ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދެ ޖަލެއްގައި ރޭ ފަތިހުން ފެށިގެން ހިންގި އޮޕަރޭޝަނުގައި 40 އަށް ވުރެ ގިނަ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެކަމުގެ ތަހުގީގު ފަށައިފި އެވެ.
މާލޭ ޖަލާއި މާފުށީ ޖަލުގައި އެ އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގުޅިގެންނެވެ.
އެ އޮޕަރޭޝަން ނިންމާލުމަށްފަހު ފުލުހުން ބުނީ ބަލާފާސްކުރި ގޮޅިތަކުން، މާލެ ޖަލުން، ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން،ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ގައިދީންނާ ކުރިމަތިލުންތައް ހިނގައި، ގިނަ ގައިދީންތަކަކަށް އަނިޔާވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އެގޮތުން، ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުން ޓޭޒާ ބޭނުންކުރި ކަމުގެ ތުހުމަތު ވެސް ދަނީ ކުރެވެމުންނެވެ.

ނަމަވެސް، އެ އޮޕަރޭޝަންގައި ފުލުހުން ޓޭޒާ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމަތަކީ ދޮގު މައުލޫމާތެއް ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށާއި، އޭގެ އަސަރުކުރި ދެ ގައިދީއަކަށް ފަސްޓް އެއިޑް ދެވިފައިވާކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށެވެ.
"މި އޮޕަރޭޝަންގައި ދެންނެވުނު ތިން ގައިދީންގެ އިތުރުން، އިތުރު ގައިދީއަކަށް އަނިޔާ ވެފައި ނުވޭ،" ފުލުހުން ބުންޏެވެ.
ޖަލުތަކުގައި، ހައްދުފަހަނާޅާފައިވާ މީހުން އިސްވެ ތިބެ އެ ފިކުރަށް ޒުވާނުން ރެކްރޫޓްކުރެ އެވެ. ނަޝީދަށް އަމާޒުކުރި ހަމަލާއަށް ފަހު، ހައްދުފަހަނައެޅި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި، ޖަލުގައި އެ ފިކުރު ފަތުރަން އުޅުނު ބޮޑެއް ވެސް ހައްޔަރުކުރި އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.
އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ބޮން ހަރުކުރި ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.
މި އެންމެންނަކީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ވަކި ފިކުރެއް ކުރިއަރުވައި، ގަބޫލުކުރާ ވަކި ކަންތައްތަކަކަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.
ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިކޮޅުން ފެނުނެވެ.
ތަހުގީގަށް ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އަނެއްކާވެސް ވަނީ އިތުރުކޮށްފަ އެވެ. އެ ތަހުގީގުގައި، ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަން ވެސް ފުލުހުން ހޯދަ އެވެ.













