ލަންޑަން (ޖޫން 21) - މެންޗެސްޓާ ސިޓީން ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ގަންނަން 100 މިލިއަން ޕައުންޑާއި ތިން ކުޅުންތެރިން ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެެވެ.
އުމުރުން 27 އަހަރުގެ ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް ވަނީ އަންގައިފަ އެވެ. އެކަމަކު ޓޮޓެންހަމް އަދި އޮތީ ކޭން ވިއްކާލާ ގޮތަކަށް ނޫނެވެ. ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ސިޓީން ވަނީ ކޭން ގަންނަން މިއަދު 100 މިލިއަން ޕައުންޑު (140 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފަ އެވެ. އެއީ ތިން ކުޅުންތެރިން ވެސް ހިމެނޭ ގޮތަށެވެ.
އިނގިރޭސި އެހެން މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޭން ގަންނަން ހުށަހެޅި އެ ތިން ކުޅުންތެރިންނަކީ ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް، އިނގިރޭސި ވިންގް ރަހީމް ސްޓާލިން އަދި ސްޕެއިންގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ދޭނީ އެއް ސީޒަނުގެ ލޯން އެއްބަސްވުމަކަށެވެ. އަދި އެ އެއްބަސްވުމުގެ ތެރެއިން އެ ދެ ކުޅުންތެރިންނަށް ވަކި ޓްރާންސްފާ ފީއެއް ދައްކައިގެން ކޮންޓްރެކްޓް ދާއިމީ ކުރެވޭ ގޮތަށް ވަކި މާއްދާއެއް ހިމަނަން ވެސް ސިޓީ އޮތީ ތައްޔާރަށެވެ.
ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލިވީއާ ހަވާލާދީ މީގެ ކުރިން އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 150 މިލިއަން ޕައުންޑަށް ވުރެ ކުޑަކޮށް ކޭން ނުވިއްކާނެ އެވެ. މިއީ ހަގީގަތުގައި ކޭން ނުވިއްކުމުގެ ބޭނުމުގައި ޓޮޓެންހަމް އިން ގަސްދުގައި އަގުބޮޑުކުރަން ކުރާ ކަމެއް ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު ސިޓީން ބޮޑު އަގު ހުށަހަޅާނަމަ ޓޮޓެންހަމްގެ މާލީ ހާލަތު އޮތްގޮތުން ކޭން ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ.
ސިޓީން އާ ފޯވާޑެއް ހޯދަން މަސައްކަތް ފެށީ އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވާޑް ސާޖިއޯ އަގުއޭރޯ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފައިވާތީ އެވެ. ކޭން ނުލިބިއްޖެނަމަ ސިޓީން ހޯދަން މަސައްކަތް ކުރަމުން އަންނަ ފޯވާޑުންގެ ތެރޭގައި އިންޓަ މިލާނުގެ ދެ ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ލަޓާރޯ މާޓީނޭޒް އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑް ހިމެނެ އެވެ. ޓޯކްސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި މީގެ އިން ފޯވާޑެއް ހޯދަން ސިޓީން ސީރިއަސްކޮށް މަސައްކަތް ފަށާނީ ކޭން ނުލިބޭނެކަން ކަށަވަރުވީމަ އެވެ.

ސިޓީގެ ކަންސޭލޯ (ކ) ކައިރިން ކޭން ބޯޅަހިފައިގެންދަނީ.
ކޭން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އަނެއް ދެ އިނގިރޭސި ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އެވެ.
ޓޮޓެންހަމްގެ ޔޫތު ޓީމުން ސީނިއާ ޓީމަށް 2009 ވަނަ އަހަރު ޕްރޮމޯޓްވި ކޭން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ހަތަރު ކްލަބަށް ކުޅެފަ އެވެ. އެއީ ލޭޓަން އޯރިއެންޓާއި މިލްވޯލާއި ނޯވިޗް ސިޓީ އަދި ލެސްޓާ ސިޓީ އަށެވެ. ޓޮޓެންހަމް ޓީމުން ކޭން އަށް ގަވާއިދުން ފުރުސަތު ލިބެން ފެށީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެ ފަހުން އޭނާ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
ކޭން ވަނީ 12 އަހަރު ތެރޭ ޓޮޓެންހަމަށް 221 ގޯލު ޖަހައިދީފަ އެވެ. އިންޑިވިޖުއަލް ޓްރޮފީތައް ހޯދި ނަމަވެސް އަދި ޓީމާ އެކު ތަށްޓެއްގައި އަތްނުލެވެ އެވެ. ޓޮޓެންހަމާ އެކު ކޭން ނުކުތް ތިން ފައިނަލުން ވެސް ވީ ބައްޔެވެ. އެއީ 2015 އާއި މި އަހަރުގެ ލީގު ކަޕް ފައިނަލާއި 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލެވެ. ކޭން، ޓޮޓެންހަމް ދޫކޮށްލަން ބޭނުންވަނީ ބޮޑެތި މުބާރާތްތައް ހޯދޭނެ ފެންވަރުގެ ޓީމަކަށް ކުޅޭށެވެ.












