެ އުމުރުން 16 އަހަރުގައި ޑެންމާކް، އޭނަގެ ފުރަތަމަ ގެ ދޫކޮށްފައި އަޔަކްސް އަށް އައިސް ގަބޫލުކުރީ ނެދަލެންޑްސް އަކީ އޭނާގެ ދެ ވަނަ ގެ ކަމަށް. ދެން ނަން ކިޔަންޏާ ޑޯލްބާގް އާއި ބޮއިލްސަން އަކީ ވެސް އަޔަކްސް އިން ދިން ފުރުސަތުން ކުރިއަރައިގެން ގޮސް މިހާރު ގައުމީ ޓީމުގައި ތިބި ކުޅުންތެރިން. އެހެންވީމަ މި ބުނަނީ މި ދަނޑު. މި ގައުމު އަހަރެމެންނަށް އޮތް ލޯބި ދައްކައިދޭނެއޭ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަުވުމުގައި ޖޮލްމަންޑް ބުންޏެވެ.

އެރިކްސަން ޓީމާ އެކު ނެތް ނަމަވެސް ޖޮލްމަންޑް އަތުގައި އެރިކްސަން އަށް ހާއްސަކޮށް ބްރޭސްލެޓެއް ވަނީ އަޅައިފަ އެވެ. ޖޮލްމަންޑް ބުނީ އޭނާގެ ހަޔާތުގައި އަލަށް ވެސް އެ ކަހަލަ އެއްޗެއް އަތުގައި ނާޅާ ކަމަށާއި އެކަމަކު މި ފަހަރު އެ ބްރޭސްލެޓް އެޅުމުގެ މަގުސަދަކީ އެރިކްސަން ޓީމާ އެކު ފިޒިކަލީ ނެތް ކަމުގައި ވިޔަސް އޭނާގެ ރޫހު ޓީމާ އެކު ހުރިކަމުގެ ހަނދާން އާ ކުރުމަށެވެ.

އެންމެ ފަހުން ވޭލްސްއާ ދެކޮޅަށް ޑެންމާކުން ކުޅުނު 10 މެޗުގެ ތެރެއިން ވަނީ މޮޅުވެފަ އެވެ. ވޭލްސް މޮޅުވީ ހަތަރު މެޗުންނެވެ. ޑެންމާކުން ވާދަވެެރި މެޗެއްގައި އެންމެ ފަހުން ވޭލްސްއާ ބައްދަލުކުރީ 2018 ވަނަ އަހަރުގެ ނޭޝަންސް ލީގުގަ އެވެ. އޭގެއިން އެއް މެޗުގައި ޑެންމާކުން 2-0 އިން ވޭލްސް ބަލިކުރިއިރު، ދެ ގޯލު ޖެހީ ވެސް އެރިކްސަން އެވެ.

މިރޭގެ މެޗަކީ ޑެންމާކުން 2004 ވަނަ އަހަރަށް ފަހު ޔޫރޯގެ ނޮކައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗެވެ. އެ ފަހަރު އެ ޓީމު ކެޓީ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް އަތުންނެވެ. މިރޭ ވޭލްސްއާ ދެކޮޅަށް ޑެންމާކް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox