ސަން އޮންލައިންގެ ޗީފް އެޑިޓަރުގެ މަގާމުން ހިރިގާ އަހުމަދު ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޒާހިރު ސަން އޮންލައިނާ ދުރަށް މި ވަޑައިގަތީ 10 އަހަރަށްވުރެ ގިނަ ދުވަހު އެ ނޫހުގައި މަސައްކަތް ކުރެއްވުމަށް ފަހު އެވެ.
ޒާހިރު މިއަދު ވިދާޅުވީ ސަން އޮންލައިންއިން އޭނާ ވަކިވީ އެތައް ހަނދާންތަކަކާ އެކު ކަމަށާއި މީޑިއާގެ ދާއިރާގައި އަދިވެސް މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ހަވީރު" ނޫހުން ނޫސްވެރިކަމުގެ ކެރިއަރު ފެއްޓެވި ޒާހިރު ވަނީ އެ ނޫހުގެ މެނޭޖިން އެޑިޓަރުގެ މަގާމް ފުރުއްވައިފަ އެވެ.
ޒާހިރު ވަނީ ނޫސްވެރިކަން ކުރިއަރުވައި، ނޫސްވެރިން ތަރައްގީ ކުރެއްވުމަށް މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން، 2006 ވަނަ އަހަރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި ނޫސްވެރިންގެ ޖަމިއްޔާއެއް ޒާހިރު އިސްކޮށް ހުންނަވައި އުފެއްދެވި އެވެ. އެ ޖަމިއްޔާގެ ރައީސްކަން ވެސް ޒާހިރު ކުރެއްވި އެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލު ކުރައްވާފައިވާ ޒާހިރަށް މީޑިއާ ކައުންސިލުންދޭ އަލިމަސް ގަލަން ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.
އޭގެއިތުރުން، ސިންގަޕޫރު ރޯޔަލް އިންސްޓިޓިއުޓުން ދޭ ރެކޮގްނިޝަން، ފެލޯ ޖާނަލިސްޓްގެ ޝަރަފާއި ދިވެހި ނޫސްވެރިކަމުގެ ހިދުމަތުގެ ރިހި ގަލަން ވެސް ލިބިވަޑައިގަތެވެ.













