ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެވޭތޯ މަޝްވަރާތައް ފަށައިފި

ހިޔާ ފްލެޓްތައް: ކުލި ކުޑަކުރުމަށް މަޝްވަރާތައް ވަނީ ފަށާފައި - ފޮޓޯ: އަދަދު

ހިޔާ ފްލެޓްތައް: ކުލި ކުޑަކުރުމަށް މަޝްވަރާތައް ވަނީ ފަށާފައި - ފޮޓޯ: އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ސިޓީ ކައުންސިލުން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީން، އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާތައް ފަށައިފި އެވެ.

މި ސަރުކާރުން ނިންމާފައި އޮތީ ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.

ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ކަމާގުޅޭ ސެކްޝަނާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީން ހެދި ހިސާބުން ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5،600 ރުފިޔާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މޭޔަރު ބޭއްވެވި ބައްދަލުވުމުގައި ކުލި އެވަރަށް ކުޑަކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ކުލި ކުޑަ ކުރެވެން އޮތް އެންމެ ކުޑައެއް ކުރަން ބޭނުންވާ ކަމާއި މޭޔަރުގެ ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެގޮތުން، މިއަދު ވަނީ ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، އެޗްޑީސީއާއެކު މުއިއްޒުއާ ބައްދަލު ކުރައްވައި، އަގު ކުޑަކުރެވޭތޯ ބެލުމަށް މަޝްވަރާތައް ފަށާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް: ހިސާބު ރަނގަޅު ވާނެ ކަމަށް ވިދާޅުވި
ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް: ހިސާބު ރަނގަޅު ވާނެ ކަމަށް ވިދާޅުވި

ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް: ހިސާބު ރަނގަޅު ވާނެ ކަމަށް ވިދާޅުވި

އެ ބައްދަލުވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކުލީގެ ގޮތުގައި ހިޔާ ފްލެޓްތައް އަޅާފައިވަނީ ލޯނެއް ނަގައިގެން ކަމުން، އެ ލޯނު ދެއްކުމަށް ފައިސާ ބޭނުންވާނެ ކަމަށާއި ކުލި ކަނޑައަޅާފައިވަނީ އެކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ.

އެގޮތުން ކަނޑައެޅި 7،500 ރުފިޔާގެ ހިސާބު އެޗްޑީސީން ޖެހި ގޮތް މާލޭ ސިޓީ ކައުންސިލަށް ސާފުކޮށްދީފައިވާނެ ކަމަށާއި ނަމަވެސް، އެ ބޭފުޅުން ބޭނުން ވަނީ އެ ހިސާބުތައް އަމިއްލައަށް ދިރާސާ ކުރެއްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް އެ ހިސާބު ބައްލަވާފައި ޖައްސަވާފައި، ވެރިފައި ކުރުމުގެ ފުރުސަތު އެބަ އޮތް، މިކަމަކީ މިއަދުގެ މަޝްވަރާއިން ނިމިގެންދާނެ ކަމެއް ނޫން، އަދި މިކަމުގައި ވާހަކަ ދެކެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މިހާރު ޖަހާފައި އޮތް އަގަކީ ޖެހެން އޮތް އެންމެ ކުޑަ އަގު ކަމަށާއި މިހާރު ވެސް ވަރަށް ގިނަ ގޮތްގޮތުން އަގު ކުޑަކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެހެންވިޔަސް އަދިވެސް އަގު ކުޑަ ކުރާނަމަ، އެކަން ކުރާނެ ގޮތަކާއި އެކަމަށް ސަރުކާރުން ކުރަން ޖެހޭނެ ހަރަދުތައް ދައުލަތުގެ ހުރިހާ އިދާރާއަކަށާއި ރައްޔިތުންނަށް އެނގިފައި އޮންނަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ އަގު ބޮޑު ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށާއި އެހެންވެ، އެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ، ކުރިން ޖަހާފައިވާ ހިސާބުތަކަކީ ރައްޔިތުންނަށް އަތް ފޯރާވަރުގެ އަގެއް ކަމަށާއި އެ އަގުގެ ތަފްސީލު މިއަދު ވެސް މިނިސްޓްރީއާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ރައްޔިތުންނަށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން މި ފްލެޓްތައް ދެވެން ވާނީ އަތްފޯރާފަށުގައި ކަމަަށް، 5،600 ރުފިޔާއަށް ނުވަތަ އެހާކަށްވަރަށް ކުޑަވެގެން ދިޔުމަކީ ރައްޔިތުން އެ އުޅެމުންދާ ނިކަމެތި ހާލަށް ބަލާއިރު ވަރަށް މުހިންމު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އުއްމީދު ކުރައްވަނީ މަޝްވަރާތަކުގެ ނަތީޖާއަކަށް ވާނީ މިހާރު ކަނޑައަޅާފައި އޮތް އަގު ކުޑަ ކުރެވިގެން ދިޔުން ކަމަށެވެ.

"ސަރުކާރާއެކު އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން، އިރާދަކުރެއްވިޔާ ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު: ކުލި ކުޑަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި
މޭޔަރު މުއިއްޒު: ކުލި ކުޑަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

މޭޔަރު މުއިއްޒު: ކުލި ކުޑަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރިން ހިސާބުތައް ބަލާލީމަ އެ ޖަހާފައިވަނީ ގޯސްކޮށްކަން ވަރަށް ސާފު ކަމަށެވެ. އެހެންވެ އެކަން މުއިއްޒަށް މިއަދު ތަފްސީލްކޮށް ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް، މުއިއްޒުގެ ވިސްނުން ތަފާތެވެ.

މުއިއްޒު ވިދާޅުވީ އޭރު ހިސާބުތައް ޖެހިއިރު މަސައްކަތް ކުރީ ތިން މުއައްސަސާއެއް އެކުވެގެން ކަމަށާއި އެހެންކަމުން އެ ހިސާބަކީ ރަނގަޅަށް ޖަހާފައި އޮތް ހިސާބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ހިސާބު ޖެހުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ބަލާފައިވެސްވާނެ ކަމަށެވެ. އެހެންވެ، އެ އަދަދަށް ކުޑަ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި ދައުލަތުން ދެއްކި ލޯނެއް އަނބުރާ ދައްކަން ޖެހޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް މީގެކުރިން ސޯޝަލް ހައުސިންއާ ގުޅޭ ލޯނުތައް ސަރުކާރުން ދައްކަމުން ދިޔައީ އަމިއްލައަށް ކަމަށެވެ. ރައްޔިތުންގެ އަތުން ނުލިބޭ އަދަދު، ސަރުކާރުން ދައްކައިގެން ވެސް ލޯނުތައް ދައްކާފައިވާ ކަމަށެވެ.

މިހާރު ފެނިގެންދަނީ ހިޔާ މަޝްރޫއުއަށް ނަގާފައިވާ ލޯނާ ދުރަށް ޖެހެން މަަސައްކަތް ކުރަމުންދާ ތަން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ކުލި ކުޑަކޮށްފައިވަނީ ލޯނު ދެއްކުމަށް ސަރުކާރުން ސަޕޯޓެއް ދޭ ގޮތަށް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެފަދަ ސަޕޯޓެއް ލޯނު ދެއްކުމަށް ދިނުމަށް ގަސްދުކުރާ ކަމަކަށް ނުބެލެވޭ ކަމަށެވެ.

"ސޯޝަލް ހައުސިން ލޯނުތަކަކީ ދައުލަތުގެ ސަޕޯޓާއެކު ދެއްކޭނެ ލޯނުތަކެއް، އެހެންވެ، ދައުލަތުގެ ސަޕޯޓު މިކަމަށް ބޭނުން ވާނެ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓްގެ ކުއްޔަށް ބަދަލު ގެނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް، އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އޮންނަންވާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި، އަސްލަމް ވިދާޅުވީ "ހިސާބު ދޮގެއް ނަހަދާނެ، މީހުން ދޮގު ހަދާނީ،" ކަމަށެވެ. ހިސާބު ލިބުނީމަ ސިޓީ ކައުންސިލާއި ރައްޔިތުންނަށް ވެސް އަގު އޮތް ގޮތް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox