ޕޯޗުގަލް ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދިން ޕައޮލޯ ސޯސާ ޕޮލެންޑް ގައުމީ ޓީމާ ހަވާލުވީ މިދިޔަ ޖެނުއަރީ މަހު އެވެ. މީގެ ކުރިން ހަތް ގައުމުގައި ކޯޗިންގެ މަސައްކަތް ކޮށްފައިވާ ސޯސާ ޕޮލެންޑް ގޮވައިގެން މި ފަހަރުގެ ޔޫރޯއާ ކުރިމަތިލާއިރު، މިއީ އޭނާ ކޯޗިން ކެރިއަރުގައި ގައުމީ ޓީމެއް ގޮވައިގެން ބޮޑު މުބާރާތަކަށް ވެސް ނުކުންނާނެ ފުރަތަމަ ފަހަރެވެ.
ސޯސާ އަށް މި ޗެލެންޖުތަކާ ކުރިމަތިލާން ޖެހޭއިރު، އޭނާ އަށް އޮތް ހިތްހަމަ ޖެހުމަކީ ޓީމުގައި މިދިޔަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހުރުމެވެ. ސޯސާ ގަބޫލުކުރާގޮތުގައި ކްލަބް ލެވަލްގައި ބަޔާން މިއުނިކްގައި އަދި ކުރިން ބޮރޫޝިއާ ޑޯޓްމަންޑްގައި ލެވަންޑޯސްކީ ދައްކާފައިވާ ކުޅުމަށް ބަލާއިރު އޭނާ އަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއް ކަން އެންމެންނަށް ވެސް އެނގޭނެ އެވެ.
ލެވަންޑޯސްކީ ވަނީ އަކީ އެ ގައުމަށް އެންމެ ގިނަ މެޗު ކުޅެދިން އަދި އެންމެ ގިނަ ގޯލު ވެސް ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 119 މެޗުން 66 ގޯލު ޖަހައިފަ އެވެ. އެކަމަކު ބޮޑު މުބާރާތްތަކުގައި ލެވަންޑޯސްކީ އަށް އެންމެ މޮޅު ކުޅުން ނުދެއްކެ އެވެ. މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި ލަނޑެއް ޖެހުނީ އެންމެ ފަހަރަކު އެވެ. އެކަމަކު އެއީ ސޯސާ އަށް އެހާ މުހިއްމު ވާހަކަތަކެއް ނޫނެވެ.

ޕޮލެންޑްގެ ކޯޗު ސޯސާ:
"ތި ހުރިހާ ނަމްބަރެއް ތި ހުރީ ވަރަށް ޝައުގުވެރިވާ ގޮތަކަށް. އަހަރެން ލެވަންޑޯސްކީ އަށް ފުރިހަމަ އަށް އިތުބާރު ކުރަން. އެކުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެވިފައި ނެތަސް މި ޓީމު ލީޑުކުރުމުގައި ލެވަންޑޯސްކީ އަށް ތަފާތު ދެއްކޭނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް،" ސޯސާ ބުންޏެވެ.
އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ މި ސީޒަނުގައިވަނީ 40 މެޗުން 48 ގޯލު ޖަހައިފަ އެެވެ. އަދި ނުވަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. އޭނާ ވަނީ މި ސީޒަނުގައި 49 އަހަރުވީ ގޯލު ޖެހުމުގެ ރެކޯޑެއް ވެސް މުގުރާލައިފަ އެވެ.
ސޯސާގެ ކޯޗުކަމުގައި ޕޮލެންޑް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މާޗް މަހު ޕޮލެންޑް ވަނީ 3-3 އިން ހަންގޭރީއާ އެއްވަރުވެފަ އެވެ. މިރޭ ޔޫރޯގައި މި ފަހަރު ޕޮލެންޑް ކުޅޭ ފުރަތަމަ މެޗަށް ނުކުންނައިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ މުބާރާތްތަކުގެ ފުރަތަމަ މެޗުތަކުގައި ރެކޯޑް ރަނގަޅެއް ނޫނެވެ. އެންމެ ފަހުން ޕޮލެންޑް ވާދަކުރި ނުވަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުގެ ތެރެއިން މޮޅުވީ އެންމެ ފަހަރަކު އެވެ.
"އަހަރެން ވަރަށް އިސްކަންދެން ރަނގަޅު ފެށުމަކަށް. އެހެންވެ ސްލޮވާކިއާ އަތުން މޮޅެއް ވަރަށް މުހިއްމު،" ސޯސާ ބުންޏެވެ.
މީގެ ކުރިން ޕޮލެންޑަށް ގިނައިން ކޯޗުކޮށްދީފައި ހުރީ އެ ގައުމަށް ނިސްބަތްވާ މީހުންނެވެ. ސޯސާ ބުނީ އެ ކަމަށް ބަލާއިރު ވެސް އޭނާ އަށް ޗެލެންޖެއް އެބައޮތް ކަމަށެވެ.
"ކުރިން ޕޮލެންޑަށް ގިނައިން ކޯޗުކޮށްދީފައި ހުރީ މި ގައުމަށް ނިސްބަތްވާ މީހުން. އަހަންނަކީ ޕޮލެންޑްގެ މީހެއް ނޫން. އެހެންވީމަ ޕޮލެންޑް މީހުންގެ އިތުބާރު ހޯދުމަކީ ވެސް އަހަންނަށް އޮތް ޗެލެންޖެއް. އެކަން ކުރަން ބަލާއިރު އެންމެ މުހިއްމީ މެޗުތަކުގައި ނަތީޖާ ނެރުން،" އިނގިރޭސި ތިން ކްލަބަކަށް މީގެ ކުރިން ކޯޗުކޮށްދީފައިވާ ސޯސާ ބުންޏެވެ.
މިއީ ޕޮލެންޑުން ޔޫރޯގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އެ ޓީމުން މުބާރާތުގެ ނޮކައުޓް ބުުރުން ފުރުސަތު ހޯދީ އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ.
ޕޮލެންޑް ފަސޭހައެއް ނުވާނެ: ޓާކޮވިޗް
ސްލޮވާކިއާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް 2013 އިން 2018 އަށް މަސައްކަތްކުރި ސްޓެފަން ޓާކޮވިޗް އެ ޓީމުގެ ހެޑް ކޯޗުގެ މަގާމާ އަލުން ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ޓާކޮވިޗަކީ ސްލޮވާކިއާ ޓީމަށް ފަރިތަ މޫނެކެވެ. އޭނާ ގައުމީ ޓީމުގައި އަށް ވަރަކަށް އަހަރު ކޮށްފައިވާ މަސައްކަތް ރަނގަޅުކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލުކުރެ އެވެ.

ސްލޮވާކިއާގެ ފަރިތަކުރުންތަކެއްގެ ތެރެއިން ޓާކޮވިޗް ޓީމުގެ ކުޅުންތެރިންނާ އެކު.
މިއީ ސްލޮވާކިއާ އިން ޔޫރޯގައި ކުޅޭ ދެ ވަނަ ފަހަރެވެ. އެ ޓީމުން 2016 ވަނަ އަހަރުގެ މުބާރާތުގައި އަލަށް ވާދަކުރިއިރު ވަނީ ހުރިހާ ގްރޫޕްތަކުގެ ތިން ވަނަ ޓީމުތަކުގެެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމުތަކުގެ ތެރެއިން ދެ ވަނަ ބުރަށް ގޮސްފަ އެވެ. އެކަމަކު އެ ބުރުގައި ޖަރުމަނު އަތުން ބަލިވެ ކެޓީ އެވެ.
ޓާކޮވިޗް ބުނީ އެންމެ ފަހުގެ ޔޫރޯގެ ތަޖުރިބާ އަށް ބަލާއިރު މި ފަހަރު ކަންތައްތަކެއް ރަނގަޅުކުރެވިދާނެ ކަމަށެވެ. އެކަމަކު މީގެ އެންމެ މުހިއްމު ކަމަކީ ފުރަތަމަ މެޗުން ޕޮޒިިޓިވް ނަތީޖާއެއް ނެރުން ކަމަށާއި އެހެންވެ ޕޮލެންޑާ ދެކޮޅަށް ނުކުންނާނީ ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
"އެ މީހުން (ޕޮލެންޑް) ވަރަށް ބޮޑަށް އެޓޭކަށް ބަރޯސާވާނެ. އެއީ އެ މީހުންގެ މޮޅެތި ކުޅުންތެރިން ތިބީ އެޓޭކުގައި. އެހެންވީމަ އަހަރެމެން އެބަޖެހޭ ޑިފެންސަށް ސަމާލުވެގެން އަދި އެޓޭކް ވެސް ކޮށްގެން މި މެޗުން މޮޅުވާން،" ޓާކޮވިޗް ބުންޏެވެ.
ޓާކޮވިޗަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު މަރެކް ހަމްޝިކް އާއި ޖޫރަޖް ކުޗްކާ ވެސް ރަނގަޅު ފޯމެއްގައި ހުރުމެވެ.
ޔޫރޯގައި މިހާތަނަށް ސްލޮވާކިއާގެ ހަމައެކަނި މޮޅަކީ 2016 ވަނަ އަހަރު ރަޝިއާ އަަތުން ލިބުނު މޮޅެވެ. މިރޭ ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.












