މަންޗިނީ އަށް ވޭލްސް ސިފަކުރެވެނީ އިނގިރޭސި ވަރުގަދަ ކްލަބެއް ގޮތަށް!

Jun 20, 2021, 4:25 AM
އިޓަލީގެ ކޯޗު މަންޗިނީ.

އިޓަލީގެ ކޯޗު މަންޗިނީ.

ރޯމް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ވޭލްސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމު ސިފަކުރެވެނީ އިނގިރޭސި ވަރުގަދަ ކްލަބެއްގެ ގޮތުގައި ކަމަށް އީޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ފަހު މެޗުތަކާ ކުރިމަތިލާއިރު ގްރޫޕް އޭ އިން ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައި އޮތީ އިޓަލީންނެވެ. ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އިޓަލީ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ވޭލްސް އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސްވިޒަލެންޑަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ތުރުކީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މަންޗިނީ ވަނީ 2009 އިން 2013 އަށް އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދީފަ އެވެ. މިރޭ ވޭލްސްއާ ދެކޮޅަށް ނުކުންނައިރު، މަންޗިނީ ހަނދާން ވަނީ އޭނާ ސިޓީ ގޮވައިގެން ވާދަކުރި އިނގިރޭސި ކްލަބެއްގެ މަތިންނެވެ.

"ވޭލްސް އަކީ ސްޓޯކް ސިޓީ ކަހަލަ ޓީމެއް. ސްޓޯކަކީ އިދިކޮޅު ޓީމުތަކަށް ވަރަށް އުނދަގޫވާ ސްޓައިލަކަށް ކުޅުނު ޓީމެއް. ސްޓޯކް ކުޅޭނީ ވަރަށް ފިޒިކަލްކޮށް އެ މީހުން ރޫޅާލަން ވަރަށް އުނދަގޫވާނެ. ހަަމަ އެ ކަހަލަ ޓީމެއްގެ ގޮތަށް ވޭލްސް ވެސް މި ފެންނަނީ. ވޭލްސް ކަހަލަ ޓެކްނިކަލީ ހުނަރުވެރި އަދި ފިޒިކަލް ކުޅުންތެރިންނާ އެކު އޮތް ޓީމެއް އުނދަގޫވާނެ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަންޗިނީ ބުންޏެވެ.

މިރޭގެ މެޗުން ބަލިނުވެ ނިންމާލައިފިނަމަ އިޓަލީ ފުޓްބޯޅަ ތާރީހުގެ ހާއްސަ ރެކޯޑަކާ ހަަމަކުރެވޭނެ އެވެ. އިޓަލީ އެންމެ ފަހުން ކުޅުނު 29 މެޗުން ބަލިވެފައިނުވާއިރު، އެ ގައުމުގެ ފުޓްބޯޅަ ތާރީހުގެ ރެކޯޑަކީ ބަލިނުވެ 30 މެޗު ފުރިހަމަކުރުމެވެ. އެ ރެކޯޑް ހަދާފައި އޮތީ 1935 އިން 1939 އާ ދެމެދު އެވެ.

ވޭލްސްއާ އެއްވަރުކޮށްލައިގެން އިޓަލީ އަށް ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރެވެން އޮތް ކަމުގައި ވިޔަސް މަންޗިނީގެ ވިސްނުން ހުރީ ތިން ޕޮއިންޓަށެވެ.

"ފްރާންސް، ސްޕެއިން، ޖާމަނީ ދެން ޕޯޗުގަލް. އެ މީހުންގެ އެ އޮތީ ވަރަށް ފުރިހަމަ ކުޅުންތެރިންތަކަކާ އެކު އޮތް ސްކޮޑެއް. އެ މީހުންނަށް ހުރިހާ މެޗަކުން މޮޅުނުވެވުނަސް ޓާގެޓަކީ މޮޅުވުން. ހަމަ އެ ގޮތަށް އަހަރެމެން ވެސް އެއްވެސް މެޗަކަށް އެ ނޫން ވިސްނުމެއްގައި ނުނިކުންނާނަން،" 2018 ވަަނަ އަހަރު އިޓަލީއާ ހަވާލުވެ ރަނގަޅު މަސައްކަތެއް ކުރަމުން އަންނަ މަންޗިނީ ބުންޏެވެ.

"ހަންގޭރީއާ އެއްވަރު ވިޔަސް ފްރާންސް ވަރަށް ވަރުގަދަ. ބެލްޖިއަމްގެ ފެންވަރު ކޮންމެ މެޗެއްގައި އެބަފެނޭ،"

ފުރަތަމަ ދެ މެޗުގައި އިޓަލީން ބޭނުންކުރި ބައެއް ކުޅުންތެރިން މިރޭގެ މެޗުގައި ވޭލްސްއާ ދެކޮޅަށް ނުކުޅޭނެ އެވެ. ވޭލްސްއާ ދެކޮޅަށް މީގެ ކުރިން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވީ އިޓަލީ އެވެ.

ޕޮއިންޓަކުން ފުއްދާލަން ބޭނުމެއް ނޫން، ވޭލްސް ބޭނުމީ އިޓަލީ ބަލިކުރަން

ގްރޫޕްގެ ދެ ވަަނައިގައި އޮތް ވޭލްސް އަށް މިރޭގެ މެޗު އިޓަލީއާ ދެކޮޅަށް އެއްވަރުކޮށްލައިގެން ވެސް ޖެހިޖެހިގެން ދެ ވަނަ ޔޫރޯގެ ދެ ވަނަ ބުރުން ފުރުސަތު ހޯދޭނެ އެވެ. އެކަމަކު އިޓަލީ ބަލިނުވެ އޮތް ރެކޯޑް ނިންމާލައި މި ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި އަނެއް ބުރަށް ދިއުމަކީ ވޭލްސްގެ އަމާޒެކެވެ.

ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް ބުނީ އެންމެ ފަހުން 29 މެޗުން އިޓަލީ މޮޅުވިއިރު، އޭގެ ތެރެއިން އެންމެ ފަހު 10 މެޗުން ބައިކޮޅަށް ގޯލެއް ނުވަދެ މޮޅުވެފައިވާއިރު، އިޓަލީ އޮތް ފޯމު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެކަމަކު ފުޓްބޯޅައިގެ ފުރިހަމަ ކަމަކީ މި ފަދަ ޗެލެންޖްތަކާ ކުރިމަތިލާން ކެރުން ކަމަށް ބޭލް ގަބޫލުކުރެ އެވެ.

"ޔަގީނުން ވެސް މިއީ ޗެލެންޖެއް. އެ ރެކޯޑް އިޓަލީ އަތުގައި މި ވަގުތު ނެތް ކަމަށް ވިޔަސް އިޓަލީ އަކީ ކޮން ފެންވަރެއްގެ ގައުމެއްކަން ގަބޫލުކުރަން ޖެހޭ. އަހަރެމެންނަށް މޮޅުވެވިއްޖިއްޔާ މިއީ އާދަޔާހިލާފު ކާމިޔާބަކަށް ވާނެ. އަހަރެމެންގެ އަމާޒަކީ މެޗުން މޮޅުވުން. މެޗަކަށް އަހަރެމެން ނުނިކުންނާނަން އެއްވަރުކޮށްލަން. މޮޅުވާން ބޭނުމީ. އަހަރެމެންގެ ގޭމްޕްލޭނެއް އެބައޮތް އިޓަލީ އަށް ގެއްލުން ދެވޭނެ ގޮތްތަކުގެ،" ބޭލް ބުންޏެވެ.

ވޭލްސްގެ ކޯޗު ރޮބީ ޕޭޖް އިންޓަވިއު ދެނީ.

ވޭލްސް ވަނި 2016 ވަަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުގައި ކުޅެފަ އެވެ. މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ލިބިއްޖެނަމަ އެ ޓީމަށް އެންމެ ފަހުން މުބާރާތުގެ ރެކޯޑާ ވެސް ހަމަކުރެވިދާނެ ކަމަށް ވޭލްސްގެ ކޯޗު ރޮބީ ޕޭޖް ގަބޫލުކުރެ އެވެ. އޭނާ ބުނީ ދެ ވަަނަ ބުރުގެ ފުރުސަތު ބޭނުންވަނީ މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރެއިން ހިމެނިގެން ކަމަށެވެ.

"ސްޓައިލުގައި އަހަރެމެންނަށް ހައްގު ގޮތަށް ކޮލިފައިވާން ބޭނުން އަނެއް ބުރަށް. އެއީ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން. އިޓަލީ ބަލިކުރުން ވެގެންދާނީ ވަރަށް އުނދަގޫ ކަމަކަށް. އެކަމަކު އަހަރެންގެ ނަޒަރުގައި މި ޓީމުގައި އެބަހުރި އެއް ފެންވަރު،" ޕޭޖް ބުންޏެވެ.

މިދިޔަ ބުދަ ދުވަހު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ވޭލްސްގެ ކެޕްޓަން ބޭލް އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް ދެން ވެސް އެ ޓީމަށް ލިބޭ ޕެނަލްޓީ ޖެހުމުގެ ޒިންމާ އޮތީ ބޭލްއާ ހަވާލުކޮށްފަ އެވެ.

މިއީ އިޓަލީ އާއި ބޭލްސް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ވާދަވެރި މެޗުތަކަށް ބަލާއިރު ވޭލްސް އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން ބަލިވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ބެލްޖިއަމް އަތުންނެވެ.

އިޓަލީގެ ރޯމްގައި މިރޭ ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ. ހަމަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި ތުރުކީ އާއި ސްވިޒަލެންޑް ބައްދަލުކުރާނެ އެވެ. އެ މެޗު ކުޅޭނީ އަޒަރުބައިޖާނުގެ ބަކޫގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox