ކުޑަ ފިރިހެން ކުއްޖާގެ މަރާ ގުޅިގެން ހައްޔަރުކުރި އިބްރާހިމް ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެއް ކަން "އަދަދު"އަށް އެނގިއްޖެ އެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގެ ތުހުމަތަށް ޒިހާން އަންގާރަދުވަހު ހައްޔަރުކުރީ މާލޭގެ ގެސްޓްހައުސްއަކުންނެވެ. މިފަހަރު އޭނާގެ މައްޗަށް ވަނީ މާރާމާރީ އާއި މީހަކު މެރުމާއި ރަހީނުކުރުމުގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތު އުފުލައި ޝަރީއަތް ނިމެންދެން އަނެއްކާވެސް ބަންދުކޮށްފަ އެވެ.
ރަސްމީ ލިއުންތަކުން އެނގޭ ގޮތުގައި ޒިހާންއަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ.
ގޭގައި ބަންދުކުރުމަށް ކުރި އަމުރު ތަންފީޒު ނުކުރެވޭ
މަރުގެ މައްސަލައެއްގައި އޭނާ އަންގާރަދުވަހު ހައްޔަރުކުރިއިރު، ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިކައެއްވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި އޭނާ މާލޭ ޖަލުގައި ބަންދުކުރީ އޮކްޓޯބަރު، 2017، ގަ އެވެ. ޖަލުގައި ހުއްޓައި އޭނާގެ މައްޗަށް ތިން އަހަރު ހުކުމެއް އައެވެ. އެއީ، ޑްރަގް ކޯޓުން ނެރުނު ފަރުވާގެ އަމުރަކާ ހިލާފުވެފައިވާތީ އެވެ. ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަން ފެށީ ފެބުރުއަރީ، 2018، ގަ އެވެ.
މާރާމާރީގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ކުރި އަމުރު ގޭބަންދަށް ބަދަލުކުރީ ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަން ފެށުމުންނެވެ. ތިން އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމުނީ، ފެބުރުއަރީ، 2021 ގައެވެ.
މާރާމާރީ މައްސަލައިގައި ޝަރީއަތް ނިމެންދެން ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މާޗް، 13، 2018 ގައި ނެރުނު އަމުރު ތަންފީޒުވާން ފެށީ ފަރުވާއާ ހިލާފުވި ހުކުމުން މިނިވަންވުމުންނެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނާ ގޮތުން ނަމަ، އަންގާރަދުވަހު ހައްޔަރުކުރުމާ ހަމައަށް ވެސް އޭނާ ހުންނަން ޖެހޭނީ ގޭބަންދުގަ އެވެ.
ޒިހާން ގޭބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް އަމުރުގައި އޮތީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އެވެ. ކުޑަކުއްޖާގެ މަރުގައި އޭނާ މި ހައްޔަރުކުރީ ގޭބަންދަށް ބަދަލުކުރިތާ ހަތަރު މަސް ތެރޭގަ އެވެ.
ގޭ ބަންދަށް އަމުރު ކުރީ ގާނޫނާ ހިލާފަށް
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުނީ ޖުލައި 2، 2017 ގަ އެވެ. އެކި ކުށްކުށުގައި ތުހުމަތު ކުރެވޭ މީހުން ޝަރީއަތް ނިމެންދެން ގޭގައި ބަންދު ކުރުމަކީ އެ ގާނޫނު ފާސްވުމާ ހަމައަށް އަމަލު ކުރަމުން އައި އުސޫލެކެވެ. އެހެންނަމަވެސް އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އެ އުސޫލު ނިމުމަކަށް އައެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހަކު ގޭގައި ބަންދުކުރުމަކީ އެ ގާނޫނު ދަންނަ އުސޫލެއް ނޫނެވެ. ހުކުމެއް ކުރުމުގެ ކުރިން ބަންދު ކުރަން ޖެހޭ މީހެއް ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރެވެން އޮންނަ ކަމަކީ އެ މީހަކު ކަސްޓޯޑިއަލް ޖަލެއްގައި ނުވަތަ ރިމާންޑް ޖަލެއްގައި ބަންދުކުރުމެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުން މި އުސޫލު ކަނޑައެޅި ނަމަވެސް ކުރިމިނަލް ކޯޓުން ގެންދިޔައީ ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުން ގޭގައި ބަންދުކުރުމަށް އަމުރުކުރަމުންނެވެ. ޒިހާން ގޭގައި ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ މާޗް 13، 2018 ގަ އެވެ. އޭރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިފައިވާތީ އެ އަމުރަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމުރެކެވެ.
ގޭގައި ބަންދުކުރުމަށް އަމުރު ކުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފް ކަމަށް ހައިކޯޓުން އެންމެ ފުރަތަމަ ކަނޑައެޅީ އޮގަސްޓް 2015ގަ އެވެ. ހައިކޯޓުން އެގޮތަށް ހުކުމް ކުރުމުން ކުރިމިނަލް ކޯޓުން ކޮށްފައި ހުރި އެފަދަ ބައެއް އަމުރުތައް ކޯޓުން މުރާޖައާކޮށް، ބަންދުގައި ބަހައްޓަންޖެހޭކަމަށް ފެންނަ މީހުން ޖަލަށް ބަދަލުކުރުމަށް އަމުރުކޮށްފައިވެ އެވެ. އެހެންނަމަވެސް ޒިހާން ގޭގައި ބަންދުކުރުމަށް ކުރި އަމުރަށް ބަދަލެއް ގެނެސްފައި ނުވެ އެވެ. އަދި އެ އަމުރު މަތީ މަރުހަލާގެ ކޯޓަކުން ބާތިލު ވެސް ކޮށްފައެއް ނުވެ އެވެ.
ޒިހާން ގޭގައި ބަންދުކުރުމުގެ އަމުރު ކުރެއްވީ ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ އެވެ. އިބްރާހީމް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރަން ޖުޑީޝަލް ސަވިސް ކޮމިޝަނުން ނިންމުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
މައްސަލަ އަވަހަށް ތާވަލުކުރުމަށް ޕީޖީން އެދުނު
ޒިހާން ގޭގެ ބަންދަށް ބަދަލުކުރުމާ އެކު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކުރިން ދައުވާ އުފުލާފައިވާ މާރާމާރީގެ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައި ދިނުމަށް ކުރިމިނަލް ކޯޓުގައި އެދުނީ އެ މައްސަލައިގެ އަޑު އެހުމެއް ބޭއްވުން ލަސްވެފައިވާތީ ކަމަށް އެނގިފައިވެ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުމާ ގުޅިގެން ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލުކުރީ މާޗް 28، 2021 ދުވަހަށެވެ. އެނގިފައިވާ ގޮތުގައި އެ އަޑުއެހުން ބޭއްވޭ ގޮތް ނުވީ ހެކިން ހާޒިރު ނުކުރެވުމުގެ ސަބަބުންނެވެ. އޭގެ ފަހުންވެސް ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި، ޒިހާންގެ މައްޗަށް އުފުލާފައިވާ މާރާމާރީގެ މައްސަލައިގެ އަޑު އެހުމެއް އެންމެ ފަހުން ބޭއްވިފައި ވަނީ ޖެނުއަރީ، 20، 2020 ގަ އެވެ.
ނުރައްކާތެރި ކުށުގެ ރެކޯޑެއް؛ ދޫވެފައި ހުރުމުގެ ފަހަތުގައި އޮތީ އިހުމާލު
ޒިހާންގެ މައްޗަށް އެކި ކުށްތަކުގެ ތުހުމަތުކުރެވި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުތައް ހިމެނެ އެވެ.
އެފަދަ ތުހުމަތެއްގައި ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އަމުރުކުރީ އޭނާ ރިމާންޑުޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. އެހެން ނަމަވެސް ފަހުން ބަންދަށް ލުއި ދީ، ގާނޫނާ ހިލާފަށް ބަންދު އަމުރަށް ބަދަލު ގެނެސް ގޭގެ ބަންދަށް ބަދަލުކުރީ އެވެ. ގޭގެ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ގާނޫނާ ހިލާފް ނަމަވެސް، އެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ.
ޒިހާންގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނޭކަން ދައުލަތަށް އެނގެ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި އެދޭނީ އެހެންވެގެންނެވެ. ކޯޓުން އަމުރުކުރީ ގޭގެ ބަންދުގައި ބެހެއްޓުމަށެވެ. އެއީ ގާނޫނާ ހިލާފް ކަމެއްކަން ވެސް ކޯޓަށް އެނގޭނެ އެވެ. އެ އަމުރު އިސްތިއުނާފް ކުރުމަށް ލިބޭ މުއްދަތުގެ ތެރޭގައި އޭރު ދައުލަތުން އެ އަމުރު އިސްތިއުނާފެއްވެސް ނުކުރެ އެވެ.
ގާނޫނުގައި އޮތް ގޮތަށް ކަން ހިނގި ނަމަ، ޒިހާން ހުރީހީ އޭނާގެ މައްޗަށް ހިނގަމުންދާ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގަ އެވެ. ގޭގެ ބަންދުގައި ހުރުމަށް އަމުރެއް އޮތަސް ކުއްޖާގެ މަރުގައި މިހާތަނަށް އާއްމުވި މައުލޫމާތު ވެސް އެނގެން އޮތީ، ޒިހާން ހުރީ ގޭ ބަންދުގައި ނޫން ކަމެވެ.
ފެންނަން އޮތީ އިހުމާލުތަކެކެވެ؛ ކްރިމިނަލް ކޯޓުން ގާނޫނާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމެވެ. އެ ކޯޓުގެ އަމުރު ދައުލަތުން އިސްތިއުނާފް ވެސް ނުކުރުމެވެ. ޒިހާން ގޭބަންދުކުރުމަށް ކުރި އަމުރު ތަންފީޒުނުކުރެވޭނެ ކަން މުއައްސަސާތަކަށް އެނގޭނެ އެވެ. އެކަމަކު ވެސް ފިޔަވަޅުތައް ނާޅައި ތިބުމެވެ.
ނުރައްކާތެރި ކުށަކަށް އަރައިގެންފާނެ ކަމުގެ ބިރު އޮތް މީހަކު މުޖުތަމައަށް ދޫވިއިރު ނިޒާމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅި ނަމަ، ހުކުމުން މިނިވަންވުމާ އެކު އިތުރު ކުށަކަށް އަރައިނުގަނެވުނީހެވެ. އަޅާނުލެވުމާއި އިހުމާލުގެ ނަތީޖާގައި ފެންނަން އޮތީ ރަހުމްކުޑަކޮށް ކުޑަ ކުއްޖަކު މަރާލުމެވެ.












