ހިޔާލުތަފާތުވުން ބޮޑު ނަފްރަތުގެ ބިލު އާއްމުންގެ ހިޔާލަށް ހުޅުވާލައިފި

ޖުޑީޝަރީ ކޮމިޓީގެ ކޮމިޓީގެ ބައްދަލުވުމެއް: އެ ކޮމިޓީން ދަނީ ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު ދިރާސާކުރަމުން. -ފޮޓޯ: މަޖިލިސް

ޖުޑީޝަރީ ކޮމިޓީގެ ކޮމިޓީގެ ބައްދަލުވުމެއް: އެ ކޮމިޓީން ދަނީ ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު ދިރާސާކުރަމުން. -ފޮޓޯ: މަޖިލިސް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ހިޔާލުތަފާތުވުން ބޮޑުވެފައިވާއިރު، އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ.

އެ ބިލާ މެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެ ބިލުގެ އިބްތިދާއީ ބަހުސްގެ ތެރެއިން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

އެ ބިލާ ދެކޮޅަށް އިދިކޮޅު މެމްބަރުންގެ އިތުރުން، މަޖިލިސް ކޮންޓްރޯލް އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ކަންބޮޑުންފާޅު ކުރުމުން އެ ބިލާ މެދު އޮތް ހިޔާލުތަފާތުވުން ހާމަވި އެވެ.

އެ ބިލު ދިރާސާ ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ ބިލާ ގުޅޭގޮތުން ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމީ އަވަހަށް ނިންމަން ޖެހޭ ބިލްތައް އެޖެންޑާގެ ކުރިއަށް ލައިގެން މަސައްކަތްކުރާ އުސޫލުން އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އެއާ އެކު، ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ އެ ބިލަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހިޔާލު ލިޔުމުން ހޯދުމަށެވެ.

"އަޅުގަނޑު ސަޖެސްޓް ކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިޔަން ރަނގަޅުވާނެ ކަމަށް މި ބިލަށް ކޮމެންޓް ހޯދަން އަދި ހަމަ އެއާ އެކުގައި އިސްލާމިކް މިނިސްޓްރީ އަށް ވެސް ބިލުގެ ބާވަތުން. އަދި ހަމަ އެއާ އެކުގައި މިއީ ހިޔާލުފާޅުކުރުމާ މި ބާވަތުގެ ހައްގުތަކާ ބެހޭ ވެސް ބިލަކަށް ވާތީވެ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ބިލަށް ކޮމެންޓް ހޯދުމަށް ލިޔަން،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި މި ބިލަކީ "ކުޑަ" ބިލެއް ކަމަށްވާތީ ޖަވާބުދޭން އެ ތިން މުއައްސަސާއަށް އެހާ ގިނަ ދުވަސް ދޭން ނުފެނެ އެވެ.

އެހެންކަމުން އިންތި ހުށަހެޅުއްވީ އަންނަ ހޯމަ ދުވަހާ ހަމައަށް މުއައްސަސާތަކުން ޖަވާބު ހޯދައި، އަންނަ ބުދަ ދުވަހު ބިލުގެ މަސައްކަތް ނިންމައި، ކޮމިޓީ ރިޕޯޓު އަނބުރާ ތަޅުމަށް ފޮނުވުމަށެވެ.

އެކަމަށް އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރެއްވުމުން، އިންތިގެ ހުށަހެޅުއްވުންތަކާ އެއް ގޮތަށް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމުނެވެ.

ހިޔާލުތަފާތުވުން އެހާ ބޮޑު ބިލެއް ހަފުތާއެއްގެ ތެރޭގައި ނިންމުމަށް އަމާޒުހިފުމުން ބައެއް ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެއާއެކު، ރޭ ކޮމިޓީން ވަނީ އެ ބިލަށް އާއްމުންގެ ހިޔާލެއް އޮތް ނަމަ، އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއާ ހިއްސާކޮށް ދިނުމަށް އެދިފަ އެވެ.

ބިލުން ގެންނަނީ ކޮން ބަދަލެއް؟

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox