ނަތަންޔާހޫ ބޭރުކޮށް "ބަދަލުގެ" ސަރުކާރު އައުމުން އިޒްރޭލުގައި އުފާފާޅުކުރަނީ

ބޮޑު ވަޒީރު ކަމުގެ މަގާމު ގެއްލުނު ބެންޖަމިން ނަތަންޔާހޫ ކަނޭސެތުގައި އިއްޔެ ނެގި ވޯޓަށް ފަހު (ވ) އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްއާ ސަލާން ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ/ އިމޭނުއެލް ޑުނާންޑް

ބޮޑު ވަޒީރު ކަމުގެ މަގާމު ގެއްލުނު ބެންޖަމިން ނަތަންޔާހޫ ކަނޭސެތުގައި އިއްޔެ ނެގި ވޯޓަށް ފަހު (ވ) އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްއާ ސަލާން ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ/ އިމޭނުއެލް ޑުނާންޑް

ގުދުސް (ޖޫން 14) - އިޒްރޭލުގައި ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް، އޭނާއަށް ކުރިން ވަފާތެރި ނަފްތާލީ ބެނެޓްގެ ލީޑާޝިޕުގެ ދަށުން ހިންގަވާނެ އަށް ޕާޓީގެ ކޯލިޝަން ސަރުކާރަށް ރުހުން ދޭން ފެންނަ ކަމަށް ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ.

ކުރިން އިޒްރޭލުގެ ހާއްސަ އަސްކަރީ ފައުޖުގައި މަސައްކަތް ކުރެއްވި މިލިއަނަރު، ބެނެޓް މަގާމުގެ ހުވާ ކުރެއްވިއިރު، ކޯލިޝަން ސަރުކާރުގެ ޕާޓީތަކުގެ މެދުގައި އޮތް ހަމައެކަނި އެއް ގޮތް ކަމަކީ ނަތަންޔާހޫ މަގާމުން ދުރުކުރަން ބޭނުންވުމެވެ.

އުމުރުން 71 އަހަރުގެ ނަތަންޔާހޫ އެންމެ ފަހު ވަގުތު ގާނޫނު ހަދާ މަޖިލިސް، ކަނޭސެތުގައި ވާހަކަދައްކަވަމުން ވިދާޅުވީ "ތަގްދީރުގައި ވަނީ އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތް ކުރަން ނަމަ، ފަހުރުވެރިކަމާއެކު އެ މަސައްކަތްކޮށް، މި ނުބައި ސަރުކާރު ބަދަލުކޮށް، އަލުން ގައުމު ހިންގާނެ" ކަމަށެވެ.

އާދީއްތަ ދުވަހުގެ ހަވީރު މަޖިލިސް ޖަލްސާ ފަށައިގެން ވޯޓާ ހަމައަށް ދިޔައިރު، ކޯލިޝަން ސަރުކާރަށް ރުހުން ލިބޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތެވެ. އެއީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި އެއް ޕާޓީއަކަށް ލިބިފައިވަނީ ނަތަންޔާހޫގެ ލިކޫދް ޕާޓީއަށް ކަމަށް ވާތީ އެވެ.

ކުރިން ލަފާކޮށްފައި އޮތް ގޮތަށް ކޯލިޝަނަށް ރުހުން ލިބުނީ ވަރަށް ހަނި ފުރުސަތަކުންނެވެ. އެގޮތުން 120 މެމްބަރުން ހިމެނޭ ކަނޭސެތުގައި 60 މެމްބަރުން އެ ސަރުކާރަށް ރުހުން ދިން ނަމަވެސް 59 މެމްބަރުން ވޯޓު ދިނީ ދެކޮޅަށެވެ.

ކޯލިޝަން އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާ ބެނެޓްއަށް ގައުމުތަކުގެ ވެރިން އަންނަނީ މަރުހަބާ ވިދާޅުވަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އެމެރިކާއަށް ވުރެ ގާތް އެކުވެރިއަކު އިޒްރޭލަށް ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ދެ ގައުމުގެ މެދުގައިވާ ގާތް ގުޅުމުގެ ހުރިހާ ދިމާލެއް ވަރުގަދަ ކުރަން ބޮޑު ވަޒީރު ބެނެޓްއާއެކު މަސައްކަތް ކުރާނަން،" ބައިޑެން ނެރުއްވި ބަޔާނެއްގައި ވެ އެވެ.

އިޒްރޭލުގައި އުފާ ފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ/ ޖެކް ގުއޭޒް
އިޒްރޭލުގައި އުފާ ފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ/ ޖެކް ގުއޭޒް

އިޒްރޭލުގައި އުފާ ފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ/ ޖެކް ގުއޭޒް

ނަތަންޔާހޫގެ ވެރިކަން ނިމުމާއެކު އުފާ ފާޅުކުރަން ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ. އެގޮތުން ގުދުސްގައި ކަނޭސެތު ހުންނަ ސަރަހައްދުގެ ހުސް ބިމަކަށާއި ތެލް އަވީވްގެ ސިޓީ ސެންޓަރަށް ވެސް ލަވަ ކިޔަމުން ދިދަ ވިހުރުވަމުން އެތައް ބަޔަކު ޖަމާވި އެވެ.

ބަލިކަށި ކޯލިޝަނެއް

ކަނޭސެތުގައި ވޯޓަށް އެހުމުގެ ކުރިން ވާހަކަދައްކަން ލިބުނު ފުރުސަތުގައި އުމުރުން 49 އަހަރުގެ ބެނެޓް ވިދާޅުވީ އޭނާގެ ސަރުކާރު "ތަމްސީލް ކުރާނީ މުޅި އިޒްރޭލް" ކަމަށެވެ.

އޭނާ ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ހަތަރު އިންތިހާބު ބާއްވަން ޖެހުމުގެ ސަބަބުން ގައުމުގެ "އެތެރޭގައި ހަމަނުޖެހުމާއި ނަފުރަތު އުފެދިފައިވާ" ކަމަށެވެ.

"އާބާދީގެ ހުރިހާ ދިމާލަކުން އުފެދިފައިވާ ލީޑަރުންނާއެކު މި ކަންތައްގަނޑު ނިންމަންވީ ވަގުތު އައިސް ޖެހިއްޖެ،" ނަތަންޔާހޫގެ ވެރިކަމަށް ނިސްބަތް ކުރައްވާ ބެނެޓް ވިދާޅުވުމާއެކު ކަނާއަތު ފިޔައިގެ މެމްބަރުންގެ ހަޅޭކުގެ އަޑު ކަނޭސެތުގެ ތެރެއިން އިވިގެން ދިޔަ އެވެ.

ކޮރަޕްޝަންގެ ތުހުމަޔާއެކު ޝަރީއަތުގައި މައްސަލަ އޮތް، ނަތަންޔާހޫ އިޒްރޭލުގެ ސިޔާސީ މައިދާނުގައި އެންމެ ވަރުގަދަ އަޑެއްގެ ގޮތުގައި އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. މެދުނުކެނޑި 12 އަހަރު ބޮޑު ވަޒީރުކަން ކުރެއްވުމުގެ ކުރިން 1990 ގައި ވެސް ތިން އަހަރުގެ ދައުރެއް އޭނާ ފުރިހަމަ ކުރެއްވި އެވެ.

ނަތަންޔާހޫގެ ސަޕޯޓަރުން އޭނާ ސިފަކުރަނީ އިޒްރޭލް ދިފާއު ކުރާ ލީޑަރެއްގެ ގޮތުގަ އެވެ. އިރާނަކީ ހަތުރެއްގެ ގޮތުގައި ދެކޭ ނަތަންޔާހޫ ވަނީ ވެރިކަން ނިމުމަކަށް އައުމުގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި ބައެއް އަރަބި ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފަ އެވެ.

ބޮޑު ވަޒީރުގެ މަގާމު ގެއްލުމާއެކު ނަތަންޔާހޫއަށް ގާނޫނީ ގޮތުން ދިމާވެފައިވާ ގޮންޖެހުމުގެ ނުރައްކާ އިތުރުވާނެ އެވެ. މަގާމުގައި ދެމި ހުންނެވުނު ނަމަ، ކޮރަޕްޝަންގެ ޝަރީއަތް ހުއްޓުވައި، ފިޔަވަޅު ނޭޅޭނެ ފަދަ ގާނޫނެއް ހެދުމުގެ ފުރުސަތު އޭނާއަށް އޮތެވެ.

ނަތަންޔާހޫގެ ވެރިކަމުގައި ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބެނެޓް ވިދާޅުވީ އޭނާގެ ބޮޑު ވަޒީރު ކަމުގައި އިރާނުގެ ކިބައިން އިޒްރޭލު ދިފާއު ކުރާނެ ކަމަށެވެ. އަދި "އިރާނުން ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ ފުރުސަތު އިޒްރޭލުން ނުދޭނެ" ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.

ނަމަވެސް ނަތަންޔާހޫ ވިދާޅުވީ ކޯލިޝަން ސަރުކާރު އުފެދުމާއެކު "ނުރައްކާތެރި، ބަލިކަށި، ވައަތު ފިޔައިގެ ސަރުކާރެއް" އައުމުގެ އުފާ އިރާނުން ފާހަގަކުރާނެ ކަމަށެވެ.

ނަތަންޔާހޫއާ ދެކޮޅަށް ޕާޓީތައް އެއް ކުރުމުގެ މަސައްކަތް ފެއްޓެވީ ސެކިއުލާ ވިސްނުމަށް ތާއީދު ކުރައްވާ ޔެއާ ލެޕީދް އެވެ. ކޯލިޝަނުގައި ސިޔާސީ ހުރިހާ ފިކުރެއްގެ ޕާޓީތައް ހިމެނެ އެވެ. އެގޮތުން ކަނާއަތު ފިޔައިގެ ތިން ޕާޓީ އާއި މެދުމިނުގެ ދެ ޕާޓީ އާއި ވައަތު ފިޔައިގެ ދެ ޕާޓީއާއި، އަރަބި އިސްލާމީ ކޮންޒަވޭޓިވް ޕާޓީއެއް ވެސް ހިމެނެ އެވެ.

ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން ދައުރުގެ ފުރަތަމަ ދެ އަހަރު ބެނެޓް ބޮޑު ވަޒީރުކަން ކުރެއްވުމަށް ފަހު ބާކީ ދެ އަހަރު އެ މަގާމަށް ވަޑައިގަންނަވާނީ އުމުރުން 57 އަހަރުގެ ލަޕީދް އެވެ.

މަކަރު ހެދި ކަމުގެ ތުހުމަތު

އަށް ޕާޓީގެ ކޯލިޝަން އުފެއްދިކަން އިއުލާނު ކުރީ އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަސް ވަންދެން ހިންގި ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމުންނެވެ. އޭރު ގާޒާއަށް ބޮން އަޅަމުން ދާތީ އިޒްރޭލުގައި ދިރިއުޅޭ އަރަބިންނާއި ޔަހޫދީންނާ ދެމެދު ވެސް އޮތީ ހަމަނުޖެހުން އުފެދިފަ އެވެ.

ކޯލިޝަނަކާ ދިމާލަށް ޕާޓީތަކުން ދާން ފެށިކަން އެނގުމާއެކު ނަތަންޔާހޫ މަސައްކަތް ކުރެއްވީ ޕާޓީތަކުގެ ވަކިވަކި މެމްބަރުންގެ ތާއީދު ހޯދުމަށެވެ. އެގޮތުން ބެނެޓްއަކީ "މަކަރުވެރިއެއް" ކަމަށް ވިދާޅުވެ، ކަނާއަތުގެ ފިޔައިގެ ވިސްނުމާ ހިލާފަށް އަރަބިންނާ ކޯލިޝަން ހެދީ ކަމަށް ވިސްނައިދޭން މަސައްކަތް ކުރެއްވި އެވެ.

އެއާއެކު ލިކޫދް ޕާޓީގެ މެމްބަރުން ބެނެޓްއާ މެދު ހިތްހަމަނުޖެހި މުޒާހަރާ ކުރަން ފެށި އެވެ. އޭގެ ސަބަބުން ބެނެޓް އާއި ބައެއް އެހެން ޕާލިމެންޓު މެމްބަރުންގެ ސެކިއުރިޓީ ވަރުގަދަ ކުރި އެވެ.

ވެރިކަން ނިމުމާ ގާތްވަމުން ދިޔައިރު، ނަތަންޔާހޫ ދެއްކެވި ބައެއް ވާހަކަތަކަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކާ ދާދި އެއް ގޮތް ވާހަކަތަކެވެ. އެގޮތުން އިންތިހާބުގައި އޭނާގެ ޕާޓީއަށް މެޖޯރިޓީ ނުލިބުނީ ވޯޓު އޮޅުވާލައި މަކަރު ހެދުމުން ކަމަށް ތުހުމަތު ކުރަން ފެއްޓެވި އެވެ.

ކޯލިޝަން ސަރުކާރަށް ރުހުން ލިބި، ވެރިކަމާ ހަވާލުވެފައިވާ މި ދަނޑިވަޅަކީ ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލުގެ ޔަހޫދީންގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެކެވެ. އޭގެ އިތުރުން ޔަހޫދީން ބާއްވަން މަސައްކަތް ކުރި "ދިދައިގެ ހިނގާލުން" ފަސް ކުރުމުން އެ މީހުން ވެސް ތިބީ ހިތްހަމަނުޖެހިފަ އެވެ.

ގުދުސްގައި މުސްލިމުން ގިނަ ހިސާބުތަކުގައި ޔަހޫދީން މަގުތަކަށް ނުކުމެ، އިޒްރޭލުގެ ދިދައާއެކު ކޮންމެ އަހަރަކު ބާއްވާ މި ހިނގާލުން މި އަހަރު ބާއްވައިފި ނަމަ ހަމަލާ ދޭނެ ކަމަށް ހަމާސްއިން އިންޒާރު ދިނުމުން ފަސްކުރަން މަޖުބޫރުވީ އެވެ. ނަމަވެސް ނަތަންޔާހޫ ފަހުން ވަނީ މި ހަފްތާގެ އަންގާރަ ދުވަހު ހިނގާލުން ބޭއްވުމުގެ ހުއްދަ ދެއްވާފަ އެވެ.

އެހެންކަމުން އެ ހިނގާލުން ވެގެން ދާނީ އާ ސަރުކާރުގެ ފުރަތަމަ އިމްތިހާނަށެވެ. ހިނގާލުން ކެންސަލް ކުރުމާ މެދު ގޮތް ނިންމުމުގެ ފުރުސަތު އާ ސަރުކާރަށް މިހާރު އެބަ އޮތެވެ.

ސަރުކާރު ބަދަލުވި ނަމަވެސް ގުދުސްގައި ހިނގާ ސިޔާސީ ކަންކަމާ ގުޅިގެން އިޒްރޭލާ މެދު ދެކޭ ގޮތް ބަދަލުނުވާނެ ކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ.

"އިޒްރޭލު ސަރުކާރު އޮންނަ ސިފަ ބަދަލުވުމަކުން އަޅުގަނޑުމެންގެ ގުޅުމުގެ އަސްލަކަށް އެއްވެސް އަސަރެއް ނުކުރޭ،" ހަމާސްގެ ތަރުޖަމާނު ފައުޒީ ބަރްހޫމް ވިދާޅުވި އެވެ.

"އިޒްރޭލަކީ އަދިވެސް ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ އިސްތިއުމާރީ ބާރެއް."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox