ސްވިޒަލެންޑް ބަލިކޮށް އިންގްލެންޑް ޔޫރޯގެ ސެމީ އަށް

Jul 6, 2024, 6:42 PM
ސްވިޒަލެންޑް ބަލިކޮށް އިންގްލެންޑް ޔޫރޯގެ ސެމީ އަށް

ޑަސެލްޑޯފް (ޖުލައި 6) - ޕެނަލްޓީގައި 5-3 އިން ސްވިޒަލެންޑް ބަލިކޮށް، އިންގްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުގެ ޔޫރޯގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން ބަލިވި އިންގްލެންޑުން މި ފަހަރުގެ ޔޫރޯގެ ސެމީ އަށް ޕެނަލްޓީގައި ދަތުރުކުރީ، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު، 1-1 އިން އެއްވަރުވެގެންނެވެ. އިންގްލެންޑުން ވަނީ ޕެނަލްޓީގައި ފޮނުވާލި ފަސް ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ.

ސެމީ ފައިނަލުގައި އިންގްލެންޑުން ކުޅޭނީ ކުއާޓާ ފައިނަލުގައި ނެދަލެންޑްސް އާއި ތުރުކީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް މަސައްކަތް ކުރަމުން ދިޔައީ މެދުތެރެއިން ކޮންޓްރޯލް ނަގައިގެން ކުޅެ، ފުރުސަތު ތަަނަވަސްކުރާށެވެ. އެހެން ނަމަވެސް ދެ ޓީމުގެ ޑިފެންސް ލައިން ރަނގަޅަށް މަސައްކަތްކުރުމުން، ކީޕަރު ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވެ އެވެ.

އިންގްލެންޑް ޓީމުގެ މައިނޯ (ކ) ސްވިޒަލެންޑް ޝަކާ އާއި ވާގަސް ކައިރިން ބޯޅަ ފޮނުވާލަނީ

އިނގިރޭސި ޓީމުގެ މެދުތެރޭގައި ކުޅެމުންދިޔަ، ދެ ކުޅުންތެރިން ކަމަށްވާ، ކޯބީ މައިނޫ އާއި ޖޫޑް ބެލިންހަމް ބޯޅަ ހިފައިގެން އެޓޭކަށް އަރައި، ގޯލު ޖަހަން ފުރުސަތު ހޯދޭތޯ ބަލަމުންދިޔަ އެެވެ. މައިނޫ ޖެހި ބޯޅައެއް ބްލޮކްވިއިރު، ފިލް ފޯޑެން ޖެހި ޝޮޓެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

އަނެއްކޮޅުން، ސްވިޒަލެންޑްގެ އެންމެ ކުރިއަށް ކުޅެމުންދިޔަ، ބްރީލް އެމްބޯލޯ އަށް ލިބޭ ބޯޅަތަކުގައި، އޭނާ ހުއްޓުވަން، އިނގިރޭސި ޑިފެންޑަރު، އެޒްރީ ކޮންސާ ދިޔައީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ސްވިޒަލެންޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، މެޗުގެ 65 ވަނަ މިނިޓްގައި އިންގްލެންޑްގެ ހާފުގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވުނު ބޯޅައެއް ހޯދައި، ސްވިޒަލެންޑްގެ މިޝެލް އޭބިޝާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ސްވިޒަލެންޑްގެ ބްރީލް އެމްބޯލޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ސްވިޒަލެންޑުން މި ހާފުގައި ދައްކަމުންދިޔަ ރަނގަޅު ކުޅުމުގެ ނަތީޖާ ރަނގަޅެވެ. އެ ޓީމުން ވަނީ މެޗުގެ 75 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑުނެގި އެވެ. މިއީ އޭރިއާތެރެއިން، ޑޭން އެންޑޯއި ނެގި ހުރަހަކަށް އަރައި، އެމްބޯލޯ ގޯލު ކުރިމަތިން ޖެހި ގޯލެކެވެ.

އިންގްލެންޑުން ބަދަލުތަކެއް ގެނެސް ކުޅުން އަވަސްކޮށް، ކުރި ފުރަތަމަ އެޓޭކުގައި ލަނޑު ޖަހައި އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ބުކާޔޯ ސަކާ އެވެ. އަރިމަތިން ސަކާ އަށް ލިބުނު ބޯޅަ ހިފައިގެން، އޭރިއާ ރޮނގުކައިރިން ކުރިއަށް ޖެހިލައިފައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ވަނީ އިތުރު ވަގުުތުގެ ދެ ހާފް ކުޅެފަ އެވެ. މި ފަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅުނު ފުރަތަމަ ތިން މެޗުގައި ވެސް އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ.

އިތުރު ވަގުުތުގެ ފުރަތަމަ ހާފު ފެށިގެން ހަަތަރު ވަނަ މިނިޓްގައި، އޭރިއާބޭރުން އިންގްލެންޑްގެ ޑެކްލަން ރައިސް ޖެހި ބޯޅަ ސްވިޒަލެންޑް ކީޕަރު، ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، އޭރިއާތެރެެއިން ޖާގައެއް ހޯދައި، ބެލިންހަމް ޖެހި ބޯޅަ ވެސް ސޮމާ ވަނީ އަތަށް ނަގައިފަ އެވެ.

ދެ ޓީމަށް ވެސ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، ލަނޑެއް ނުހުމުން، ނަތީޖާ ނެރެން މި މެޗުގައި ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ސްވިޒަލެންޑްގެ ޝަކާ (ކ) އިންގްލެންޑްގެ ކޭން ކައިރިން ބޯޅަ ހިފައިގެން ދެވޭތޯ މަސައްކަތްކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީގައި އިންްގްލެންޑްގެ ފުރަތަމަ ޕެނަލްޓީ ކޯލް ޕާމާ ވަނީ ކާމިޔާބުކޮށްފަ އެވެ. ސްވިޒަލެންޑްގެ ފުރަތަމަ ޕެނަލްޓީ މެނުއަލް އަކަންޖީ ފޮނުވާލި ބޯޅަ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އިންގްލެންޑްގެ ދެ ވަނަ ޕެނަލްޓީ ބެލިންހަމް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ސްވިޒަލެންޑްގެ ދެ ވަނަ ޕެނަލްޓީ ފަބިއަން ޝެއާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

އިންގްލެންޑްގެ ތިން ވަނަ ޕެނަލްޓީ ސަކާ ކާމިޔާބުކުރިއިރު، ސްވިޒަލެންޑްގެ ތިން ވަނަ ޕެނަލްޓީ ޒެރްޑަން ޝަގީރީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. އިންގްލެންޑްގެ ހަތަރު ވަނަ ޕެނަލްޓީ، އައިވަން ޓޯނީ ކާމިޔާބުކުރިއިރު، ސްވިޒަލެންޑްގެ ހަތަރު ވަނަ ޕެނަލްޓީ ޒެކީ އަމްދޫނީ ވަނީ ކާމިޔާބުކޮށްފަ އެވެ.

އިންގްލެންޑްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް (ކ) އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ކީޕަރު ޕިކްފޯޑާ އެކު އުފާފާޅުކުރަނީ.

އިންގްލެންޑްގެ ފަސް ވަނަ ޕެނަލްޓީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ކާމިޔާބުކޮށް އިންގްލެންޑް ސެމީ ފައިނަލަށް ގެންގޮސްދިނީ އެވެ.

މިއީ، އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް އެ ޓީމަށް ކޯޗުކޮށްދިން 100 ވަނަ މެޗެވެ. އޭނާ ވަނީ އެ ޓީމަށް 61 މޮޅު ހޯދައިދީފަ އެވެ. ތޭވިސް މެޗުން އެއްވަރުވިއިރު، 16 މެޗުން ވަނީ ބަލިވެފަ އެވެ.

ސްވިޒަލެންޑް މި ވަނީ ޖެހިޖެހިގެން ދެ ޔޫރޯގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox