ގައުމީ އަންހެން ފުޓްބޯޅަ ޓީމުން 11 އަހަރަށް ފަހު އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ނިންމައިފި އެވެ.
ރާއްޖޭން ވަނީ މީގެ ކުރިން 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ނިންމައިފަ އެވެ. ރާއްޖޭން އެންމެ ފަހުން 2014 އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅެފައެއް ނުވެ އެވެ. ދެން ރާއްޖޭން ނުކުޅެނީ 2008 ވަނަ އަހަރުގެ ކޮލިފައިންގަ އެވެ.
އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ބީގަ އެވެ. އަންނަ ސެޕްޓެމްބަރު މަހު އެ ކޮލިފައިން ގްރޫޕްގެ މެޗުތައް ކުޅޭނީ ތަޖިކިސްތާނުގަ އެވެ. އެ ގްރޫޕްގައި ރާއްޖެ އާއި ތަޖިކިސްތާނުުގެ އިތުރުން ދެން އޮތީ ވިއެޓްނާމް އާއި އަފްގާނިސްތާން އެވެ.
ރާއްޖެ ގްރޫޕްގެ ޓީމުތަކުގެ ފެންވަރަށް ބަލާއިރު މިއީ ރާއްޖެ އަށް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ގްރޫޕެކެވެ. ފީފާ ރޭންކިންގައި އަންހެން 167 ޓީމެއް ރޭންކްކޮށްފައިވާއިރު، ވިއެޓްނާމް އޮތީ 33 ވަަނައިގަ އެވެ. ތަޖިކިސްތާން 135 ވަަނައިގައި އޮތްއިރު، ރާއްޖެ އޮތީ 144 ވަނައިގަ އެވެ. އަދި އަފްގާނިސްތާން އޮތީ 152 ވަނައިގަ އެވެ.
އޭޝިއަން ކަޕްގައި 12 ޓީމު ވާދަކުރާއިރު މި ވަގުތު ހަތަރު ޓީމެއް އޮތީ ކޮލިފައިވެފަ އެވެ. އެއީ ހޯސްޓްގެ ގޮތުގައި އިންޑިއާ އާއި އެންމެ ފަހުން މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ނެރުނު އޮސްޓްރޭލިއާ އާއި ޖަޕާން އަދި ޗައިނާ އެވެ. ދެން އޮތް އަށް ޖާގަ ލިބޭނީ ކޮލިފައިން އަށް ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަށެވެ. މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރު ކުރީކޮޅުގަ އެވެ.
ރާއްޖޭގެ އަންހެން ގައުމީ ޓީމު އެންމެ ފަހުން ވާދަކުރީ 2019 ވަަނަ އަހަރު ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގަ އެވެ. އެ ފަހަރު ރާއްޖޭން ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެެވެ. މިއީ ސަރަހައްދުގެ މުބާރާތަކުން އަންހެން ފުޓްބޯޅައިގައި ލިބުނު ފުރަތަމަ މެޑަލް އެވެ.
ގައުމީ އަންހެން ޓީމުން އެންމެ ފަހުން މުބާރާތެއްގައި ކުޅުނުއިރު ކޯޗަކަށް ހުރީ އަހުމަދު ނާޝިދު (ނާދު) އެވެ. އެފްއޭއެމުން ބުނީ އަންހެން ޓީމަށް ރަސްމީކޮށް އާ ކޯޗެއް ހަމަޖައްސަން ދެން ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ.
އެފްއޭއެމުން މިއަދު "އަދަދު" އަށް ބުނީ ޔޫތު މިނިސްޓްރީއާ މަޝްވަރާ ކޮށްގެން އަންހެން ޓީމުގެ ޕްރެކްޓިސްތައް އަވަހަށް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭން މީގެ ކުރިން އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފައިވާ މެޗުތަކަށް ބަލާއިރު، 2006 ވަނަ އަހަރު ކޮލިފައިންގައި އުޒްބެކިސްތާނާއި ހޮންކޮން އަތުން ބަލިވެ، ގްރޫޕުން ކެޓީ އެވެ. އޭގެ ފަހުން 2010 ވަަނަ އަހަރު ހަތަރު މެޗުން ވެސް ވީ ބައްޔެވެ. އެއީ އުޒްބެކިސްތާން، ފަލަސްތީނު، ޖޯޑަން އަދި ކިރްގިސްތާން އަތުންނެވެ. ރާއްޖެ އަށް މިހާތަނަށް އޭޝިއަން ކަޕް ކޮލިފައިންގައި ޕޮއިންޓެއް ނުލިބެ އެވެ.
މި ވަގުތު ގައުމީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ލޯކަލް މުބާރާތްތަކާއި ބައިނައަލްގުވާމީ މެޗުތައް ލިބުނު ވަރަކަށް އެ ކުޅުންތެރިން ކުރިއަރާނެ ކަމަށް ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗުން ވަނީ ބުނެފަ އެވެ.
އެފްއޭއެމުން މި އަަަހަރު ސީޒަނުގައި އަންހެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ޕްލޭންތަކެއް ކުރި ނަމަވެސް ކޮވިޑާ ހެދި އެކަން ކުރެވޭ ގޮތެއްނުވި އެވެ. ޕްރޮފެޝަނަލް އުސޫލުތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަން ކްލަބްތައް ހިންގުން ހަރުދަނާކުރުމުގެ ވިސްނުމުގައި ކުރިއަށް ދިއުމުގެ ގޮތުން އެފްއޭއެމުން ކްލަބްތަކާ އެކު ސޮއިކޮށްފައިވާ ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސް ކޮންޓްރެކްޓްގައިވާގޮތުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބެއްގައި އަންހެން ޓީމެއް އޮތުން ލާޒިމެވެ.











