ތެހްރާން، އިރާން (ޖޫން 21) - ސައުދީ އަރަބިއްޔާއާއެކު އަލުން ޑިޕްލޮމެޓިކް ގުޅުން ބާއްވަން ހުރަހެއް ނެތް ކަމަށް އިރާނުގެ އާ ރައީސް އިބްރާހިމް ރައިސީ ވިދާޅުވެއްޖެ އެވެ.
އިރާނާއި ސައުދީން ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ޝިއައީ ޝެއިހަކު ދަން ޖައްސާ މަރާލުމުން އިރާނުގައި ހުންނަ ސައުދީގެ ޑިޕްލޮމެޓިކް މިޝަނަށް ހަމަލާދިން މައްސަލާގަ އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ބޭއްވު ފުރަތަމަ ނިއުސް ކޮންފަރެންސްގައި ރައިސީ ވިދާޅުވީ ދެ ގައުމުން ގުޅުން ގާއިމް ކުރަން ހުރަހެއް ނެތް ކަމަށެވެ.

"އެމްބަސީތައް އަލުން ހުޅުވުމަށް އިރާނުގެ ފަޅިން އެއްވެސް ހުރަހެއް ނެތް... ސައުދީ އަރަބިއްޔާއާއެކު ގުޅުން ބާއްވަން އެއްވެސް ހުރަހެއް ނެތް،" ރައިސީ ވިދާޅުވި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ގުޅުން ރަނގަޅު ކުރުމަށް މިދިޔަ އޭޕްރިލް މަހުން ފެށިގެން ދެ ގައުމުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ ބައްދަލުވުންތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަނީ އިރާގުންނެވެ.
އޭގެ އިތުރުން ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް ނަމަކަށް ކުރިއަށް ނުގެންދަވާނެ ކަމަށާއި އިރާނަށް ފައިދާވާ ކޮންމެ ކަމަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައިސީ އިއްޔެ ވިދާޅުވި އެވެ.
"ގައުމުގެ މަސްލަހަތަށް ފައިދާ ހުރި ކޮންމެ ކަމަކަށް އެއްބާރުލުން ދޭނަން. ނަމަކަށް މަޝްވަރާ ކުރުމުގެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ނިއުކްލިއާ އެއްބަސްވުމާ ގުޅޭ ގޮތުން ރައިސީ ވިދާޅުވި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އިރާނުން ބައެއް ނިއުކްލިއާ ހަރަކާތްތައް މަޑުޖައްސާލުމުން ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލާނެ އެވެ.
ނަމަވެސް 2017 ވަނަ އަހަރު އެމެރިކާއިން އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލި އެވެ. އެހެންވެ، އަނެއްކާ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ވަނީ ފަށާފަ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީފި ނަމަ އެމެރިކާގެ އާ ރައީސް ޖޯ ބައިޑެންއާ ބައްދަލު ކުރައްވާނެތޯ އެމެރިކާގެ ނޫހަކުން ސުވާލު ކުރުމުން ރައިސީ ވިދާޅުވީ ނުކުރައްވާނެ ކަމަށެވެ.










