ފަލަސްތީނަށް ވެކްސިން ދިނުމުގައި ވެސް އިޒްރޭލުން ހެދީ މަކަރު!

ފަލަސްތީނުގެ ބޮޑު ވަޒީރު މުހަައްމަދު އިޝްތަޔާ.--

ފަލަސްތީނުގެ ބޮޑު ވަޒީރު މުހަައްމަދު އިޝްތަޔާ.--

ރާމަﷲ، ފަލަސްތީން (ޖޫން 19) - މުއްދަތު ހަމަވާން ކައިރިވެފައި ހުރި ކޮވިޑް ވެކްސިންގެ އެއް މިލިއަން ޑޯޒް އިޒްރޭލުން ފަލަސްތީނަށް ދޭން އުޅުމުން، އެ ވެކްސިން ބޭނުން ނޫން ކަމަށް ފަލަސްތީނުން ބުނެފި އެވެ.

އިއްޔެ އިޒްރޭލުގެ އޮފިޝަލުން ބުނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން ޑޯޒްތަކެއް ފަލަސްތީނަށް ދޭން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އެއްބަސްވުމެއްގެ ވާހަކަ އިޒްރޭލުން ފާހަގަކުރި އެވެ.

ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްތީނުގެ ސަރުކާރުން ކުރިން ބުނީ އިޒްރޭލުން ވެކްސިންގެ އެއް މިލިއަން ޑޯޒް ލިބޭނެ ކަމަށެވެ. ނަމަވެސް އެއްބަސްވުމެއްގެ ވާހަކަ ހާމަކޮށްފައެއް ނުވެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޕްރޮގްރާމުގެ ދުވެލި އަވަސް ކުރަން އިޒްރޭލުން ފޯރުކޮށްދޭނީ ފައިޒާގެ އެއް މިލިއަން ޑޯޒް ކަމަށެވެ.

ނަމަވެސް ރޭ ފަލަސްތީނު ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މެލްހެމް ވިދާޅުވީ އިޒްރޭލުން އެންމެ ފުރަތަމަ ފޮނުވަން ނިންމި ފައިޒާގެ 90،000 ޑޯޒަކީ "އެއްބަސްވުމުގައި ކަނޑައެޅި ގޮތާ ހިލާފު" ޑޯޒްތަކެއް ކަމަށެވެ.

އެހެންކަމުން ބޮޑު ވަޒީރު މުހައްމަދު އިޝްތަޔާ ހެލްތު މިނިސްޓްރީއަށް އެންގެވީ އެއްބަސްވުން އުވާލުމަށް ކަމަށް ވެސް މެލްހެމް ވިދާޅުވި އެވެ.

"މުއްދަތު ހަމަވާން ކައިރިވެފައި ހުރި ވެކްސިންތައް ބަލައިގަންނަން ސަރުކާރުން ބޭނުމެއް ނޫން،" ވަފާ ނިއުސް އޭޖެންސީން އާއްމުކުރި ބަޔާނެއްގައި ވެ އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ އޮފީހުން ބުނީ ފަލަސްތީނު ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި ފައިޒާގެ މުއްދަތު ހަމަވާން ކައިރިވެފައިވާ އެއް މިލިއަން ޑޯޒް ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް ޑޯޒްތައް މުއްދަތު ހަމަވާ ތާރީހް ހާމައެއް ނުކުރެ އެވެ.

"އޭގެ ބަދަލެއްގެ ގޮތުގައި ފަލަސްތީނަށް އަންނަ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ލިބެން ހަމަޖެހިފައިވާ ފައިޒާގެ އެއް މިލިއަން ޑޯޒް އިޒްރޭލާ ހަވާލު ކުރާނެ،" ބަޔާނުގައި ބުނެފައި ވެ އެވެ.

މެލްހެމް ވިދާޅުވީ އެއްބަސްވުން އުވާލުމަށް ފަހު ފަލަސްތީނުން ސެޕްޓެމްބަރު މަސް އަންނަން ދެން އެއް މިލިއަން ޑޯޒްގެ ޝިޕްމަންޓަށް މަޑު ކުރާނީ ކަމަށެވެ. އިޒްރޭލުން ދޭން ނިންމި ވެކްސިންތަކުގެ މުއްދަތު ހަމަވާ ތާރީހު އޭނާ ވެސް ހާމައެއް ނުކުރައްވަ އެވެ.

ވައިރަހަކަށް ބޯޑަރެއް ނެތް

ފައިޒާގެ އެތައް މިލިއަން ޑޯޒެއް ހޯދުމަށް ފަހު އިޒްރޭލުން ބޮޑު ވެކްސިން ޕްރޮގްރާމް ފަށައިގެން ވަނީ ކާމިޔާބު ހޯދާފަ އެވެ. އެ ގައުމުގެ އާބާދީގެ 55 ޕަސެންޓު ނުވަތަ 5.1 މިލިއަން މީހުން ވަނީ ދެ ޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެއާ ހިލާފަށް ފަލަސްތީނުގައި ހުޅަނގު އައްސޭރި އާއި ގާޒާގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 270،000 މީހުންނެވެ.

އިއްޔެ އިޒްރޭލުގެ އާ ހެލްތު މިނިސްޓަރު ނިޓްޒާން ހޮރޮވިޓްޒް ވިދާޅުވީ "ކޮރޯނާވައިރަހަށް ބޯޑަރެއް ނެތް ކަމަށާއި މީހުންގެ މެދުގައި ތަފާތު ނުކުރާ" ކަމަށެވެ.

"ވެކްސިން ބަދަލު ކުރުމުގެ މި މުހިއްމު އެއްބަސްވުމުން ދެ ފަރާތަށް ވެސް ފައިދާވާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ވެކްސިން މުއްދަތު ހަމަވާ ތާރީހާ މެދު ސުވާލު ކުރުމުން ފަހުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ވެކްސިންގެ މައްސަލަ ފެންމަތިވިއިރު، އިއްޔެ ވެސް އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަލާ ބަދަލު ކުރުން ކުރިއަށް ދިޔަ އެވެ. ހަމާސް އާއި އިޒްރޭލާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމަށް ފަހު ސުލްހަ ގާއިމް ކުރީ މޭ 21 ގަ އެވެ.

ނަމަވެސް ހަމާސްއިން އިޒްރޭލަށް ހަމަލާ ދޭ ކަމަށް ތުހުމަތުކޮށް، އިޒްރޭލުން މިދިޔަ ހަފްތާގައި އަލުން ގާޒާއަށް ވައިގެ ހަމަލާތައް ދިނެވެ. އަނެއްކާ އިއްޔެ ޗެސް ގާޒާގެ ސަރަހައްދަށް ޖެޓުތައް ވަދެ ހަމަލާ ދިނެވެ.

ހަމަލާ ބަދަލު ކުރުމުގެ ސަބަބުން ގާޒާގެ ސިއްހީ ނިޒާމަށް މިހާރު ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި ވާއިރު، ތަޖުރިބާކާރު ދެ ޑޮކްޓަރުން ހަމަލާތަކުގައި މަރުވި އެވެ.

ފަލަސްތީނުގައި މިހާތަނަށް 312،000 ކޮވިޑް ކޭސް ފެނިފައި ވާއިރު، މަރުވެފައި ވަނީ 3،540 މީހުންނެވެ. އިޒްރޭލުން 840،000 ކޭސް ފެނިފައި ވާއިރު މަރުވެފައިވަނީ 6،420 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox