އިޓަލީ އަށް ދެ ގޯލް ޖަހައިދިން ލޮކަޓެލީ އަކީ ކޮން ކުޅުންތެރިއެއް؟

Jun 17, 2021, 7:45 AM
އިޓަލީ އަށް ދެ ގޯލް ޖަހައިދިން ލޮކަޓެލީ އަކީ ކޮން ކުޅުންތެރިއެއް؟

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ސްވިޒަލެންޑް އަތުން 3-0 އިން އިޓަލީ މޮޅުވި މެޗުގައި އެ ޓީމަށް ދެ ލަނޑު ޖަހައިދިން ޒުވާން މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ މިވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. ރޭގެ މެޗުގެ އިތުރުން، އޭނާ ވަނީ ތުރުކީ އަތުން 3-0 އިން އިޓަލީ މޮޅުވި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރޭގެ ދެ ލަނޑާ އެކު ލޮކަޓެލީ ވެފައިވަނީ، ޔޫރޯގައި އިޓަލީ އަށް އެއް މެޗެއްގައި ދެ ގޯލް ޖަހައިދިން ތިން ވަނަ ކުޅުންތެރިޔާ އަށެވެ.

މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ އަށް ވަނަ ހޯދި ސައުސޮލޯ އަށް ކުޅޭ ލޮކަޓެލީ، 23، އަށް އިޓަލީ ގައުމީ ޓީމުން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް އަތުން 1-0 އިން އިޓަލީ މޮޅުވި މެޗުގަ އެވެ. އޭނާ އިޓަލީ އަށް ފުރަތަމަ ގޯލް ޖަހައިދިނީ މި އަހަރުގެ މާޗު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ބަލްގޭރިއާ އަތުން އިޓަލީ 2-0 އިން މޮޅުވި މެޗުގަ އެވެ.

މި ފަހަރުގެ ޔޫރޯގައި އިޓަލީގެ ސްކޮޑުން ލޮކަޓެލީ އަށް ފުރުސަތު ދިން ނަމަވެސް އޭނާ އަށް ފުރަތަމަ އެގާރަ އޮތީ ޔަގީންވެފައެއް ނޫނެވެ. ކޯޗު ރޮބާޓޯ މަންޗިނީ އޭނާ އަށް ފުރަތަމަ އެގާރައިން ޖާގަ ދިނީ ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަށް އަނިޔވުމުންނެވެ. އެހެންވެ ބެލެވިފައި އޮތީ މުބާރާތުގެ ދެ ވަނަ ބުރާ ހަމައިން ވެރާޓީ ފިޓްވެ ކުޅެން ތައްޔާރުވުމުން ލޮކަޓެލީ އަށް ޖާގަ ގެއްލޭނެ ކަމަށެވެ.

ރޭގެ މެޗުގައި ލޮކަޓެލީ ފުރަތަމަ ގޯލް ޖެހީ އޭނާ އުފެއްދި ހަމަލާއަކުންނެވެ. މެދުތެރެއިން ލޮކަޓެލީ އަށް ބޯޅަ ލިބުމުން އޭނާ އެ ބޯޅަ ފޯރުކޮށްދިނީ އޭނާއާ އެކު ސައުސޮލޯ އަށް ކުޅޭ ކަނާތު ވިންގް ޑޮމިނިކޯ ބެރާޑީ އަށެވެ. އޭނާ ބޯޅަ ހުރަސްކުރި ވަގުތު ލޮކަޓެލީ ކުރިއަށް އަރައި ގޯލް ކުރިމައްޗަށް ހުސްވެ ބޯޅަ ގޯލަށް ވައްދާލީ އެވެ. އޭރު ސްވިސް ޑިފެންޑަރުން ތިބީ އިޓަލީގެ ފޯވާޑުންނަށް ސަމާލުވެގެންނެވެ.

ލޮކަޓެލީ ރޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
ލޮކަޓެލީ ރޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ލޮކަޓެލީ ރޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

އޭނާ ދެ ވަނަ ގޯލް ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. އެ ގޯލަށް ފަހު އޭނާ އުފާފާޅުކުރީ، 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ހުޅަނގު ޖަރުމަން ކޮޅަށް އިޓަލީގެ މާކޯ ޓަރަޑެލީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރި ގޮތަށް ކަމަށް އިޓަލީގެ މީޑިއާ އިން ސިފަކޮށްފައިވެ އެވެ.

ޑިފެންސް ލައިން ކުރިމަތީހުރެ، ގޭމް ކޮންޓްރޯލްކުރާ މަގާމް ކަމަށްވާ ޑީޕް-ލައިން ޕްލޭމޭކާގެ ރޯލަށް ކުޅޭ ލޮކަޓެލީ އަކީ، ތިން ކުޅުންތެރިންގެ މިޑްފީލްޑް ލައިނެއްގައި ފަޅިން ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ. އިޓަލީ ގައުމީ ޓީމުގައި އޭނާ ބޭނުންކުރަނީ އިޓާލިއަން ފުޓްބޯޅައިގައި މެޒައްލާގެ ނަން ދީފައިވާ އެ މަގާމަށެވެ. ލޮކަޓެލީ އަކީ ބޯޅަ ކޮންޓްރޯލާއި ޕާސިން ރަނގަޅު އަދި ދުރުން ބާރު ޝޮޓްތައް އެކިއުރޭޓްކޮށް ފޮނުވާލުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ލޮކަޓެލީ އަކީ އިޓަލީގެ ގަދަބާރު އޭސީ މިލާނުގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. އޭނާ އަށް މިލާނުގެ ސީނިއާ ޓީމުގެ ސްކޮޑުން ޖާގަ ދިނީ 2015 ސެޕްޓެމްބަރު މަހު ކޯޗު ސިނިސާ މިހަލޮވިޗެކެވެ. އެއީ އިޓަލީގެ އެއް ވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ވެސް ސީނިއާ ޓީމުން ޖާގަ ލިބުނު ސީޒަނެވެ. އެކަމަކު ޑޮނަރުއްމާއާ ހިލާފަށް ލޮކަޓެލީ އަށް ކުޅެލަން ފުރުސަތު ލިބުނީ އެ ސީޒަނުގެ ފަހުކޮޅު، 2016 ގެ އޭޕްރިލް މަހު އެވެ. އުމުރުން 18 އަހަރުގައި އޭނާ ފުރަތަމަ ކުޅުނީ ކާޕީއާ ދެކޮޅަށް މެޗުގެ ފަހު ތިން މިނެޓުގަ އެވެ. އެކަމަކު އެ ސީޒަނުގެ ފަހު މެޗުގައި އޭއެސް ރޯމާއާ ދެކޮޅަށް ފުލްކޮށް ކުޅުނެވެ.

ލޮކަޓެލީ ވިދާލީ ޖެހިގެން އައި ސީޒަނުގަ އެވެ. އޭނާގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ، 2016 އޮކްޓޫބަރުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި މިހާރުގެ ޓީމު ސަސުއޮލޯއާ ދެކޮޅަށެވެ. މިލާނުގެ އޭރުގެ ކެޕްޓަން ރިކާޑޯ މޮންޓޯލީވޯ އަށް އަނިޔާވުމުން ލޮކަޓެލީ އަށް ފުރަތަމަ އެގާރައިން ޖާގަ ލިބެން ފެށި އެވެ. އޭނާ ފާހަގަވެގެން ދިޔައީ، ހަމަ އެ މަހު ޔުވެންޓަސް އަތުން 1-0 އިން މިލާން މޮޅުވި މެޗުގައި އޭރިއާ ބޭރުން ވައްދާލި ގޯލުންނެވެ. އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބަލަހައްޓަމުން ދިޔަ ގޯލަށް ވައްދާލި ލަނޑާ އެކު އޭނާ ހުރީ ފެންކަޅިވެފަ އެވެ.

އެ ސީޒަނުގައި ދެއްކި މޮޅު ކުޅުމާ އެކު ޖެހިގެން އައި 2017-2018 ސީޒަނުގައި ލޮކަޓެލީ އަށް މިލާނުން ގަވާއިދުން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އާޖެންޓީނާގެ ތަޖުރިބާކާރު ޕްލޭމޭކާރު ލޫކަސް ބިޖްލިއާ ގެނައުމާއި މޮންޓޮލީވޯ އެނބުރި އައުމުން ލޮކަޓެލީ އަށް ފުރުސަތު މަދުވި އެވެ. އަދި ސީޒަނުގެ ވަކި ހިސާބުން ޓީމާ ހަވާލުވި ޖެނާރޫ ގަޓޫސޯ ވެސް ލޮކަޓެލީ އަށް އިސްކަމެއް ނުދެ އެވެ.

ޖެހިގެން އައި 2018-2019 ސީޒަނުގައި މިލާނުން ޗެލްސީގެ ޓިމެޔޯ ބަކަޔޯކޯ ގެނައުމާ އެކު އަމުދުން ލޮކަޓެލީ އަށް ޖާގަ ނޯންނާނެ ކަމަށް ބެލެވުނުން އޭނާ ލޯން އުސޫލުން ސަސުއޮލޯ އަށް ދޫކުރި އެވެ. އެ ޓީމުގައި ލޯން އުސޫލުން އެއް ސީޒަން ހޭދަކުރުމަށް ފަހު އޭނާ ދާއިމީކޮށް ސައުސޮލޯ އަށް ބަދަލުވީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. އޭނާ އެ ނިންމުން ނިންމީ މިލާނުން އޭނާ އަށް އިތުބާރުނުކުރާ ކަމަށް ގަބޫލުކުރެވޭތީވެ އެވެ.

ސައުސޮލޯގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު، ލޮކަޓެލީ އަށް ބޮޑެތި ކްލަބްތަކުގެ އޮފާ އައީ އަންނަމުންނެވެ. ޔޫރޯގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އިތުރު ކްލަބްތަކެއްގެ ލޯ އޭނާ އަށް އަމާޒުވާނެ ކަމަށް ބެލެވެ އެވެ. ލޮކަޓެލީ ގެންދަން ޝައުގުވެރިވަނީ އިޓަލީގެ ޔުވެންޓަސް އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަދި އިންގްލެންޑުގެ އާސެނަލެވެ. ލޮކަޓެލީ ދާން ބޭނުންވަނީ ޔުވެންޓަސް އަށެވެ. ސަސުއޮލޯ އިން އޭނާ ވިއްކަން ކިޔަނީ 40 މިލިއަން ޔޫރޯ އަށެވެ. އެކަމަކު މި މުބާރާތާ އެކު އަގު އަރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox