ރޯމް، އިޓަލީ (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ސްވިޒަލެންޑްގެ މައްޗަށް 3-0 އިން ކުރިހޯދައި އިޓަލީ މުބާރާތުގެ ދެ ވަނަ ބުުރުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފި އެވެ.
އިޓަލީ ދެ ވަަނަ ބުުރުގެ ޖާގަ ކަށަވަރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ 2-0 އިން ތުރުކީ ބަލިކުރި ވޭލްސް އަށެވެ. އެ ޓީމަށް ވެސް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވުމުގެ ފުރުސަތު ބޮޑުވެފަ އެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން އެއް ޕޮއިންޓާ އެކު ސްވިޒަލެންޑް އެވެ. އެންމެ ފުލުގައި އޮތް ތުރުކީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ 12،000 ސަޕޯޓަރުން ކުރިމަތީގައި ރޭ ކުޅުނު މެޗުގައި އިޓަލީގެ ތަރި އަކީ މެނުއަލް ލޮކަޓެއްލީ އެވެ. އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ފަހަރު އިޓާލިއަން ލީގުގައި ވެސް މޮޅު ކުޅުމެއް ދެއްކި ލޮކަޓެއްލީ މި ގޯލު ޖެހީ އޭނާ ފެށި އެޓޭކެއްގައި ޑޮމެނިކޯ ބެރާޑީ ނަގައިދިން ހުރަހަކުންނެވެ.
މެެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ އިޓަލީން ދެ ވަނަ ގޯލު ޖެހީ 52 ވަނަ މިނިޓްގަ އެވެ. ލޮކަޓެއްލީ މި ގޯލު ޖެހީ 52 ވަނަ މިނިޓްގައި ނިކޯލޯ ބަރޭލާ ދިން ބޯޅައަކުންނެވެ. ލޮކަޓެއްލީ މި ބޯޅަ ގޯލަށް ވައްދާލީ ކީޕަރު ޔެން ސޮމާ އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
ސްވިޒަލެންޑަށް އިޓަލީ ގޯލަށް އަމާޒުކޮށް މާ ނުރައްކާތެރި ހަމަަލާތަކެއް ފޮނުވާނުލެވުނުއިރު، އިޓަލީގެ ފަހު ގޯލު ޖެހީ ޗީރޯ އިމޯބިލޭ އެވެ. އިމޯބިލޭ އޭރިއާބޭރުން ޖެހި ބޯޅަ ގޯލަށް ވަންއިރު، ކީޕަރު ސޮމާ އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
"މިއީ އަހަރެމެންނަށް ހުރިހާ ގޮތަކުން ވެސް ހައްގު މޮޅެއް. ބައެއް ކަންކަން އަދިވެސް އެބަހުރި ރަނގަޅު ކުރެވޭނެ. ބޭނުންވާ ލެވަލަށް ދިއުމުގެ މަގުގައި މި ތިބީ. މުބާރާތުން ހާސިލް ކުރަން ބޭނުންވި އެއް ކަންތައް ވެއްޖެ،" އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ރޭގެ މެޗަށް ފަހު ބުންޏެވެ.
ރޭގެ މެޗާ އެކު އިޓަލީން ބަލިނުވެ 29 މެޗު ހަމަކުރީ އެވެ. އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް ބައިކޮޅަށް ލަނޑެއް ނުވަދެ މޮޅުވިިއިރު، އެ ޓީމަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެވެ.












