ޔޫރޯ 2020: ތުރުކީ ބަލިކޮށް އިޓަލީ އަށް އުފާވެރި ފެށުމެއް

Jun 11, 2021, 8:51 PM
އިޓަލީގެ އިމޯބިލޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިޓަލީގެ އިމޯބިލޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޯމް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ތުރުކީ އަތުން 3-0 އިން މޮޅުވެ، މި ފަހަރު މުބާރާތަށް ރަނގަޅު ރެކޯޑަކާ އެކު ކުރިމަތިލި އިޓަލީން ފެށުން ރަނގަޅުކޮށްފި އެވެ.

މި ނަތީޖާއާ އެކު އިޓަލީން ވަނީ މެޗަކުން ބަލިނުވެ 28 މެޗު ހަމަކޮށްފަ އެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. މި ފަހަރުގެ ޔޫރޯ ކޮލިފައިންގެ ހުރިހާ މެޗަކުން މޮޅުވި އިޓަލީ ވަނީ މިރޭގެ މެޗު ހިމަނައިގެން އެންމެ ފަހުން ކުޅުނު ނުވަ މެޗުން ބައިކޮޅަށް ގޯލެއް ނުވަދެ މޮޅުވެފަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ތުރުކީގެ ޑިފެންޑަރުން އަތުގައި ޖެހުނު ގިނަ ބޯޅަތަކެއްގައި ޕެނަލްޓީ އަށް އެޕީލްކުރި އެވެ. އެކަމަކު މެޗުގައި އިންސާފުކުރި ނެދަލެންޑްސްގެ ރެފްރީ ޑެނީ މަކީލީ އަށް ޕެނަލްޓީއެއް ކަމަށް ނުފެންނާތީ ނުދިނެވެ. ބައެއް ނިންމުންތަކުގައި އޭނާ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ލަފާ ވެސް ހޯދައިފަ އެވެ. މިއީ ޔޫރޯ ތާރީހުގައި ވީއޭއާރް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

ދެ ވަނަ ހާފް ފަށައިގެން ތުުރުކީގެ ހާފް ތެރޭގައި އިޓަލީން ބޯޅަ ހިފަހައްޓައިގެން ކުޅެ ޖާގަ ހޯދައިގެން ރަނގަޅަށް އެޓޭކްކުރަން ފެށި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 53 ވަނަ މިނިޓްގައި އިޓަލީން ލީޑުނެގުމެވެ. އެ ޓީމުގެ މި ގޯލަކީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމައިރަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ތުރުކީ އޭރިއާތެރެއިން އިޓަލީގެ ޑޮމެނިކޯ ބެރާޑީ އަށް ލިބުނު ފުރުސަތުގައި އޭނާ ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެމައިރަލް ގައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.

ލަނޑު ޖެހުމަށް ފަހު އިޓަލީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 66 ވަނަ މިނިޓްގައި އިޓަލީގެ ދެ ވަނަ ގޯލު ޖެހީ އެ ޓީމުގެ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ. އޭރިއާތެރެއިން ލެއޮނާޑޯ ސްޕިނަޒޯލާ ޖެހި ބޯޅަ ތުރުކީ ކީޕަރު އުގުރުހާން ހާކިރް އަތުގައި ޖެހިފައި ނުކުތްވަގުތު އިމޯބިލޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ތުރުކީގެ ކުރިއަށް ކުޅެމުންދިޔަ ބުރަކް ޔިލްމާޒާއި ޗެންގިޒް އުންޑެއާ އަށް ލިބޭ ބޯޅަތަކުގައި އެންމެ ރަނގަޅަށް ބޭނުމެއްނުކުރެވުނެވެ. އަދި އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަށް ނުރައްކާ ކުރާވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ.

އިޓަލީން ތިން ވަނަ ގޯލު ޖެހީ މެޗުގެ 79 ވަަނަ މިނިޓްގަ އެވެ. އިމޯބިލޭ ޖައްސާލި ބޯޅަ އިންސީނިއޭ ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ ޔޫރޯ ތާރީހުގައި އިޓަލީން އެއް މެޗެއްގައި ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އެ ޓީމުން މިރޭގެ ކުރިން ކުޅުނު 38 މެޗުން އެކަން ކުރެވިފައިނުވެ އެވެ.

މި މެޗުން ބަލިވުމާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން މޮޅެއް ހޯދުމަށް ތުރުކީން ކުރާ އިންރިޒާރު ދިގުވީ އެވެ. މީގެ ކުރިން އެ ޓީމު ކުޅުނު ހަތަރު ޔޫރޯ މުބާރާތުގެ ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އިޓަލީ އަތުން މޮޅެއް ނުލިބި އިތުރު މެޗެއް ނިންމާލަން ޖެހުނުއިރު، މިހާތަނަށް ތުރުކީ ވަނީ އިޓަލީއާ 11 ފަހަރު ބައްދަލުކޮށްފަ އެވެ. ޔޫރޯގައި މީގެ ކުރިން މި ދެ ޓީމު ވާދަކުރީ 2000 ވަނަ އަހަރުގެ ޔޫރޯގަ އެވެ. އެ ފަހަރު އިޓަލީ މޮޅުވީ ފަހަތުން އަަރައި 2-1 އިންނެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ވޭލްސް ކުޅޭނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox