މެޑްރިޑް (ޖޫން 18) - ކުރިއަށް އޮތް ވިމްބަލްޑަން ޓެނިސް މުބާރާތާއި އޮލިމްޕިކްސްގައި ނުކުޅެން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ނިންމައިފި އެވެ.
އުމުރުން 35 އަހަރުގެ ނަޑާލް ދާދި ފަހުން ވަނީ ފްރެންްޗް އޯޕަން ފައިނަލުގައި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުން ބަލިވެފަ އެވެ. ވިމްބަލްޑަން ޓެނިސް މުބާރާތް 2008 އާއި 2010 ވަނަ އަހަރު ކާމިޔާބުކުރި ނަޑާލް ބުނީ އަންނަ ހަފްތާގައި ފަށަން ނިންމާފައިވާ އެ މުބާރާތުގައި ނުކުޅެން ނިންމުން އެއީ ވަރަށް އުނދަގުލުން ނިންމަން ޖެހުނު ކަމެއް ކަމަށެވެ.
"މުބާރާތެއް ނުކުޅެން ނިންމުމަކީ އެންމެ އުނދަގޫ ނިންމުން. އެކަމަކު އަހަރެންގެ ހަށިގަނޑަށް މިވާގޮތް ބަލާފައި ޓީމާ މަޝްވަރާކުރުމަށް ފަހު ނިންމީ ވިމްބަލްޑަން އާއި އޮލިމްޕިކްސްގައި ނުކުޅެން،" ނަޑާލް ބުންޏެވެ.
"މި ނިންމުން އައި އަނެއް މަގުސަދަކީ ރަނގަޅަށް ފިޓްކޮށް ހުރެ އަހަރެންގެ އެންމެ ގަޔާވެގެން މި ކުރާ ކަންތައް ޓެނިސް ކުޅުން ކުރިއަށް ގެންދަން. ޕްރޮފެޝަނަލީ އަހަރެންގެ ލަނޑުދަނޑިތައް ވެސް ހާސިލްކުރަން،"

މި ފަހަރުގެ ފްރެންޗް އޯޕަންގެ ތެެރެއިން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނަޑާލް.
ޓެނިހުގެ ގްރޭންޑް ސްލޭމް ކާމިޔާބީގެ ލިސްޓުގެ އެންމެ ކުރީގައި ނަޑާލާއި ރޮޖާ ފެޑެރާ އޮތީ އެއްވަރުވެފަ އެވެ. އެއީ ކޮންމެ ކުޅުންތެރިއަކު 20 މުބާރާތް ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗް ވަނީ މި ފަހަރުގެ ފްރެންޗް އޯޕަން ތަށްޓާ އެކު 19 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ވިމްބަލްޑަން ކާމިޔާބުކޮށްގެން ޖޮކޮވިޗަށް ނަޑާލާއި ފެޑެރާއާ ހަމަކުރެވޭނެ އެވެ.
ޖަޕާނުގެ އަންހެން ކުޅުންތެރިޔާ ނައޯމީ އޮސާކާ ވެސް ވަނީ ވިމްބަލްޑަންގައި ނުކުޅެން ނިންމައިފަ އެވެ. ނައޯމީ ވަނީ ފްރެންޗް އޯޕަން މުބާރާތުގެ ވަކި ހިސާބަކުން އެ މުބާރާތުން ވެސް ވަކިވެފަ އެވެ. އެއީ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރަން ނައޯމީ ނިންމި ނިންމުމާ ގުޅިގެން އޭނާ އަށް ކުރިމަތިވި ފިއްތުންތަކާ ހެދި އެވެ.
ހަތަރު ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ އުމުރުން 23 އަހަރުގެ ނައޯމީ މި ފަހަރުގެ ފްރެންޗް އޯޕަންގައި މީޑިއާއާ ވާހަކަ ނުދެއްކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނާއިރު މި ވަގުތު އެންމެ ރަނގަޅީ މީޑިއާގެ ސުވާލުތަކާ ދުރަށް ޖެހިލުން ކަމަށް ފެންނާތީ އެވެ.
ފްރެންޗް އޯޕަންގެ އެއް ނޫސްވެރިންގެ ބައްދަލުވުމަށް ނައޯމީ ހާޒިރުނުވުމުން އޭނާ 15000 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. ޖޫރިމަނާ އަދާކުރާނީ ޗެރިޓީއެއްގެ ގޮތުގައި ކަމަށް ނައޯމީ ބުނެފައިވެ އެވެ.
ވިމްބަލްޑަންގައި ނުކުޅުނު ނަމަވެސް އަންނަ މަހު 23 ވަނަ ދުވަހު ނައޯމީ އުފަން ގައުމުގައި ބާއްވާ އޮލިމްޕިކްސްގައި ކުޅެން އޭނާ ވަނީ ނިންމައިފަ އެވެ.












