ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ހޯދަން އެ ހަމަލާގެ ތަހުގީގު ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވާ ހާއްސަ މަންދޫބާ ބައްދަލުކޮށްފި އެވެ.
ނަޝީދު އަވަހާރަކޮށްލަންދިން ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން މިދިޔަ މެއި މަހުގެ ތެރޭގައި އައްޔަނުކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ކަމަށްވާ އައްބާސް ފާއިޒެވެ.
އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެކެވެ.
އެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އަދި، މި މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރުކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.

ރައީސް އޮފީހުގައި ގާއިމުވެ މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވާ އައްބާސް ފާއިޒް މިހާރުން ފެށިގެން މި ހަމަލާޔާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި، ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލްވަންދެން މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އިންކުޔަރީ ހިންގަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އައްބާސް ފާއިޒާ މިއަދު ބައްދަލުކޮށްފައިވަނީ އޮންލައިންކޮށެވެ.
އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތައް ހޯދައި، ރިޕޯޓު އެކުލަވާލުމަށްފަހު އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އިއްޔެ ވަނީ ބުނެފަ އެވެ.
ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީން މައުލޫމާތު ހޯދަން ބޭނުންވި ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާ މިހާރު ސުވާލުކޮށް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
އެގޮތުން، މިހާތަނަށް ޖުމްލަ 49 ފަރާތަކާ ބައްދަލުކޮށްފައިވާއިރު، އޭގެ ތެރޭގައި ސިފައިންގެ މުއައްސަސާގެ 33 ފަރާތެއް ހިމެނޭކަން އަސްލަމް ފާހަގަކުރެއްވި އެވެ.
ނަމަވެސް، އައްބާސްގެ އިތުރުން ނަޝީދުގެ ފުރާނަ ސަލާމަތްކުރި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމާ ކޮމިޓީން އަދި ބައްދަލުކުރާނެ ކަމަށް އަސްލަމް އިއްޔެ ވިދާޅުވި އެވެ.
ކޮމިޓީގެ ބައްދަލުވުންތައް ސިއްރުން ގެންދިޔަ ނަމަވެސް، ކޮމިޓީން އެކުލަވާލައި ރިޕޯޓު އާއްމުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އަދި އެ ރިޕޯޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތެއް ހުރި ކަމަށް ފާހަގަވެއްޖެނަމަ، އެ ބައި ރިޕޯޓުން އުނިކުރަން ޖެހުނު ނަމަވެސް، އެބައި ވެސް ރައީސާއި މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަފަނޑިޔާރާ ވެސް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.













