ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތުތަކުން އަހުމަދު މަހުލޫފު އެކަހެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.
މިއީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މަހުލޫފު މަގާމުން އެކަހެރިކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާގެ ނަން ހިޔާނާތާ ގުޅުނު ހިސާބުން ރައީސް ސޯލިހު، ވަނީ މަހުލޫފު މަގާމުން އެކަހެރިކުރައްވާފަ އެވެ. ނަމަވެސް، އެކަމުގައި މަހުލޫފުގެ މައްސަލައެއް ނެތް ކަމަށް ތަހުގީގީ އިދާރާތަކުން އެންގި ކަމަށް ބުނެ ފަހުން ވަނީ މަހުލޫފު އަނެއްކާވެސް މަސައްކަތަށް ނެރުއްވާފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި މަސައްކަތްތަކުން މަހުލޫފު އެކަހެރިކުރުމަށް އަންގާފައިވަނީ އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ގޮތެއް ނިންމަންދެން ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަދު އެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރަން މި ފޮނުވީ ފުލުހުންނާއި އެސެޓް ރިކަވަރީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕީޖީ އޮފީހުގެ ވެސް ބައިވެރިވުމާ އެކު ހިންގި ތަހުގީގަށް ފަހު އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަ ނިންމައި ދައުވާކޮށްދޭން ފުލުހުންނަށް ހުށަހެޅުމުން ދައުވާ ނުކޮށް ގިނަ ދުވަސްތަކެއް ހޭދަވި އެވެ. ފަހުން އެ މައްސަލަ ފޮނުވީ އޭސީސީއަށެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ.
އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ފައިސާ ލިބިފައިިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އޭސީސީން ބުނިގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މަހްލޫފަށް ޗެކަކުން ފައިސާ ޖަމާކުރެއްވީ ސަރުކާރާ އެއްކޮޅަށް އެ ބިލް ފާސްކުރަން ވޯޓު ދެއްވުމަށް ކަމަށް ތަހުގީގުން އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ.
އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ - އޭސީސީ
ކޮމިޝަނުން ބުނިގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.
މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާ އަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުންޏެވެ.
މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިފަ އެވެ.
މަހްލޫފްގެ އިތުރުން އޭނާގެ ކޮއްކޮ އަލީ މުބީންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ މުއާމަލާތް ސައްހަކަމަށް ދައްކަން ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ހިޔާނާތުގެ ތުހުމަތުކުރުމުން މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެކައުންޓަށް 33،000 ޑޮލަރު ވަދެފައި އޮތީ ސައްހަ މުއާމަލާތަކުންނެވެ.
އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން އާއްމުކުރި ހިޔާނާތުން މަންފާވި ލިސްޓުގައި ނަން ހިމަނާފައި އޮތުމުން، އެހެން މީހުންނެކޭ އެއްގޮތަށް މަހްލޫފް ވެސް ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ. އޭނާވެސް ތުހުމަތު ކުރެއްވި ގޮތުގައި، ލިސްޓަށް ނަން އެރުވުމަކީ ސިޔާސީ ކަމެކެވެ.












