ރިޕޯޓުޓީޗަރުންނަށް ހަމަނިދި ނުލިބުނު ދޮޅު އަހަރު!

ޓީޗަރުންނަށް ހަމަނިދި ނުލިބުނު ދޮޅު އަހަރު!

މިދިޔަ އަހަރުގެ ވަކި ހިސާބަކުން ފެށިގެން މާލޭގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔަވައި ދެމުން ދިޔައީ އޮންލައިންކޮށް، އޮންލައިންކޮށް ކިޔަވައި ދިނުމަކީ މާ ބުރަ ކަމެއް ކަމަށް ޓީޗަރުން ބުނޭ

ޓީޗަރަކު އޮންލައިން ކްލާހެއްގައި ކިޔަވައިދެނީ: އޮންލައިންކޮށް ކިޔަވައި ދިނުމަށް ޓީޗަރުން ކުރަން ޖެހުނު މަސައްކަތް ބޮޑުތަނުން ބުރަވި-- ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު
ޓީޗަރަކު އޮންލައިން ކްލާހެއްގައި ކިޔަވައިދެނީ: އޮންލައިންކޮށް ކިޔަވައި ދިނުމަށް ޓީޗަރުން ކުރަން ޖެހުނު މަސައްކަތް ބޮޑުތަނުން ބުރަވި-- ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު

ކިޔަވައިދިނުމުގައި އުޅޭތާ 36 އަހަރު ވެފައިވާ އައިޝަތު ރަމީޒާގެ ހަޔާތުގައި އައި އެންމެ ބުރަ ދުވަސްތަކަކީ މިދިޔަ ދޮޅު އަހަރެވެ. ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ޖެހުމުން މަސައްކަތް އެތައް ގުނައެއް ބުރަވެ، ދަތިތަކަކާ ކުރިމަތިލާން ޖެހުނީ އެވެ.

"ވަރަށް ދަތި ދުވަސްތަކެއް މިދިޔައީ. ވަރަށް ދަތިވި ކުދިންނަށް ކިޔަވައި ދިނުމަށާއި ވަޒަން ކުރަން،" މާފަންނު މަދަރުސާގައި ޕްރީ ސްކޫލް ޓީޗަރަކަށް މަސައްކަތް ކުރާ ރަމީޒާ ބުންޏެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުން ފެށިގެން މާލޭގެ ހުރިހާ ސްކޫލަކާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގައި ކިޔަވައި ދެމުން ދިޔައީ އޮންލައިންކޮށެވެ. ދިރާސީ އަހަރު ނިންމައި މާދަން ސްކޫލްތައް ބަންދު ކުރާއިރު މިދިޔަ ދުވަސްތަކަކީ ޓީޗަރުންނަށް ބުރަ ދުވަސް ތަކެކެވެ.

މިދިޔަ ދުވަސްތަކުގައި ދަރިވަރުންނަށް ހާއްސަކޮށް "ޓެލި-ކިލާސް" ނަމުގައި ބައެއް ޓީވީތަކުން ޕްރޮގްރާމްތައް ވެސް ގެނަ އެވެ. އޭގެ އިތުރުން ގޫގުލް ކްލާސް މެދުވެރިކޮށް ދަރިވަރުންނަށް ގަވައިދުން ކްލާސްތައް ނަގައިދޭން މާލޭގެ ހުރިހާ ސްކޫލެއްގައި ފެށި އެވެ. ވަކި ހިސާބަކުން ސްކޫލްތައް ހުޅުވި ނަމަވެސް މާ ދުވަހެއް ނުވެ އަނެއްކާ ވެސް ވަނީ އޮންލައިކޮށް ކިޔަވައި ދިނުމަށް ބަދަލު ކޮށްފަ އެވެ. ކުއްލިއަކަށް އޮންލައިންކޮށް ކިޔަވައިދޭން ފެށިއިރު ޓީޗަރުންނާއި ދަރިވަރުން ވެސް ތިބީ އެކަމަށް ތައްޔާރު ވެގެނެއް ނޫނެވެ. އެހެންވެ ފުރަތަމަކޮޅު ގިނަ ކްލާސްތަކުގައި ރަނގަޅަށް ކިޔަވައި ވެސް ނުދެވެ އެވެ.

އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް ކްލާހުގައި: މިދިޔަ އަހަރު ގިނައިން ކިޔަވައި ދިނީ އޮންލައިންކޮށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް ކްލާހުގައި: މިދިޔަ އަހަރު ގިނައިން ކިޔަވައި ދިނީ އޮންލައިންކޮށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް ކްލާހުގައި: މިދިޔަ އަހަރު ގިނައިން ކިޔަވައި ދިނީ އޮންލައިންކޮށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އޮންލައިކޮށް ކިޔަވައިދޭން ފެށުމާއެކު ގިނަ ގޮންޖެހުންތައް ކުދިންނާއި ޓީޗަރުންނަށް ވެސް ކުރިމަތިވި އެވެ. އެންމެ ބޮޑު އެއް މައްސަލައަކަށް ކުރިމަތިވީ އިންޓަނެޓްގެ ދަތިކަމެވެ. އިންޓަނެޓްގެ ސްޕީޑް ދަށްވުމުން ދިމާވި ދަތިތަކެވެ. އޭގެ އިތުރުން ކުދިންނަށް ދޭހަވާ ގޮތަށް ކިޔަވައި ދިނުމަށާއި ކުދިންގެ ފެންވަރު ވަޒަން ކުރުމަށް ވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.

ފިލާވަޅުތަކަށް ތައްޔާރުވުން ބުރަ

އޮންލައިންކޮށް ކިޔަވައިދޭން ފެށި ފަހުން ބައެއް ޓީޗަރުންނަށް ގިނަ ރޭރޭ ހަމަނިދި ނުނިދެ އެވެ. ދަންވަރާއެކު މަސައްކަތް ކުރަން ޖެހެނީ އަނެއް ދުވަހުގެ ފިލާވަޅަށް ތައްޔާރު ވުމަށެވެ. އޮންލައިކޮށް ކިޔަވައި ދޭއިރު ކުރަން ޖެހޭ މަސައްކަތް ކުލާހަށް ގޮސް ކިޔަވައި ދިނުމަށް ވުރެ މާ ބުރައީ އެވެ.

"ބައެއް ރޭރޭ އެބަ އިންނަން ދޭއް ނޫނީ ތިނެއް ޖަހާއިރު ވެސް ބައެއް އެއްޗެހި ހަދަން. ފޭސްޓު ފޭސްކޮށް ކިޔަވައި ދޭއިރު ކްލާހަށް ވަދެލާފައި ބޯޑުގައި ލިޔެ ތަންކޮޅެއް ފަސޭހަ. އޮންލައިންކޮށް ކިޔައިވައިދޭއިރު ކުދިން އިންޓްރެކްޓް ކުރަން އެބަ ޖެހޭ ގިނަ ކަންތައްތަކެއް ކުރަން،" ގްރޭޑް ހަޔަކާއި ހަތަކަށް ހިސާބު ކިޔަވައިދޭ ޓީޗަރަކު ބުންޏެވެ.

ކުދިންގެ ކުރިމަތީގައި ހުރެގެން ކިޔަވައިދޭއިރު އެ ކުދިންނަށް އެނގޭނެހެން ބޯޑުގައި ލިޔެ ހެދެ އެވެ. އޮންލައިންކޮށް ވުމުން ކުދިންނަށް ދޭހަ ކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެކަން ކުރަން ޖެހެނީ ޕަވާޕޮއިންޓް ޕްރެޒެންޓޭޝަންތައް ހަދައިގެންނެވެ. އެކަމަށް ޓީޗަރުން ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހެ އެވެ. އެއީ ކްލާހުގައި ކިޔަވައިދޭއިރު ކުރަން ނުޖެހޭ މަސައްކަތެކެވެ.

"ހަމަ އެކަނި އަނގަބަހުން ކިޔަވައިދެންޏާ އޮންލައިކޮށް ކިޔަވައިދޭއިރު ކުދިން ވަރަށް ފޫހިވާނެ. އެހެންވީމާ ޕަވާޕޮއިންޓް ޕްރެޒެންޓޭޝަން ކޮންމެ ފިލާވަޅަކަށް ހެން ހަދަން ޖެހޭ. ޕީޕީޓީ ހެދޭނީ ވީޑިއޯ އާއި އޯޑިއޯ ހޯދައިގެން،" އަމީނިއްޔާ ސްކޫލްގައި ގްރޭޑް ނުވައަކާއި 10 އަކަށް ދިވެހި ކިޔަވައި ދެއްވާ ފާތުމަތު އަޒްހަރު ބުންޏެވެ.

ދަރިވަރަކު ޓެސްޓަށް ގޮސްފައި: މިފަހަރު ޓެސްޓް ނެގީވެސް އޮންލައިންކޮށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
ދަރިވަރަކު ޓެސްޓަށް ގޮސްފައި: މިފަހަރު ޓެސްޓް ނެގީވެސް އޮންލައިންކޮށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ދަރިވަރަކު ޓެސްޓަށް ގޮސްފައި: މިފަހަރު ޓެސްޓް ނެގީވެސް އޮންލައިންކޮށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދޭއިރު އެކުދިން ޝައުގުވެރިވާ ގޮތަށް އަދި ހަނދާން ހުންނާނެ ގޮތަށް ފިލާވަޅުތައް ބުނެދޭން އެކި ހުނަރުތައް ބޭނުން ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ޓީޗަރުންގެ ހަރަކާތްތަކާއި ބޭނުންކުރާ ތަކެތިވެސް ހިމެނެ އެވެ. އެކަން އޮންލައިންކޮށް ކުރަން ވުމުން ހުރަސްތަކާ ކުރިމަތިވެ އެވެ.

"ޕްރީސްކޫލަކަށް ވަރަށް ޗެލެންޖިން ކަމެއް އޮންލައިން ކުލާހެއްގައި ކިޔަވައި ދިނުމަކީ. ޕްރީ ސްކޫލް ކުދިންނަށް ކިޔަވައި ދޭން މިޖެހެނީ އެކުދިން އަމަލީ ގޮތުން ބައިވެރިކޮށްގެން އަމިއްލައަށް ތަޖުރިބާ ކޮށްދީގެން. އޮންލައިންކޮށް ވީމާ ވަރަށް ދަތިތަކާ ކުތިމަތިލާން ޖެހޭ،" ޕްރީ ސްކޫލް ޓީޗަރެއް ކަމަށްވާ ޔުމްނާ ބުންޏެވެ.

"އޮންލައިންކޮށް ކިޔަވައިދޭއިރު ޕްރީ ސްކޫލް ކުދިންނަށް އެންމެ ގިނަ ވެގެން ވެސް މި ތިބެވެނީ ފަސް މިނެޓް ނޫނީ ދިހަ މިނެޓް އެއްތަނެއްގައި އެގޮތަށް. އެންމެ އުނދަގޫ ވަނީ ކުދިންގެ ސަމާލުކަން ހޯދަން."

ކްލާހަށް ކުޑަކުދިންގެ ޝައުގުވެރިކަން ހޯދަން ޓީޗަރުން ޖެހުނީ ކެމަރާގެ ކުރިމަތީގައި އެކިއެކި ހަރަކާތްތައް ދައްކައި ދޭށެވެ. ނެށުމާއި ލަވަ ކިޔުމާއި ވާހަކަ ކިޔައިދިނުން ފަދަ ކަންކަމެވެ. ނަމަވެސް ކުދިންގެ ކައިރީގައި ހުރެ އެކަންކަން ކުރުމުން ޝައުގުވެރިކަން ހޯދޭ ގޮތަށް ދުރުގައި ތިބެ ކުރަންވީމާ އެކަން އޮންނަނީ ނުވެފަ އެވެ. އަދި ކުދިން ލައްވައި އެކިއެކި ހަރަކާތްތައް ކުރުވަން ބަލާއިރު ބައެއް ކުދިން ދިރިއުޅޭ ގެތަކުގެ ދަތި ކަމުން އެކަންކަން އޮންނަނީ ނުވެ އެވެ.

ކުދިންނަށް ދޭހަވާ ކަމެއް ނޭނގޭ

ކުރިން ވާހަކަދެއްކި ތަޖުރިބާކާރު ޓީޗަރު، އަޒްހަރު ބުނި ގޮތުގައި އޮންލައިންކޮށް ކިޔަވައި ދޭން ވުމުން ކުދިން މޮނީޓާ ކުރަން ވަރަށް ދައްޗެވެ. ކުދިންގެ ކުރިމަތީގައި ހުންނައިރު އެ ކުދިން ކުރާ ނުކުރާ ކަމެއް އެނގުނު ނަމަވެސް އޮންލައިންކޮށް ކިޔަވައިދޭއިރު ނޭނގޭތީ ކިޔަވައިދޭން ހުރަސްތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

"ޓީޗަރުގެ ހަރަކާތަކީ ވަރަށް މުހިންމު އެއްޗެއް. ގިނަ ފަހަރަށް ޓީޗަރުގެ ލޮލުގެ ނަޒަރު ހުންނާނެ ކުލާހުގެ ހުރިހާ ދިމާލަކަށް. އެހެންވީމާ ވަރަށް ރަނގަޅަށް ކުއްޖާ ކުރާ ހުރިހާ ހަރަކާތެއް ޓީޗަރަށް ފެންނާނެ. އެ ފެންނަ ފެނުމަކީ ކުދިން ވަރަށް ޖެހިލުންވާ ކަމެއް އަސްލު ކޮންމެ ކޮންމެ ކަމެއް ކޮށްލުމަށް ވެސް،" ކްލާހަށް ކުދިން ގެނެސްގެން ކިޔަވައި ދިނުމުގެ ފައިދާ އަޒްހަރު ކިޔައިދިނެވެ.

"އޮންލައިންކޮށް ވީމާ މިވާގޮތަކީ އެކިކުދިންގެ ދިރިއުޅުން މިހުންނަނީ އެކި ހާލަތުގައި. އެހެންވީމައި އަޅުގަނޑުމެންނަށް ބުނެވޭކަށް ނޯވޭ ވީޑިއޯ ޖައްސާކަށް. އެހެންވީމައި ކުއްޖާ ކުރާ ނުކުރާ ކަންތައްތައް ބަލާލަން ވަރަށް ދަތި."

ކިޔަވައި ދިނުމަކީ ޓީޗަރަކު ހުރެ ވާހަކަތަކެއް ދެއްކުމެއް ނޫނެވެ. ކުދިން އެކަމުގެ ތެރޭގައި ބައިވެރި ކުރަން ޖެހެ އެވެ. އެކަން ކުރަނީ ކިޔަވައިދޭއިރު ޓީޗަރުން ކުދިންނާ ސުވާލު ކޮށްގެންނެވެ. އޮންލައިކޮށް ކިޔަވައިދޭއިރު އެކަންކުރަން ދައްޗެވެ.

"އޮންލައިންކޮށް ކިޔަވައިދޭއިރު ކުދިން ވާހަކަ ދެއްކުމުގެ ކަންތައް ވެސް ކުދިން ވާހަކަ ދެއްކުން ބޮޑުތަނުން މަދު. އާއްމުކޮށް ފިޒިކަލީ ކިޔަވައިދޭއިރު ވާހަކަ ދައްކާ ކުދިންތައް ވެސް އޮންލައިންކޮށް ކިޔަވައިދޭއިރު އެކުދިންގެ ފަރާތުން ރިޕްލައި އަންނަލެއް މަދު،" އަޒްހަރު ބުންޏެވެ.

ދަރިވަރުންނާ އޮންލައިންކޮށް ފިލާވަޅު ހަވާލުކުރާއިރު ފިލާވަޅު ހެދުމަށް ފަހު ދަރިވަރުން ޖެހެނީ ފޮޓޯ އަޕްލޯޑް ކުރާށެވެ. އެއަށް ފަހު ގޫގުލް ކްލާހުގައި ޓީޗަރުން މާކް ކުރެ އެވެ. ފޮތުގައި މާކް ކުރުމާ އަޅާބަލާއިރު އޮންލައިކްކޮށް މާކް ކުރަން ވުމުން ދޭހަވާ ވަގުތާއި ކުރަން ޖެހޭ މަސައްކަތް ބުރަވި ކަމަށް ޓީޗަރުން ބުނެ އެވެ.

"އެންމެ ދަތި އެއްކަމަކީ މާކިން. ކުދިންނަށް ރަނގަޅަށް މާކްކޮށްފައި އެ ކުދިންނަށް ރަނގަޅު ފީޑްބެކެއް ދޭން އެންމެ އުނދަގުލީ،" އަޒްހަރު ބުންޏެވެ.

"ގޫގުލްގައި މިއިންނަނީ ޓިކްލެވޭ ގޮތަށް. އެހެން ނަމަވެސް ވަރަށް އުނދަގޫ އެގޮތަށް މާކް ކުރަން. ކުށްތަކާ އެއްޗެހި ފާހަގަ ކުރަން ފަސޭހައެއް ނޫން. ވަރަށް ގިނަ ވަގުތު ހަގީގަތުގައި."

ސީއެޗްއެސްއީގެ ދަރިވަރުންތަކެއް: އޮންލައިންކޮށް ކިޔަވަން ޖެހުމުން ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ދަތިވި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
ސީއެޗްއެސްއީގެ ދަރިވަރުންތަކެއް: އޮންލައިންކޮށް ކިޔަވަން ޖެހުމުން ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ދަތިވި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ސީއެޗްއެސްއީގެ ދަރިވަރުންތަކެއް: އޮންލައިންކޮށް ކިޔަވަން ޖެހުމުން ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ދަތިވި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކުދިންނަށް ޓެސްޓް ދެމުން ދިޔައީ ވެސް އޮންލައިކޮށެވެ. ގޭގައި ތިބެގެން ވަކި ވަގުތެއްގެ ތެރޭގައި ޓެސްޓް ޕޭޕަރު ހަދާ ގޮތަށެވެ. އެގޮތަށް ހަދާއިރު ކުދިން ޓެސްޓް ހަދަނީ ފޮތް ބަލައިގެން ތޯ ނުވަތަ އިންޓަނެޓުން ޖަވާބު ހޯދައިގެންތޯ ނުވަތަ މީހެއްގެ އެހީތެރިކަން ހޯދައިގެންތޯ ނުވަތަ ނޫންތޯ ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން ގިނަ ޓީޗަރުން ބުނާގޮތުގައި އޮންލައިންކޮށް ޓެސްޓް ދީގެން ކުދިން ރަނގަޅަށް ވަޒަން ނުކުރެވޭނެ އެވެ.

"މިފަހަރުގެ ޓެސްޓްގެ ނަތީޖާ އަޅުގަނޑު ނުބުނާނަން އެއީ ސީދާ ކުދިންގެ މަސައްކަތެކޭ. ކުއްޖާ ވަރަށް ރަނގަޅަށް އެނގޭ ކުދިން ވެސް އެބަ ތިބި ބެލެނިވެރިޔާގެ ވަރަށް ބޮޑު ސަޕޯޓެއް ގޭތެރެއިން ލިބިގެން ޕޭޕަރު ހަދައިފައި،" އަޒްހަރު ވިދާޅުވި އެވެ.

"ކުދިންގެ ހަގީގީ ފެންވަރެއް ދެނެއެއް ނުގަނެވޭ މިހެން ޓެސްޓް ގެންގޮސްގެން.

ޕްރީ ސްކޫލް ކުދިންނަށް ވެސް އެ މައްސަލަ ދިމާވި އެވެ. ބެލެނިވެރިން ކުދިންނަށް މާބޮޑަށް އެހީތެރި ވަނީ އެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ ކުދިން އެ ޖަވާބު ދެނީ އޭނާއަށް އެނގިގެން ކަމެއް ނުވަތަ މަންމަ ބުނެދީގެން ކަމެއް. އެއީ އަޅުގަނޑަށް ވަރަށް އުނދަގޫވި ކަމެއް. އެންމެ ދަތިވި ކަމަކީ ފެންވަރު ވަޒަން ކުރުން. ހަމަ ނުކުރެވެއޭ ބުންޏަސް ދޮގަކަށް ނުވާނެ. ބެލެނިވެރިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާ،" ރަމީޒާ ބުންޏެވެ.

އިންޓަނެޓްގެ ދަތިކަން ބޮޑު

އިންޓަނެޓްގެ އަގު ބޮޑުވުމާއި ސްޕީޑު ދަށް ވުމަކީ އެންމެންހެން ކުރާ ޝަކުވާއެކެވެ. އެކަން އެގޮތަށް އޮއްވާ އޮންލައިންކޮށް ކިޔަވަން ޖެހުމުން އެޝަކުވާ އަދި މާބޮޑުވި އެވެ. ބައެއް ދަރިވަރުންނަށް އިންޓަނެޓަށް ބޮޑު ހޭދައެއް ކުރަން ދަތިވާތީ ކޮންމެ ދަރިވަރަކަށް މަހަކު ފަސް ޖީބީ ހިލޭ ސަރުކާރުން ފޯރުކޮށްދިނެވެ. އެވަރަކުން ކުދިންނަކަށް ނުވެ އެވެ.

"ކްލާހަށް ނުވަދެގެން ގުޅީލީމަ ބެލެނިވެރިން އެބަ ބުނޭ މިސް މެނަށް ތިމަންނަމެންގެ ހާލަތު އެނގޭނަމަ ނުގުޅާނޭ. ތިމަންނަމެން ގޭގައި އިންޓަނެޓް ނުލިބޭތީއޭ. ސްކޫލުން ދިން ޑޭޓާ މަހުގެ މެދާ ހިސާބަށް ދިޔައިރު ހުސްވެއްޖެ އޭ،" އަޒްހަރު ބުންޏެވެ.

ޓީޗަރަކު އޮންލައިން ކްލާހެއްގައި ކިޔަވައިދެނީ: އޮންލައިންކޮށް ކިޔަވައިދޭން ވުމުން ދަތިތަކާ ކުރިމަތިވި ކަމަށް ޓީޗަރުން ބުނޭ-- ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު
ޓީޗަރަކު އޮންލައިން ކްލާހެއްގައި ކިޔަވައިދެނީ: އޮންލައިންކޮށް ކިޔަވައިދޭން ވުމުން ދަތިތަކާ ކުރިމަތިވި ކަމަށް ޓީޗަރުން ބުނޭ-- ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު

ޓީޗަރަކު އޮންލައިން ކްލާހެއްގައި ކިޔަވައިދެނީ: އޮންލައިންކޮށް ކިޔަވައިދޭން ވުމުން ދަތިތަކާ ކުރިމަތިވި ކަމަށް ޓީޗަރުން ބުނޭ-- ފޮޓޯ: ހުސައިން ޝަޔާޙް / އަދަދު

އިންޓަނެޓްގެ ސްޕީޑް ދަށް ވެގެން ކިޔަވައި ނުދެވުމާއި ދޭ ޑޮކިއުމެންޓްތައް ލޯޑްނުވުން ފަދަ އެތައް ދަތިތަކެއް ވެސް ޓީޗަރުންނާއި ކުދިންނަށް މެދުވެރިވި އެވެ.

ލޮކްޑައުންގެ ސަބަބުން ޓީޗަރުންނަށް ސްކޫލަތަކަށް ދިއުމަށް ހުރަސް އެޅުނެވެ. އެހެންވެ ގިނަ ދުވަސްތަކުގައި މަސައްކަތް ކުރަން ޖެހުނީ ގޭގަ އެވެ. އެއާއެކު ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް އިންޓަނެޓަށް ކުރަން ޖެހުނު ހަރަދު ބޮޑުތަން އިތުރުވެގެން ދިޔަ އެވެ.

"އަޅުގަނޑުގެ އަތުން ވަރަށް ބައިވަރު ލާރި ދިޔަ އިންޓަނެޓަށް. އެންމެ ހަތަރު ދުވަހު ބޭނުންކޮށްލަން އެބަ ދޭ 700 ރުފިޔާ. ހަތަރު ދުވަސް ފަހަކުން އޭގެން ބޭނުމެއް ނުކުރެވޭ. ދެން ޖެހެނީ ހަމަ ލާރި އަޅަން،" ދަތިތައް ހިއްސާ ކުރަމުން ރަމީޒާ ބުންޏެވެ.

ދިރާސީ އަހަރެއް ނިމުނުއިރު މިދިޔައީ އުނދަގޫ ދުވަސްތަކެކެވެ. ހާއްސަކޮށް ޓީޗަރުންނަށް ތަކުލީފު ބޮޑެވެ. މާދަމާ މި އަހަރުގެ ދިރާސީ އަހަރު ނިމި މި ބަންދުވީ ޓީޗަރުންނަށް ހަމަ ނިދި ނުލިބުނު ބުރަ ދުވަސްތަކަކަށް ފަހުގަ އެވެ.

އަހުމަދު ސާއިލް އަލީ

ސީނިއާ ޖާނަލިސްޓް

އަހުމަދު ސާއިލް އަކީ އަކީ އިޖްތިމާއީ މައްސަލަތައް ތިލަކުރުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު ނޫސްވެރިކަމުގެ ކޮންމެ ދާއިރާއަކަށް ވެސް އޭނާ ފަރިތަ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފައިވެ އެވެ. "ސަން" އިން ކެރިއަރު ފެށުމަށް ފަހު "މިހާރު" އަދި "ވަން އޮންލައިން" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox