ޝަޒީލާ އިބްރާހިމް ނުވަތަ އަހަރެމެން އެންމެ ވެސް ދަންނަ "ޓިކްޓޮކް ޝަޒީ" އަކީ އެއް ގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ހުނަރުވެރި އާޓިސްޓެކެވެ. އޭނާ ކުޅެލާ މަޖާ ޓިކްޓޮކް ވީޑިއޯ އަކަސް، ދޫކޮށްލާ މޭކަޕް ޓިއުޓޯރިއަލް އަކަސް، އެތައް ބަޔަކު އެ ބަލާހިތްވެ އެވެ. ފޮލޯކުރެ އެވެ. ޒާތީ ދިރިއުޅުމުގައި އުޅޭ ނޫޅޭގޮތް ބަލާހިތްވެ އެވެ. ތިން ލައްކަ ފަސްދޮޅަހެއްހާ މީހުން ޓިކްޓޮކްގައި ފޮލޯކުރާ މި ހުނަރުވެރިޔާގެ އެތައް ވާހަކަތަކެއް އެބަހުއްޓެވެ.
އެހެންވީމާ، މި އާޓިކަލް ގައި ދައްކަން މި އުޅެނީ ހިންދީ ފިލްމުތަކަށް އޮތް "ދީވާނާ" ލޯތްބަކާ ހެދި ޓިކްޓޮކް ގައި އެކްޓްކުރަން ފެށި ޝަޒީގެ އެ މާޒީ ބާއްވާފައި މިހާރުގެ އާ ވާހަކަ ތަކެވެ. މިހާ ދުވަސް ވަންދެން ޝަޒީ ޓިކްޓޮކް ވީޑިއޯ ހަދައި އުޅުނު ގޮތް މުޅިން ކަހަލަ ގޮތަކަށް ބަދަލުކޮށްލައި، ގެނައި އާ "އަޕްގްރޭޑަށް" މީހުންގެ ހިތް ދަމައިގަނެގެން ގޮސް ބަނޑަށް ހެއްވައިލި ގޮތާއި، މި އަފްގްރޭޑަކާ އެކު އާޓިސްޓެއްގެ ގޮތުގައި އޭނާގެ ސެލްޕް ޑިވެލޮޕްމަންޓަށް އައި ސަޅި ބަދަލުގެ ވާހަކަ ޝަޒީ ކިޔައިދިން ގޮތަށެވެ.
"ދުވަހަކު ވެސް ޕްލޭނެއް ނުކުރަން ރަށު ބަހުން ވީޑިއޯ ތަކެއް ހަދަން. އަމުދުން، އަމިއްލަ އަޑު ބޭނުންކޮށްގެން ވީޑިއޯ ތަކެއް ހަދަން އެއްގޮތަކަށް ވެސް ނުވިސްނަން. ވަރަށް އަންކޮމްފޮޓަބަލް ކަމެއް އެއީ. އެކަމަކު މިހާރު މި ވީޑިއޯ ތައް ހަދައިގެން މީހުންގެ ތަރުހީބު ލިބުނު ވަރުން ވަރަށް ބޮޑު ކޮންފިޑެންސެއް ލިބިއްޖެ،" ޝަޒީ ފެށި އެވެ.

ފަހުގެ ވީޑިއޯ ތަކުގައި ޝަޒީ މުޅިން ވެސް ވާހަކަ ދައްކަނީ އޭނާގެ ރަށު ބަހުންނެވެ. ހޭލުންތެރިކުރުމުގެ މެސެޖުތަކާއި ބިއުޓީ އަދި ސްކިން ކެއާ ހެކްސް އާއި ކުޑައިރުގެ ހަނދާންތައް އާކުރުވައިދޭ ހާދިސާތައް ހެއްވާ މަޖާ ކޮންސެޕްޓަކަށް ގެނެސްދޭން ފަށައިގެން ޝަޒީ އަސްލަށް ވެސް އަޒުމެއްގައި މިފަހަރު ހިފައިފި އެވެ. އޭނާ ބޭނުންވަނީ ލިބިފައި އޮތް ބޮޑު ފޮލޯބޭސް އާއި މަޝްހޫރުކަން ބޭނުންކޮށްގެން މުޖުތަމައަށް ރަނގަޅު ބަދަލެއް އަންނާނެ ކަންތައްތަކެއް ކުރާށެވެ.
"މިހާރު ވަރަށް ގިނަ މީހުންނަށް ޝަޒީ އެނގޭ. އެހެންވީމަ ގަބޫލުކުރަން ޝަޒީ އަކީ އިންފްލުއެންސާ އެއް ކަމަށް. އެހެންވީމަ ހިތަށް އަރަނީ މިވަރުގެ ފޮލޯ ބޭސް އެއް ލިބުނީމަ، އެކަން ބޭކާރަށް ދުއްވައި ނުލާނަމޭ ދެނެއް،" ޝަޒީ ބުންޏެވެ.
ކޮންސެޕްޓް ބޭސްޑް ވީޑިއޯ ތަކުގެ އިތުރަށް ކުދި ވިޔަފާރިތަކަށް ހިއްވަރުދީ ޕްރޮމޯޓް ކުރުމަށް ވެސް ޝަޒީ އޭނާގެ ހެންޑްލް ބޭނުންކުރެ އެވެ.
"އަސްލު އެންމެ މުހިއްމުކަމަކީ ޝަޒީ އަށް މިހާރު ގަބޫލުކުރެވޭ ޝަޒީ އަކީ ލިބިފައި މި އޮތް ޕްލެޓްފޯމްގެ ބޭނުންކޮށްގެން ބަޔަކަށް އެހީތެރިކަމެއް ނުވަތަ އުފާވެރިކަމެއް، ނުވަތަ ކަމަކަށް ހޭލުންތެރިކުރެވިދާނެ މައުލޫމާތު ގެނެސްދެވިދާނެ މީހެއް ކަމަށް،"
"ފަހަރުގައި ވެދާނެ އުމުރާ އެކު އަންނަ މެޗުއަރިޓީ އާއި ގާތް މީހުންގެ ސަޕޯޓްގެ ސަބަބުން ނަފްސަށް ކުރާ އިތުބާރު ކުރިއަށްވުރެ އިތުރުވީ ކަމަށް ވެސް،" މިހެން ބުނެފައި ޝަޒީ ޖަހައިލީ ހިނިގަނޑެކެވެ.
ގއ ވިލިނގިލީ ބަހުން ޝަޒީ މިހާރު ގެނެސްދޭ ވީޑިއޯ ތަކުގައި އެންމެ ސަޅީ، މީގައި އޭނާ ކުޅޭ މަންމަ- ދަރިފުޅު ޑުއޯ އެވެ. މި ދެ ކެރެކްޓާގެ ކޮމިކް ޓައިމިންގް އާއި ދެ ކެރެކްޓާ އޭނާ ކުޅެލާ ގޮތް ވެސް މީހުންނަށް ކަމުހިނގައްޖެ އެވެ. ޝަޒީ ސިފަކުރަނީ، އޭނާގެ މި އަޕްޑޭޓަކީ ޕޮޒިޓިވް ބަދަލެއްގެ އާ ފެށުމެއްގެ ގޮތުގަ އެވެ.
"މީގެ ކުރިން ޝަޒީ ހެދިން އިނގިރޭސި ބަހުން ފޭޝަލް ޓިއުޓޯރިއަލް އެއް. އެއީ ވެސް ކޮމްފޯޓް ޒޯނުން ބޭރުން ކުރި ކަމެއް. ޝަޒީ އަކީ އިނގިރޭސިން ވާހަކަ ދައްކަން ޖެހިލުންވާ މީހެއް އެހާ މޮޅު ނޫން ވީމާ. މިހާރު އެކަމަކު އެހާ ބޮޑަކަށް މީހުން ބުނާނެ އެއްޗަކަށް ނުވަތަ ކުރާނެ މަލާމާތަކަށް ނުވިސްނަން. ހިތަށް އަރަނީ މީހުން ބަލައިގަންނާތީ އޭ މިހާރުވެސް މިހާ ގިނަ ފޭނުން ލިބުނީ. އެހެންވީމަ ހައިޑް ކުރުމުގެ ބޭނުމެއް ނެތޭ،" ޝަޒީ ބުންޏެވެ.
ޝަޒީ ބުނިހެން އޭނާގެ އާ އަޕްޑޭޓް ސަޅި އެވެ. އަދި އާ އަޕްޑޭޓާ އެކު ޝަޒީގެ ކޮންފިޑޭންސާއި ކްރިއޭޓިވިޓީ އަށް އައި ބަދަލު އަދި މާ ސަޅި އެވެ.







