ރިޕޯޓުޒިންމާ ކުރުވޭނެ ގޮތެއް ނެތި މައުލޫމާތުގެ ހައްގު ހުއްޓިފައި!

ޒިންމާ ކުރުވޭނެ ގޮތެއް ނެތި މައުލޫމާތުގެ ހައްގު ހުއްޓިފައި!

ގާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި ރައީސް ފޮނުއްވާ ނަމެއް މަޖިލީހުން ފާސްކުރަން ލާޒިމު. އެކަމަކު އެ މަގާމު ހުސްވިތާ މިހާރު 90 ދުވަސް ވެފައިވާއިރު، އަދިވެސް ކޮމިޝަނަރަކު އައްޔަނު ނުކުރެވޭ.

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުނުކޮށް މައުލޫމާތުގެ ހައްގުގެ ގާނޫނު ވަނީ ހުއްޓިފައި. - އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު
އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުނުކޮށް މައުލޫމާތުގެ ހައްގުގެ ގާނޫނު ވަނީ ހުއްޓިފައި. - އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު

އަޅުގަނޑުމެން ހައްލުތަކެއް އެބަ ގެންނަންޖެހޭ. ކުރިން މަޖިލީހުގައި ކަންކަން ކުރި ގޮތަށް ކަންނުކޮށް، އެހެން ނަމަވެސް އަދި ހަރުދަނާ ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ،"

މިއީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ވަރަށް ހައްސާސީ ވާހަކަފުޅެކެވެ.

ރައްޔިތުންގެ ފައި ބުޑަށް ވެއްޓި ސިޔާސީ ބޭފުޅުން ކުރާ އާދޭހަށް ހެއްލިގެން ރަނގަޅު ފާހަގަ ޖަހާ ކަރުދާސްކޮޅު ވޯޓު ފޮއްޓަށް ވައްޓާލަން އަތުން ދޫވާ ހިސާބުން، ރައްޔިތުންގެ ބާރު ވެސް ބީވެގެން ދެ އެވެ.

ދައުލަތް ހިންގުމުގެ ލަގަން ސިޔާސީ ބޭފުޅުންނާ ހަވާލުކުރުމާއެކު ޖަވާބުދާރީ ކުރުމުގެ ފުރުސަތާ ވެސް އެކުގަ އެވެ. ނިޒާމު ބައްޓަންވެފައި އޮންނަ ގޮތުން، ސަރުކާރު ހިންގާ ގޮތާމެދު އުފެދޭ ސުވާލެއް ކޮށްލުމުގެ މަގެއް އާއްމު ރައްޔިތު މީހާއަކަށް ނޯވެ އެވެ.

އެކަމަށް ކިރިޔާ ވެސް އަލި މަގެއް ފެންނަން އޮތީ 2014 އިން ފެށިގެން އަމަލު ކުރަމުންދާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުންނެވެ.

އެކަމަކު ދައުލަތުގެ އެކި އިދާރާތަކާއި ވެރިންގެ ކިބައިން ޖަވާބު ހޯދަން ގާނޫނަކުން ސީދާ ރައްޔިތުންނަށް ލިބިދީފައިވާ އެންމެ ވަރުގަދަ ހަތިޔާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

އީވާ ވެސް ފާހަގަކުރެއްވި ފަދައިން، "ތަފާތު" ވާނެ ކަމަށް ބުނި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރައްޔިތުންގެ އަސާސީ ހައްގެއް ހިފަހައްޓައިފަ އެވެ. ސިޔާސީ ކޯޅުމެއްގެ ތެރެއިން އަމިއްލަ މަންފާގެ ބޭނުމަށް ގާނޫނާ ހިލާފަށެވެ.

ގާނޫނާ ހިލާފަށް ކޮމިޝަނަރަކު އައްޔަނުނުކޮށް!

މި ސަރުކާރުން އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ނޫސްވެރިކަމުގައި 20އަކަށް އަހަރުގެ ތަޖުރިބާއާއެކު އެ މަގާމަށް ވަޑައިގެންނެވި ހުސެއިން ފިޔާޒް މޫސާ ވަނީ އައިކޮމްގެ ދައުރު ވަރަށް ފުޅާކުރައްވައިފަ އެވެ.

އެ ކޮމިޝަނާ މެދު ސިޔާސީ ވެރިންގެ ހިތްހަމަނުޖެހުން ބޮޑުވުމަކީ ދޮޅު އަހަރެއްހާ ދުވަހު ފިޔާޒު އެ މަގާމުގައި ހުންނަވައިގެން ކުރެއްވި ރަނގަޅު މަސައްކަތްތަކުގެ ނަތީޖާކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކުއްލި ގޮތަކަށް ކޮމިޝަނަރުކަމުން ފިޔާޒް އިސްތިއުފާ ދެއްވުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނީ އެ ސަބަބާހެދި އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހެވެ.

ގާނޫނު ބުނާގޮތުން ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އާއްމުކޮށް އިއުލާނުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަދުވެގެން އެއް ނަން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިގެން ފާސްކުރުން ލާޒިމެވެ.

އެކަމަކު، ގާނޫނުން ލާޒިމުކޮށްފައިވާ އެ މުއްދަތު ފަހަނައަޅައި، އޭގެ މައްޗަށް އިތުރު މަސް ދުވަސް ފާއިތުވެފައިވާއިރު، ކޮމިޝަނަރަކު އައްޔަނުކުރެވޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

އަމިއްލަ އެދުމާއި އެތެރޭގެ ކޯޅުން!

ފިޔާޒް އިސްތިއުފާ ދެއްވުމާއެކު، ރައީސް އޮފީހުން ވަނީ ގާނޫނު ބުނާ އިޖުރާއަތްތަކުގެ ދަށުން ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ތިން ނަމެއް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މަޖިލީހަށް ފޮނުވައިފަ އެވެ.

ހަމަ އެ ދުވަހު އެކަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރިޔާސަތުން ފޮނުވި އެވެ.

އެ ކޮމިޓީން އެ ތިން ބޭފުޅުންނާ އިންޓަވިއުކޮށް، މައުލޫމާތު ހޯދައި، ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ފެންނަ ތަރުތީބެއް ކަނޑައަޅަން ވޯޓަށް އެހޭވަރުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ.

އެކަމަކު މަޖިލީހުގެ ގަވައިދުގައި އިންނަ ބޮޑު ބާގަނޑެއްގެ ތެރެއިން، ކޮމިޓީގެ ބައެއް މެމްބަރުން ވަކި ބޭފުޅަކު ނަގަން މަސައްކަތް ކުރި ކަމުގެ ތުހުމަތާއެކު، އެއްވެސް ނަމެއް ތަޅުމާ ހަމައަށް ގެންދެވޭ ކަމަކަށް ނުވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ކޮމިޓީއަށް ހުށަހެޅޭ ނަމެއް ތަޅުމަށް ފޮނުވޭނީ ކޮމިޓީގައި ތިއްބަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ދެއްވައިފި ނަމަ އެވެ.

ގާނޫނުގައި މުޅި މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރަންޖެހޭ ގޮތަށް އޮންނަ އިރު، މަޖިލީހުގެ ގަވައިދު އުޅެނީ އެއަށް ވުރެ އެއް ދަރަޖަ ކުރީގަ އެވެ.

އޭގެ މާނައަކީ ނަމެއް ތަޅުމަށް ފޮނުވަން ޖުމްލަ 12 މެމްބަރުން ތިއްބަވާ ކޮމިޓީގެ އަށް މެމްބަރުންގެ ވޯޓު ލިބެންޖެހެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ތަޅުމަށް ފޮނުވާނެ ނަންތަކެއް ފާސްކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވަނީ 10 މެމްބަރުންނެވެ.

އެ ދުވަހު ނެގުނު ވޯޓުގައި މަރިޔަމް އަލީމަށް ލިބިވަޑައިގެންނެވީ ފަސް ވޯޓެވެ. ދެން ތިއްބެވި އަހުމަދު އާހިދު ރަޝީދާއި ޝިހާމް މުހައްމަދު ވަހީދު އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.

ގަވައިދުގައި އެ ބުނާ ތިން ބައި ކުޅަ ދެ ބައި ހަމަވާ އަށް ވޯޓު އެއްވެސް ބޭފުޅަކަށް ނުލިބޭތީ ކޮމިޓީން ރިޕޯޓު ނިންމީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަނުކުރެވޭނެ ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ބޭފުޅަކު ރައީސަށް ހުށަނޭޅުއްވޭ ކަމަށެވެ.

ނަމެއް ފާސްނުކުރީ ގަސްދުގައި؟

މަޖިލީހުން އަމަލުކުރި ގޮތުން މައުލޫމާތަށް އެދެން ބޭނުންކުރާ "މަހޯލި" ފޯމަކީ ރައްޔިތުންނަށް ލިބިފައިވާ ހަތިޔާރެއް ކަމަށް ގަބޫލުކުރާ އަހުމަދު އައިމަން ލަތީފުގެ ހިތްހަމަނުޖެހުން ބޮޑެވެ.

އައިކޮމް އުފެދުނު ފަހުން އެ ގާނޫނުގެ ދަށުން އެކަކު އެންމެ ގިނައިން މައްސަލަ ހުށަހެޅި އައިމަން ބުނި ގޮތުގައި، މަޖިލީހަށް ރައީސް ފޮނުއްވި ތިން ބޭފުޅުންނަކީ ވެސް އިންފޮމޭޝަން ކޮމިޝަނަރުކަމަށް ހަމަ ވަރަށް ރަނގަޅު ބޭފުޅުން ކަމަށެވެ.

އެކަން ކޮމިޓީއަށް ވެސް އެނގޭއިރު، އެ ތިން ނަން ވެސް ފާސްނުކުރީ ގަސްދުގައި ކަމަށް އައިމަން ތުހުމަތު ކުރެ އެވެ. އެއީ ކުރިން އެ މަގާމަށް އައްޔަނުކުރެވުނު ބޭފުޅެއްގެ ސަބަބުން ސަރުކާރަށް ކުރިމަތިކުރުވި އުނދަގޫތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ވަކި މީހަކު ގެންނަން ކުރިކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ހަމަ ވަރަށް ކޮލިފައިޑް ބޭފުޅުންތަކެއް އެއީ. އޭގެން ކޮންމެ ވެސް އެއް ބޭފުޅަކު އައްޔަނުކުރެވުނީސް. އެކަމަކު ގަސްދުގައި ނަމެއް ފާސް ނުކުރީ ވަކި މީހަކު އެ މަގާމަށް ގެންނަންވެގެން،" އައިމަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަޖިލީހުން ވަނީ ރައްޔިތުންގެ ހައްގެއް ނިގުޅައިގެންފަ އެވެ. އަދި ކުރިން އައިކޮމް މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައި ހޯދުނު ކުރިއެރުންތައް މިހާރު ގެއްލިފައިވާ ކަމަށް އައިމަން ބުންޏެވެ.

އިންފޮމޭޝަން ކޮމިޝަނަރަކު ނެތުމުން، މިހާރު މައުލޫމާތު ދިނުމުގައި ވެސް ބައެއް މުއައްސަސާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ.

ކޮމިޝަނަރު ނެތި އައިކޮމް ހުއްޓިފައި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮންނަ ގޮތުން އައިކޮމް ދައުލަތުގެ އެފަދަ އެހެން މުއައްސަސާތަކާ ތަފާތެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާ ބުނާ ގޮތުން، ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއް އާއްމުކޮށް ގިނަ ވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ހޯދަން އެދުނު ފަރާތަކަށް ފޯރުކޮށްދޭންޖެހެ އެވެ.

އެކަމަކު އެފަދަ މައުލޫމާތެއް ދޫނުކުރެވޭ ކަމަށް ބުނެ އުފެދޭ ހިލާފަކާ މެދު ގޮތް ނިންމާނީ ސީދާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ އެ މަގާމުގައި މީހަކު ނެތުމުން މުޅި ގާނޫނު ހުއްޓޭ ސަބަބެވެ.

އައިކޮމްއިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ކޮމިޝަނަރުކަމުގައި ފިޔާޒު ހުންނެވިއިރު ނުނިމި އޮތް ހަ މައްސަލައަކާއެކު ގޮތެއް ނުނިންމި ޖުމްލަ 11 މައްސަލަ މިހާރު ވެސް އެބައޮތެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ޝަކުވާއެއް އެންމެ ލަސްކުރެވޭނީ ޖުމުލަ 45 ދުވަހުގެ މުއްދަތަށެވެ. މިފަދަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައަޅާފައި އޮތަސް، މުޅި ގާނޫނުގެ ރޫހަކީ އަދި މަގުސަދަކީ ވީ އެންމެ އަވަހަށް މައުލޫމާތު ދޫކުރުމެވެ. އަމިއްލަ އިސްނެގުމަށް ހާމަކުރުމެވެ.

ދައުލަތުގެ މުއައްސަސާތަކުގައި އޮތް މައުލޫމާތު ހިފެހެއްޓުން ނުވަތަ ސިއްރުކުރުމުގެ ސަގާފަތް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އައިކޮމްއިން ފެށިއެވެ. ހުޅުވާލައިގެން އަޑުއެހުންތައް ބާއްވަން ފެށުމަކީ، ކުރިން އަތް އަޅައިގެން ތިބި އެތައް މައުލޫމާތެއް ދޫކުރަން މަޖުބޫރުވި އެއް ސަބަބެވެ. ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށްނަށް، ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭކަމުގެ ރީތި މިސާލެކެވެ.

ކަންކަމުގައި ރައްޔިތުން ސުވާލުކޮށް، ވެރިން ޖަވާބުދާރީ ކުރެވުނު މަންޒަރު އޭރު ފެނިގެން ދިޔަ އެވެ. އެ އިތުބާރު ރައްޔިތުންގެ ބޮޑުވަމުން ދިޔަކަން އެނގެނީ މައުލޫމާތު ހޯދަން ހުށަހަޅާ މިންވަރާއި ދޫކުރާ މިންވަރު އިތުރުވިކަން އައިކޮމްގެ އަހަރީ ރިޕޯޓުން ފެންނާތީ އެވެ.

ނަމަވެސް، ކަންބޮޑުވުމަކީ މި ބާރުގަދަ ހައްގު ފުރިހަމަ ގޮތުގައި ތަންފީޒު ނުކުރެވި ހުއްޓިފައި އޮތުމެވެ.

އިންފޮމޭޝަން ކޮމިޝަަރުގެ މަގާމަކީ ނުހަނު މުހިންމު މަގާމެއްކަން އަދި ބާރުގަދަ މަގާމެއްކަން މިހާރު އެނގޭއިރު، ކޮމިޝަނަރު އައްޔަންކުރުމުގައި މަޖިލީހަށް ގޮތެއް ނުނިންމުމުން، ރައީސް އޮފީހުން ވަނީ މަގާމަށް ކުރިމަތިލާން އަނެއްކާވެސް ހުޅުވާލައިފަ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، ކުރިން ވާދަކުރެއްވި ބައެއް ބޭފުޅުން އަނެއްކާވެސް ކުރިމަތިލެއްވިކަން އެނގިފައިވެ އެވެ.

ނަމަވެސް، އެކަމާ ގުޅޭ މައުލޫމާތު ރައީސް އޮފީހުން ސާފުވާ ގޮތެއް ނުވި އެވެ.

އެއްވެސް ނަމެއް ފާސްނުވެގެން ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް އެ ދުވަހު ވިދާޅުވީ މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ހުށަހެޅޭ ނަންތައް ދިރާސާކޮށް ގޮތެއް ނިންމަން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން، ގަވައިދަށް ގެންނަން ބޭނުންވާ ބަދަލުތައް މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ އަވަސްކޮށް ދެއްވުމަށް ރޮޒެއިނާ އެދިވަޑައިގެންނެވި އެވެ.

"މި މަސައްކަތް އެބަ އަވަސްކުރަންޖެހޭ ދެއްތޯ. އަދި ކޮންމެހެން މި ކޮމިޓީ ރިޕޯޓު، މި ރުހުން ދިނުމުގެ މައްސަލަ އަނބުރާ ގެންދިޔުމަކަށް ނޫން. އެކަމަކު މިކަން ވިސްނުމަކަށް ގެންނަން އެބަ ކޮމިޓީތަކުން އަލުން އަނބުރާ ވިސްނަންޖެހޭ،" ރޮޒެއިނާގެ ވާހަކާއާ ވިދިގެން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވި އެވެ.

މިކަން އަވަސް ކުރަންޖެހޭ ކަމަށް އީވާ ވިދާޅުވި ފަހުން ގާތްގަނޑަކަށް މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އެ މައްސަލަ އޮތް ގޮތަށް އޮތީ އެވެ.

ގަވައިދުގެ ސަބަބުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅޭ ނަންތަކާމެދު ގޮތެއް ނިންމަން ދިމާވާކަމަށް ރޮޒެއިނާ ވިދާޅުވި ދަތިތަކަށް ހައްލެއް އަދި ނުހޯދެ އެވެ.

އާއްމު ކޮމިޓީގެ ބައްދަލުވުމެއް ވެސް އޭގެ ފަހުން ބާއްވައިފައެއް ނުވެ އެވެ. މުޅި މަޖިލީހުގެ ސަމާލުކަން މިދިޔަ މެއި މަހުން ފެށިގެން ވަކި ދިމާއަކަށް ހުއްޓިފައި އޮތް އިރު، އެހެން މަސައްކަތްތައް ހިނގާ ދުވެލި ވަނީ މަޑުޖެހިފަ އެވެ.

އާއްމު ރައްޔިތު މީހާ ގާނޫނަކާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު ނޫނީ އަދަބު ދެވޭނެ ގޮތްތައް އޮވެ އެވެ. އެކަމަކު ގާނޫނުގައި ރައީސްއަށާއި މަޖިލީހަށް ކުރަން ލާޒިމުކޮށްފައިވާ ކަމެއް ނުކޮށްގެން އަދަބު ދެވޭނެ ނޫނީ ޒިންމާކުރުވޭނެ ގޮތެއް ނޯވެ އެވެ.

ހާއްސަކޮށް ދައުލަތް ޖަވާބުދާރީ ކުރުވޭނެ މަގެއް ބަންދުކޮށްގެން ތިބުމަކީ މި މައްސަލަ އިތުރަށް ސީރިއަސްވާ ކަމެއް ނަމަވެސް، ކުރެވޭނެ ކަމެއް ނެތެވެ.

ކަނޑައެޅިފައިވާ ނިޒާމު ނުހިނގައިގެން، ހިންގަންތިބޭ ވެރިންގެ އިހުމާލުގެ އަގު ކޮންމެ ފަހަރު ދައްކަންޖެހެނީ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގަކުންނެވެ.

މުހައްމަދު ވިޝާމް

--

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox