އިރާނުގެ އާ ރައީސް އިބްރާހިމް ރައިސީއަކީ ކާކު؟

އިރާނުގެ ރާ ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ރައިސީ.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ

އިރާނުގެ ރާ ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ރައިސީ.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ

ތެހްރާން، އިރާން (ޖޫން 19) - ކަޅު ފަގުޑިއަކާއި ޝެއިހެއްގެ ކޯޓެއް ތުރުކުރައްވައިގެން ހުންނަވާ އިރާނުގެ އަލްޓްރާކޮންޒަވޭޓިވް އިބްރާހިމް ރައިސީ އާއްމުންނަށް ސިފަވަނީ ސޯލިހު، މަޑުމައިތިރި އަދި ފަގީރުންގެ ހައްގުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ވެރިޔެއްގެ ގޮތުގަ އެވެ.

އުމުރުން 60 އަހަރުގެ ރައިސީ މިއަދު ވަނީ އިރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. މިހާރުގެ ރައީސް ހަސަން ރޫހާނީގެ ދައުރު ނިމުމުން އަންނަ އޯގަސްޓް މަހު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނީ ރައިސީ އެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި އިންތިހާބުގައި ވާދަވެރިން މަދުކޮށް ރައިސީއަށް ފައިދާ ވާނެ އެތައް ގޮތަކަށް ވަނީ އަމަލުކޮށްފަ އެވެ. ނަމަވެސް ރައިސީއަށް ސަޕޯޓު ކުރާ މީހުންނަށް، އޭނާއަކީ ހުޅަނގާ ދެކޮޅަށް ތެދުވެ، އިރާނުގެ އިގްތިސާދީ ކާރިސާ ނިމުމަކަށް ގެނެވޭނެ އުއްމީދީ ވެރިޔާ އެވެ.

ރައިސީއަކީ ސިޔާސީ ބަހުސްތަކާއި ބަސް މޮށުންތެރިކަމުގައި މަޝްހޫރު ބޭފުޅެއް ނޫނެވެ. އެއާ ހިލާފަށް އިރާނުގައި އޭނާއަށް އިހްތިރާމާއި ގަދަރު ލިބިފައިވަނީ ޖުޑިޝަރީގެ ވެރިޔާގެ ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް އިސް އޮފިޝަލުންނަށް ހައްގު އަދަބު ދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

އިންތިހާބަށް ކުރެއްވި ކެމްޕެއިނުގައި ވެސް ރައިސީ ވައުދުވެ ވަޑައިގެންނެވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ފަގީރު އާއިލާތަކަށް ހަތަރު މިލިއަން ގެ އަޅައިދިނުމަށާއި "ވަރުގަދަ އިރާނެއް ބިނާ ކުރަން ރައްޔިތުންގެ ސަރުކާރެއް" އުފެއްދުމަށެވެ.

އިރާނުގެ މީޑިއާއިން ދެކޭ ގޮތުގައި ރައިސީ ވެވަޑައިގަންނަވާނީ މިހާރު އުމުރުން 82 އަހަރުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ބަދަލުގައި އެ މަގާމަށް ވެސް ވަޑާއިގަންނަވާނެ ލީޑަރަށެވެ.

ޝިއައީ ޝެއިހުންގެ ގިންތީގައި އާޔަތުﷲ އަށް ވުރެ އެއް ދަރަޖަ ފަހަތުގައި ރައިސީ ހުންނަވަނީ "ހުއްޖަތުލް އިސްލާމް" ނުވަތަ އިސްލާމްކަމުގެ ހެކި ދަރަޖައިގަ އެވެ. އޭނާ ތުރުކުރައްވާ ކަޅު ފަގުޑިން ރަމްޒުކޮށްދެނީ ކީރިތި ރަސޫލާ މުހައްމަދު (ސއވ) ގެ ނަސަބުފުޅަށް ސީދާ ނިސްބަވްވެ ވަޑައިގަންނަވާކަން ކަމުގައި އިރާނުގެ ޝިއައީން ދެކެ އެވެ.

އިރާނުގެ އެހެން އަލްޓްރާކޮންޒަވޭޓިވުން ފަދައިން އޭނާ ވެސް ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށް އަމަލު ނުކުރައްވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ރޫހާނީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނަމަވެސް އިރާނުގެ އެހެން ސިޔާސީ ވެރިން ފަދައިން ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކޮށް، އިގްތިސާދީ ކާރިސާއިން ގައުމުން ސަލާމަތް ކުރަން ރައިސީ ވެސް ތާއީދު ކުރައްވަ އެވެ.

އިރުއުތުރު އިރާނުގެ މަޝްހަދު ސިޓީއަށް 1960 ގައި އުފަންވެ ވަޑައިގެންނެވި ރައިސީ ވަރަށް ޒުވާން އުމުރުގައި އިސް މަގާމުތަކަށް ވަޑައިގެންނެވި އެވެ.

އެމެރިކާގެ ތާއީދާއެއްކޮށް އިރާނުގައި ކުރި ރަސްކަން 1979 ގައި ހިންގި އިސްލާމީ އިންގިލާބަށް ފަހު ބަދަލުކޮށްލުމަށް ފަހު، އުމުރުން އެންމެ 20 އަހަރުގައި ރައިސީ ހުންނެވީ ކަރަޖް ސިޓީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގަ އެވެ.

އިދިކޮޅު މީހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ރައިސީގެ ނަން ގުޅުވަނީ 1988 ގައި ތެހްރާނުގެ ރިވޮލިއުޝަނަރީ ކޯޓުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރަށް އޭނާ ހުންނެވިއިރު، ހިންގެވި ކޮމިއުނިސްޓުންނާއި ލެފްޓިސްޓުންގެ މަރުގެ ހުކުމްތަކާ އެވެ.

އެ ކަންކަމާ ގުޅޭ ގޮތުން މިދިޔަ އަހަރު ސުވާލު ކުރުމުން ރައިސީ ވަނީ އޭނާގެ ދައުރެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެހެން ވިދާޅުވުމާއެކު އިރާނުގެ ފައުންޑަރު އާޔަތުﷲ ރޫހުﷲ ހާމަނާއީ އެ މީހުން މެރުމަށް ނެރުއްވި އަމުރަށް ތައުރީފު ކުރެއްވި އެވެ.

އެ މައްސަލަ އާއި އިންސާނީ ހައއްގުތަކާ ހިލާފު އެހެން ގިނަ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭތީ 2019 ވަނަ އަހަރު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި މީހުންގެ ލިސްޓުގައި ރައިސީ ހިމެނިވަޑައިގެންނެވި އެވެ.

ހާމަނާއީގެ ކައިރިން ތިއޮލޮޖީ އާއި އިސްލާމީ ޝަރީއާ ކިޔަވައި ވިދާޅުވި ރައިސީގެ މުޅި އުމުރު ހޭދަކުރެއްވީ ޖުޑިޝަރީގެ އެންމެ އިސް މަގާމުތަކުގަ އެވެ. އެގޮތުން 2014 ގައި އިރާނުގެ ގައުމީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރެއްވި އެވެ. އޭގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން މަޝްހަދުގައ ހުންނަ ޝިއައީ ސްކޫލެއްގައި ދަނީ ކިޔަވައިދެއްވަމުންނެވެ.

ރައިސީގެ އަނބިކަނބަލުންނަކީ ތެހްރާނުގެ ޝާހިދު ބެހެޝްތީ ޔުނިވާސިޓީގެ އެޑިއުކޭޝަނަލް ސައިންސަސް ލެކްޗަރާ ޖަމީލާ އާލަމުލްހުދާ އާ އެވެ. އެ މީހުންނަށް ދެ އަންހެން ދަރިން ލިބިވަޑައިގެންފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox