ބަކޫ، އަޒަރުބައިޖާން (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ވޭލްސް އާއި ސްވިޒަލެންޑް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމު ވެސް ފުރަތަމަ މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ރޭ ތުރުކީ އަތުން 3-0 އިން މޮޅުވެ، ތިން ޕޮއިންޓް ހޯދި އިޓަލީ އެވެ. ދެ ވަނައިގައި އޮތް ސްވިޒަލެންޑާއި ތިން ވަނައިގައި އޮތް ވޭލްސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ހަތަރެއްގައި އޮތް ތުރުކީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މިއީ ވޭލްސް އާއި ސްވިޒަލެންޑް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ބައްދަލުކުރި ފުރަތަަމަ ފަހަރެވެ. މި ދެ ޓީމު މިރޭ އެއްވަރުވިއިރު، މިއީ މި ގޮތަށް މި ދެ ޓީމުގެ ކުރިމަތިލުމެއް ނިމުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ސްވިޒަލެންޑް މޮޅުވިއިރު، ވޭލްސް އަށް ލިބުނީ ދެ މޮޅެވެ.
ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ރަނގަޅަށް ކުޅެމުންދިޔައީ ވޭލްސް އިންނެވެ. މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ވެސް އުފެއްދީ އެ ޓީމުންނެވެ. އެގޮތުން 16 ވަނަ މިނިޓްގައި ޑެނިއަލް ޖޭމްސް ނަގައިިދިން ހުރަހަކުން ކެއިފާ މޯ ބޮލުން ގޯލުގެ ދުރު ކަނަށް ފޮނުވާލި ބޯޅަ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފަ އެެވެ.
ސްވިޒަލެންޑުން ފުރަތަމަ 15 ވަރަކަށް މިނިޓަށް ފަހު މެޗުގެ ކޮންޓްރޯލް ނަގަން ފެށި އެވެ. އެ ޓީމުން ފުރަތަަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ 20 ވަނަ މިނިޓްގަ އެވެ. ޒެރްޑަން ޝަގީރީ ނަގައިދިން ކޯނަރަކުން ފަބިއަން ޝެއާ ފޮނުވާލި ބޯޅަ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ މަތަކޮށްފަ އެވެ.
ފަހުން ސްވިޒަލެންޑަށް ލީޑުނަގައިދޭން އެ ޓީމުގެ ފޯވާޑް ހަރިސް ސެފެރޮވިޗަށް ވަނީ ރަނގަޅު ތިން ފުރުސަތެއް ލިބިފަ އެވެ. އޭނާ ފޮނުވާލި ތިން ޝޮޓް ވެސް ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ. ބެންފީކާ އަށް ކުޅޭ ސެފެރޮވިޗަކީ އާންމު ގޮތެއްގައި އެގޮތަށް ލިބިފައި ހުރި ފުރުސަތުތައް ނިންމާލާފައިވާ ކުޅުންތެރިއެކެވެ. އެކަމަކު މި މެޗުގައި އެ ނަސީބު ނެތީ އެވެ.
ވޭލްސް އިން ވަނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ކައުންޓަ އެޓޭކުން އެ ޓީމުގެ ކެޕްޓަން ގެރެތު ބޭލް އާއި ޖޭމްސްގެ ބޭނުން ހިފައިގެން އެޓޭކްކުރަން މަސައްކަތްކޮށްފަ އެވެ. އެ ގޮތުން ޖޭމްސް އަށް ކުރި ފައުލަކަށް އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމުން ބޭލް ނަގައިދިން ބޯޅަ ޖަހަން އަރާނެ ކުޅުންތެރިއަކު ނުވި އެވެ.

ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ސްވިޒަލެންޑް އިން ލީޑުނެގި އެވެ. މި ގޯލު ޖެހީ ބްރީލް އެމްބޯލޯ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ޝަގީރީ ނަގައިދިން ކޯނަރަކުން އެމްބޯލޯ މި ގޯލު ޖެހީ ބޮލުންނެވެ. މި ކޯނަރު ލިބުނީ އެމްބޯލޯ ޖެހި ޝޮޓެއް ވޭލްސް ކީޕަރު ވޯޑް މަތަކުރުމުންނެވެ. އެކަމަކު ކޯނަރުން އެމްބޯލޯ ޖެހި ބޯޅަ ހުއްޓުވޭ ގޮތެއްނުވި އެވެ.
ވޭލްސް އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެ ޓީމުގެ ބެން ޑޭވިސް ޖެހި ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ކައުންޓަ އެޓޭކުގައި ސްވިޒަލެންޑަށް ދެ ވަނަ ގޯލެއް ޖަހަން އެމްބޯލޯ މެޗުގެ 65 ވަނަ މިނިޓްގައި ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ނަތީޖާ ހަަމަހަމަ ކުރަން ވޭލްސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ މޯ އެވެ. ޖޯ މޮރެލް ނަގައިިދިން ހުރަހަކުން މޯ ބޮލުން ޖެހި ބޯޅަ ގޯލަށް ވަންއިރު އެ ބޯޅަ ހުއްޓުވަން ކީޕަރު ސޮމާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސްވިޒަލެންޑްގެ ފޯވާޑް މާރިއޯ ގަވްރަނޯވިޗް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެ ގޯލު އޮފްސައިޑް ކަމަށެވެ.












